އީރާނުގެ ހަމަލާތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ މަރުކަޒުތައް ސުންނާފަތިވެ، ސިފައިން ހޮޓާތަކަށް ބަދަލުވާން ޖެހިއްޖެ

އިސްރާއީލާއި އެމެރިކާއިން ދެމުންދާ ޓެރަރިސްޓް ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން ވަރުގަދަ ދިފާއީ ހަމަލާތައް ކާމިޔާބު ވުމާ ގުޅިގެން، އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އަސްކަރީ މަރުކަޒުތައް ދޫކޮށް އާންމު ހޮޓާތަކާއި އޮފީސް އިމާރާތްތަކަށް ބަދަލުވެ ބިންމަތީގައި ނިދަން ޖެހިފައިވާ ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފިއެވެ. މި ކަމުގެ ސަބަބުން އެމެރިކާގެ އެއްގަމު ސިފައިންގެ ބޮޑު ބައެއް މިހާރު ހަނގުރާމަ ކުރަމުންދަނީ ދުރުގައި ތިބެގެން ކަމަށާއި، އަސްކަރީ މަރުކަޒުތަކުގައި މިހާރު ތިބީ ފައިޓަރު ޖެޓްތަކުގެ ޕައިލެޓުންނާއި މަރާމާތުކުރާ މީހުން އެކަނި ކަމަށް އެ ނޫހުން ބުނެއެވެ.

މެދުއިރުމަތީގައި އެމެރިކާއިން ބޭނުންކުރާ 13 އަސްކަރީ މަރުކަޒެއްގެ ތެރެއިން ގިނަ ތަންތަނަކީ މިހާރު މީހުން ދިރިއުޅެވޭ ފަދަ ހާލަތެއްގައި ހުރި ތަންތަނެއް ނޫނެވެ.

އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުވައިތުގައި ހުރި މަރުކަޒުތަކަށެވެ. ކުވައިތުގެ ޕޯޓް ޝުވައިބާގައި ހުރި އެމެރިކާގެ ޓެކްޓިކަލް އޮޕަރޭޝަންސް ސެންޓަރަށް ދިން ހަމަލާގައި އެމެރިކާގެ 6 ސިފައިން މަރުވެފައިވާ އިރު، އަލީ އައްސާލިމް އެއާބޭސްއަށާއި ކޭމްޕް ބިއުރިންގަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.

މީގެ އިތުރުން ގަތަރުގައި ހުންނަ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ މައި މަރުކަޒު ކަމަށްވާ އަލް އުދައިދު އެއާބޭސްގެ ރޭޑާ ސިސްޓަމްތަކަށާއި، ބަހްރޭންގައި ހުންނަ ފިފްތް ފްލީޓްގެ މުވާސަލާތީ ވަސީލަތްތަކަށް ވެސް އީރާނުގެ ޑްރޯން ހަމަލާތައް ވަނީ އަމާޒު ކޮށްފައެވެ. ސައުދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން އެއާބޭސްގެ މުވާސަލާތީ ނިޒާމަށާއި ތެޔޮ އަޅާ ޓޭންކަރުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ވަނީ އެމެރިކާ ސިފައިން ހޮޓާތަކުގައި ތިބޭ ތިބުމަކީ އާންމު ރައްޔިތުން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރުން ކަމަށް ތުހުމަތުކޮށްފައެވެ. އައިއާރުޖީސީގެ އިންޓެލިޖެންސް ވިންގުން ވަނީ ސަރަހައްދުގެ ރައްޔިތުންނަށް އިލްތިމާސްކޮށް، އެމެރިކާ ސިފައިން ތިބޭ ތަންތަން ޓެލެގްރާމް މެދުވެރިކޮށް އަންގައިދިނުމަށް އެދިފައެވެ. "އެމެރިކާގެ ޓެރަރިސްޓުން ތިބޭ ތަންތަން ދެނެގަނެ އެ މައުލޫމާތު ހިއްސާކުރުމަކީ އިސްލާމީ ވާޖިބެއް،" އީރާނުގެ މެސެޖުގައި ބުނެފައިވެއެވެ.

ނިއުޔޯކް ޓައިމްސްއިން ފާހަގަކޮށްފައިވާ ގޮތުގައި، މި ހާލަތުގެ ސަބަބުން ޓްރަމްޕް އިދާރާގެ ހަނގުރާމައިގެ ތައްޔާރީތަކާމެދު ވަނީ ސުވާލު އުފެދިފައެވެ. އެމެރިކާގެ ކުރީގެ ދެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ސައުދީގެ ޕްރިންސް ސުލްތާން އެއާބޭސް ފަދަ ތަންތަނުގެ ކޮމާންޑް ސެންޓަރުތަކަކީ ހަމަލާތަކުން ރައްކާތެރިވާ ފަދަ ވަރުގަދަ ފުރާޅުތަކެއް ހުރި ތަންތަނެއް ނޫނެވެ. އަދި މި ހަނގުރާމައިގައި އަވަސްއަރުވާލައިގެން ބޭނުންކުރަން ފެށި ރީފިއުލިންގ ޓޭންކަރުތަކުގެ ތެރެއިން ދެ ބޯޓެއް ވައިގެ ތެރޭގައި މުޑިއަރައި، މި މަހު ވަނީ 6 ސިފައިން މަރުވެފައެވެ.

އީރާނުން ބުނާ ގޮތުގައި އެ ގައުމުގެ ވައިގެ ސަރަހައްދުން މިހާތަނަށް އެމެރިކާގެ ދެ ހަނގުރާމަމަތީ ބޯޓު ވަނީ ވައްޓާލާފައެވެ. އެމެރިކާގެ ބޯޓުތައް ޝިކާރަ ކުރަން އެންމެ މޮޅީ އީރާނެވެ.އ ަދި މިހާތަނަށް ރެކޯދް ހަދާފައިވާ ގައުމަކީ އެއީ އެވެ.

ހިއްސާ ކުރައްވާ!