ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި ދިރިއުޅޭ އުއިގޫރު ދަރިކޮޅުގެ މީހުން ކުރު މުއްދަތަކަށް ހައްޔަރުކުރުމަށް، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން 2023 ވަނަ އަހަރު އާ އަމުރުތަކެއް ނެރެފައިވާ ކަމަށް ޗައިނާގެ ކުރީގެ ފުލުހަކު ހާމަކޮށްފިއެވެ. މި މައުލޫމާތުތަކުން އެނގޭ ގޮތުގައި، 2017 އާއި 2019 އާ ދެމެދު ހިންގި މީހުން ހައްޔަރުކުރުމުގެ ކެމްޕޭން މަޑުޖެހިފައިވީ ނަމަވެސް، މަޖުބޫރުކުރުވުމުގެ ސިޔާސަތުތައް އަދިވެސް ދަނީ ކުރިއަށެވެ.
މައުލޫމާތު ހާމަކުރި ފަރާތުން (ފޮޓޯގައި) ބުނި ގޮތުގައި، ޝިންޖިއާންގެ ލޯކަލް އޮފިޝަލުންނަށް ވަނީ ވަކި އަދަދަކަށް މީހުން ހައްޔަރުކުރުމަށް އަމުރުކޮށްފައެވެ. މިގޮތުން، ދައުލަތުން އިންތިޒާމުކުރާ ހަރަކާތްތަކަށް ހާޒިރުނުވުމާއި، އުޖޫރައަކާ ނުލައި މަސައްކަތް ކުރުމަށް އިންކާރު ކުރުން ފަދަ ކުދިކުދި ކަންކަމުގައި ވެސް 15 ދުވަހުގެ މުއްދަތަށް މީހުން ހައްޔަރުކުރެވެއެވެ.
މިފަދަ ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ ބިރުދެއްކުމުގެ ތެރެއިން ސަރުކާރުގެ ނިންމުންތަކަށް މީހުން ބޯލންބުވުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ އާންމުންގެ މައްޗަށް އޮތް ކޮންޓްރޯލް ވަރުގަދަކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، މި އާ ތުހުމަތުތަކުން ހާމަވަނީ ޝިންޖިއާންގެ ހާލަތު ހަމައަކަށް އެޅިފައިވާ ކަމަށް ޗައިނާ ސަރުކާރުން ބުނި ނަމަވެސް، އުއިގޫރު މުސްލިމުންނަށް ކުރާ ފިއްތުންތަކާއި ފާރަވެރިވުން އަދިވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމެވެ. ޗައިނާ އިން ބުނަނީ މިފަދަ ވާހަކަތަކަކީ ޗައިނބާގެ އަގު ވައްޓާލުމަށް ފަތުރާ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ޗައިނާ ސަރުކާރުން ވަނީ ޝިންޖިއާންގައި އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ކުރެވޭ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރުކޮށްފައެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.


