އިންޑިއާގެ ހައިސްޕީޑް ރޭލުގެ މަސައްކަތް ކުރިއަށް ގެންދަނީ

އިންޑިއާގެ ފުރަތަމަ ހައިސްޕީޑް ރޭލްގެ މަގުތައް އެޅުމުގެ މަސައްކަތް ލާސޯ އެންޑް ޓާރބޯ (L&T) އަށް ލިބިއްޖެއެވެ. މި ކުންފުނިން އަޅާ ފުރަތަމަ ހައިސްޕީޑް ރޭލް ލައިން އޮންނާނީ ގުޖުރާތުގެ ވަޅޯދްރާއިން މުމްބާއި ކައިރީގައި އޮންނަ ވާޕީއަށެވެ. މިއީ 237 ލިކޯމީޓަރުގެ ރޭލްވޭއެކެވެ.

މި މަސައްކަތަށް ތިން ކުންފުންޏަކުން ކުރިމަތި ލިއެވެ. 3.3 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓްގެ ކޮންޓްރެކްޓް ލިބިފައި ވަނީ އެލްއެންޓީއަށެވެ.

އިންޑިއާ ސަރުކާރުން، އެ ގައުމުގެ ކުންފުނިތަކަށް މި ކަމަށް ކުރިމަތިލާން ހިތްވަރު ދިނެވެ. ޓާޓާ އިންވެސް ކުރިމަތިލިއެވެ.

ލަފާ ކުރެވޭ ގޮތުގައި އިންޑިއާއިން ބޭނުން ކުރާނީ ޖަޕާނުގެ ބުލެޓް ޓްރެއިން ޓެކްނޮލޮޖީއެވެ. އެހެންނަމަވެސް އެއް ފައްތަރެއްގައި އިންޑިއާގެ ހައިސްޕީޑް ރޭލުގެ މަސައްކަތުގައި އުޅޭ ސަރުކާރުގެ އިދާރާ ނޭޝަނަލް ހައިސްޕީޑް ރެއިލް ކޯޕަރޭޝަން އިން ބުނެފައި ވަނީ ޖަޕާނުގެ އަގުތައް ބޮޑުތަނުން މަތިކަމަށެވެ.

މި އިދާރާއިން ދަނީ ހައިސްޕީޑް ރޭލްގެ އަށް ރޭލްވޭގެ މަސައްކަތަށް ތައްޔާރު ވަމުންނެވެ. މިއީ ޖުމުލަ 17 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ޕްރޮޖެކްޓްތަކެކެވެ. މީގެ ތެރޭން 13.7 ބިލިއަން ޑޮލަރަކީ ލޯން ފައިސާއެވެ. ޖަޕާން އިންޓަރނޭޝަނަލް އެޖެންސީން މި ލޯން ދެނީ 0.1 (ސުމެއް ޕޮއިންޓް އެކެއް) ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގައެވެ.

ހައިސްޕީޑް ރޭލްވޭއިން ގުޅާ ލެވޭ ސިޓީތަކަކީ، ދިއްލީ، އަމްރިޓްސާ،  ވަރަނާސީ، އަހްމަދުއާބާދު، މުމްބާއީ، ހައިދަރްއާބާދު، ނާގްޕޫރު، ކޯލްކަޓާ އަދި ޗެންނާއިއާއި މައިސޫރެވެ.

އިންޑިއާއިން ޖަޕާނުން ރޭލް އިންޖީން ގަންނާނެ ކަމެއް ނުވަތަ އިންޓަރނޭޝަނަލް ބިޑިންގއަށް ދާނީ ކަމެއް އަދި ސާފެއް ނުވެއެވެ.

79 ހާސް މޭލުގެ ދިގު ރެއިލްވޭއެއް އޮންނަ އިންޑިއާއަކީ ދުނިޔޭގެ 4ވަނައަށް އެންމެ ބޮޑު ރެއިލްވޭ އެވެ. ދުވާލެއްގެ މައްޗަށް އިންޑިއާއިން 19 ހާސް ރޭލް އޮޕަރޭޓް ކުރެއެވެ.

 

ހިއްސާ ކުރައްވާ!