އެމެރިކާގެ ދެ ޖަމިއްޔާއަކުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް މަންހަޓަންގެ ފެޑެރަލް ކޯޓެއްގައި ދައުވާކޮށްފިއެވެ. މި ދައުވާކޮށްފައިވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މަސައްކަތް ހުއްޓުވުމަށް އެ ކޯޓާ ދެކޮޅަށް އެމެރިކާ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ އެމެރިކާ ރައްޔިތުންގެ ގާނޫނީ ހައްގުތަކަށް އަރައިގަތުން ކަމަށް ބުނެއެވެ.
މި ދައުވާކޮށްފައިވަނީ "ޑިމޮކްރަސީ ފޯ ދަ އަރަބް ވޯލްޑް ނައު" ޑޯން އާއި "ޓެކްސްޕޭޔާސް އަގެއިންސްޓް ޖެނޮސައިޑް" ޓާގް ކިޔާ ދެ ޖަމިއްޔާއަކުންނެވެ.
ދައުވާގެ މައިގަނޑު ސަބަބުތައް:
-
ހައްގުތަކަށް ހުރަސް އެޅުން: ޓްރަމްޕްގެ ސަރުކާރުން ނެރުނު އެގްޒެކެޓިވް އޯޑަރެއްގެ ސަބަބުން، ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތު ކުރާ އެމެރިކާ ރައްޔިތުންނަށް، އެމެރިކާ އާއި އިޒްރޭލުގެ ޖަރީމާތައް ތަހުގީގުކުރުމަށް Iއައިސީސީ އަށް އެހީތެރިވުމުގެ ފުރުސަތު ބަންދުވެފައިވާ ކަމަށް ޖަމިއްޔާތަކުން ބުނެއެވެ.
-
މަނާކުރުން: ޓްރަމްޕްގެ ސަރުކާރުން ވަނީ އައިސިސީ ގެ މުވައްޒަފުންނަށް ފިޔަވަޅު އަޅައި، އެމެރިކާއަށް އެތެރެވުން މަނާކޮށްފައެވެ. ސަރުކާރުން ބުނާ ގޮތުގައި މި ފިޔަވަޅުތައް އެޅީ އެމެރިކާ އާއި އިޒްރޭލަށް އަމާޒުކޮށް އައިސީސީއިން ކުރާ "ގާނޫނާ ހިލާފު" ތަހުގީގުތަކާ ގުޅިގެންނެވެ.
-
ފުރަތަމަ ފަހަރު: މިއީ އައިސީސީގެ ފިޔަވަޅުތަކާ ދެކޮޅަށް ކުރި ދައުވާތަކުގެ ތެރެއިން، އެމެރިކާ ރައްޔިތުންގެ ވާހަކަދެއްކުމުގެ މިނިވަންކަމާއި، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމުގެ ހައްގަށް އިސްކަންދީގެން ކުރި ފުރަތަމަ ދައުވާއެވެ.
ފަހުގެ ހާދިސާތައް
ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި ޓްރަމްޕްގެ ސަރުކާރުން ވަނީ އައިސީސީ އާއި ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކޮށްފައެވެ.
-
އިންޒާރު: އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ ވަނީ އައިސީސީ އިން އިޒްރޭލުގެ އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އަޅަން އުޅޭނަމަ، އެ ކޯޓު "ހިލަގަނޑަކުން ހިލަގަނޑަކަށް" ރޫޅާލައި ބައިބައިކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ.
-
ފިޔަވަޅުތައް: އެމެރިކާ ސަރުކާރުން ވަނީ ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ތިން ޖަމިއްޔާއަކަށާއި، އދ. ގެ ހާއްސަ ރިޕޯޓަރު ފްރާންޗެސްކާ އަލްބަނީޒްއަށާއި، އައިސީސީ ގެ ޕްރޮސެކިއުޓާ ކަރީމް ޚާންގެ އިތުރުން ހަތަރު ފަނޑިޔާރަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
ދުނިޔޭގެ ޕޮލިސް މީހާއަށް ވެގެން އުޅޭ ބާރު ދައްކާ އެމެރިކާއަކީ އައިސީސީގެ މެމްބަރު ގައުމެއް ނޫނެވެ. އެ ގައުމުން 2000 ވަނަ އަހަރު ކޯޓު އުފެއްދި މުއާހަދާގައި ސޮއިކުރި ނަމަވެސް، މިހާތަނަށް އެ މުއާހަދާ ތަސްދީގުކޮށްފައެއް ނުވެއެވެ. އެމެރިކާއަކީ އަމިއްލަ އެދުމަށް ބައިނަލްއަގްވާމީ ނިޒާމު ރޫޅާލާ ގައުމެކެވެ.





