ވާހަކަ: ޗާނދަނީ މާ (1ވަނަ ބައި)

ވާހަކަ ލިޔުނީ: އަހުސަން

ތަޢާރަފް:

ޣައިބު ގައިވާ ކަންތައްތަކަކީ އަހަރެމެން މުސްލިމުން ޤަބޫލުކުރަމުން އަންނަ ކަންކަމެވެ. އަހަރެމެން މުސްލިމަކަށް ވުމަށްޓަކައި ވެސް ޣައިބުގައިވާ ކަންކަން އަހަރެމެންގެ ހިތުގެ އަޑިން ޤަބޫލުކޮށް ތެދުކުރަންޖެހޭ ކަމީ އަޅުގަނޑުމެންގެ އީމާންކަމުގެ ތެރޭގައިވާ ކަމެކެވެ. ސުވަރުގެ އާއި ނަރަކަ އަހަރެމެންގެ ލޮލަކަށް ނުފެނެއެވެ ނަމަވެސް ޤުރުޢާނާއި ކީރިތި ރަސޫލާގެ ހަދީސުގައި މިތަންތަނުގެ ވާހަކަ އައިސްފައިވާތީ އަހަރެމެން ސުވަރުގެ އާއި ނަރަކަ ވާކަމަށް ޤަބޫލުކުރަމެވެ. އަހަރެމެންނަށް، އަހަރެމެން ހެއްދެވި ފަރާތެއް ނުފެނެއެވެ. ނަމަވެސް ކޮންމެ ދިރުމެއްގެ ފެށުން ވާ ހިސާބުން ކޮންމެވެސް ބާރެއް ނުވަތަ ކޮންމެވެސް ފަރާތެއް ވާކަން އަހަރެމެންނަށް އަންގައިދެނީ ޤުރުއާނުންނާއި ރަސޫލާގެ ހަދީޘުންނެވެ. ވުމާއެކު ޤުރުއާނާއި ރަސޫލާގެ ހަދީޘުން ޖިންނި ޝައިތާނުންނަކީ ވެސް އަހަރެމެންނެކޭ އެއްފަދައިން އުޅޭ އެއްޗެއްކަން އަހަރެމެންނަށް އެނގިގެންދެއެވެ.

ޖިންނީންނާއި ޝައިތާނުން ނަކީ ވެސް ޤަބީލާތަކަކަށް ދީންތަކަކަށް ބައިތަކަކަށް ނިސްބަތް ވެގެންވާ ބައެއްކަން ދެކޮޅެއް ހެދުމެއްނުވާ އަދި އެއާ އެއްފަދަ އެހެން އެއްވެސް ފޮތެއް ނުވާ ޤުރުއާނުން އަދި ރަސޫލާގެ ހަދީޘްތަކުން ވަނީ ބަޔާންކޮށްދީފައެވެ. ޖިންނީންގެ ތެރޭގައި، ޢާމިރު ޖިންނި އާއި، ޤަރީނު ޖިންނި އާއި، މާރިދު ޖިންނި އާއި، ޢިފުރީތު ޖިންނި އާއި، މިނޫން ޖިންނިތައް ހިމެނެ އެވެ. މީގެ ތެރޭގައި މުސްލިމު ޖިންނި އާއި ކާފަރު ޖިންނިވެސް ހިމެނެއެވެ.

އަހަރެމެން ޤަބޫލުކުރާ ގޮތުގައި އަދި ކީރިތި ޤުރުޢާނުގައިވާ ފަދައިން ޖިންނީން ނަކީ ސިފަ ބަދަލު ކުރެވޭ ބަޔެކެވެ. އެގޮތުން އިންސާނުންނަށް ޖިންނިން ފެންނަ ހިނދު އެ ޖިންނި ބޭނުންވާ ސިފައެއްގައި ފެނިއުޅުމުގެ ބާރު އެޖިންނިންނަށް ލިބިގެންވެއެވެ. ލޯތްބާއި، ނަފްރަތާއި، ރުޅިވެރިކަމާއި ބަދަލު ހިފުމަކީވެސް ޖިންނީންގެ ކިބައިގައި ހުންނަ ކަމެކެވެ. ޖިންނި މޮޔަވެގެން އުޅޭ ވާހަކަ އާއި ޖިންނި އަވަލައިގެން އުޅޭ ވާހަކަ އަޑުއިވޭލެއް ވަކި މަދެއް ނޫނެވެ. އެކަމަކީ ގޯސްކަމެއް ކަމުގައި ވީ ނަމަވެސް އިންސާނުން އަނެއް އިންސާނުންނަށް އުނދަގޫ ކުރުމުގެ ގޮތުންނާއި ގެއްލުމެއް ދިނުމުގެ ގޮތުންނާއި ބަދަލު ހިފުމުގެ ގޮތުން އެކި ކަހަލަ ޖިންނި ބޭނުންކުރެވެއެވެ. އިންސާނުންނާއި ޖިންނީންނާ ދެމެދު ގުޅުންތަކެއް ވާކަން އަހަރެން ޤަބޫލުކުރަމެވެ. ނަމަވެސް، ސުވާލަކީ އަހަރެން އެކަންކަން ޤަބޫލުކުރުމެއް ނޫނެވެ. ތިބާ އެކަންކަން ޤަބޫލުކުރާ މިންވަރެވެ. އަހަރެން މިއަދު މި ހުށަހަޅައިދެނީ ހުދު އަހަރެންނާ ކުރިމަތިވި ހާދިސާއެކެވެ. ނަމަވެސް، މިކަމާމެދު ޤަބޫލުކުރާ ކުރުން ނިންމާނީ ތިޔަފަރާތުންނެވެ.

ވާހަކަ

އަހަރެންގެ ނަމަކީ ޒާރާއެވެ. އެއިރު އަހަރެން ކިޔަވަމުން ގެންދިޔައީ މާލޭ ގެ ސްކޫލެއްގަ އެވެ. އެހެނިހެން ކުދިންނެކޭވެސް އެއް ފަދައިން އަހަރެންވެސް ދިޔައީ އަހަރެންގެ އެންމެ ޒުވާން ދުވަސްވަރު ގުނަމުންނެވެ. ފަހަކަށް އައިސް ލޯބީގެ ގޮތުން ޒުވާން އުމުރުގައި ނުވަތަ ކިޔަވާ ދުވަސްވަރުގައި ގުޅުން އޮތުމަކީ ހަޑިކަމަކަށް ނުވެއެވެ. އެގޮތުން ގްރޭޑް 9 ގައި އަހަރެން ކިޔަވަމުން ދިޔައިރު އަހަރެންވެސް އުޅުނީ ކުއްޖަކާ ރަށްޓެހިވެގެންނެވެ. ނަމަވެސް، އޭނާ ކިޔަވަމުން އަންނަނީ އެހެން ސްކޫލެއްގައި ކަމުން ދިމާ ވަނީ ވަރަށް ވެސް މަދުންނެވެ. ވުމާއެކު، ދެމީހުންވެސް ނިމޭ ގަނޑީގައި ކުޑަ ތަފާތެއް އުޅޭތީ އާމިރަށް އަހަރެން ބަލާ އާދެވޭ އިރު ހުންނަނީ ކުޑަ ވަގުތުކޮޅެއް ފާއިތުވެގެން ގޮސްފައެވެ. ނަމަވެސް، އަހަރެންވެސް އާމިރު އާ އެކު ވަގުތު ކޮޅެއް ކޮންމެ ދުވަހަކުވެސް ހޭދަކުރަން ބޭނުން ވާތީ އާމިރުއަށް އިންތިޒާރު ކުރުމަކީ އަހަރެން ވަރަށް ގަޔާވެ ކުރަމުން އަންނަ ކަމެކެވެ.

ދުވަހަކީ ހަފްތާގެ ބުރާސްފަތި ދުވަސްކަމުން ހުކުރު ދުވަހުގެ ގިނަ ވަގުތު ގޭގެ މަސައްކަތުގައާއި ފިޅާވަޅުތައް ހެދުމުގައި އަދި ދަސްކުރުމުގައި އުޅެން ބޭނުންވާތީ ކޮންމެހެންވެސް ބުރާސްފަތި ދުވަހު އާމިރުއާ އެކު ވަގުތުކޮޅެއް ހޭދަކުރުމަކީ މުހިންމުކަމަކަށް ވާތީ އަހަރެން ސްކޫލް ނިމިގެން މަޑުކުރީ އަހަރެން ބަލާ އާމިރު އަންނަންދެނެވެ. އިންތިޒާރު ކުރަމުން ވަގުތުތައް ގުނަމުން ގޮސް އަހަރެން މަޑުކޮށްލީ ސްކޫލްގެ ކަންމަތީގައެވެ. އެއިރު މަޣްރިބް ނަމާދު ބަންގި ގޮވާފިއެވެ. ނަމަވެސް އާމިރުއާ ބައްދަލުކުރުން މުހިންމުކަމުން ގެއަށް ނުގޮސް އަހަރެން މަޑުކުރީއެވެ. އެއްވެސް އިހުތިޔާރަކާ ނުލާ ސްކޫލްގެ ކަންމަތީގައި ހުރި ޗާންދަނީ ގަހުން އަހަރެން ދެތިން މާ ބިދެލީމެވެ. އަދި ވަސް ބަލާލީމެވެ. އާމިރު އޭނާގެ ބައިސްކަލުގައި އައިސް މަޑުކޮށްލުމަށް ފަހު ބައިސްކަލުން ފޭބިއެވެ. އަދި ބައިސްކަލު އަތުން ހިފައިގެން އަހަންނާއެކު އަހަރެންގެ ގެއާ ދިމާލަށް ދެމީހުންވެސް މިސްރާބު ޖެހީމެވެ. ހިނގަމުން ވަކި ހިސާބަކަށް ދެވުނު ފަހުން އަހަރެން ގެ އަތުގާ އޮތް މާ އެއްލާލީމެވެ.

ރަށުގައި ރަނގަޅު ތަޢުލީމެއް ލިބެން ނެތްކަމުން މާލޭގެ ގެއެއްގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން އަހަރެންނާ އެކު އަހަރެންގެ ދެ އެކުވެރިން އުޅެމުން އައީ ވަރަށް ހަމަޖެހިގެންނެވެ. އެއްވެސް ބައެއްގެ އުދަގުލަކާނުލާ އުޅުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ. ގަޑިން ދަންވަރު 2 ޖެހީއެވެ. އަހަރެންނަށް ހޭލެވުނީ ބިއްލޫރި އެއްޗެއް ވެއްޓި ތަޅައިގެން ދިޔަ އަޑަށެވެ. އަހަރެން ހޭލާ ކޮޅުކޮޅަށް ބަލައިލީމެވެ. އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އަދި އަހަރެންގެ ދެ އެކުވެރިންވެސް ތިބީ ގަދަ ނިދީގައެވެ. ތެދުވެގެން ގޮސް ފާހާނާ ބަލާލުމަށްފަހު އަހަރެންނަށް ހީވި ހީވުމެއް ކަމަށް ހަދާ އަހަރެން އަނެއްކާވެސް އޮށޯތީއެވެ.

ޖެހިގެން އައި ރެވެއެވެ. ހަމަ 2 ޖެހިއިރެވެ. އަނެއްކާވެސް ހޭލެވުނީ ހަމައެއަޑަށެވެ. ނަމަވެސް ކުރީ ރެއެކޭވެސް އެއް ފަދައިން އެއްވެސް ނިޝާނެއް ނެތެވެ. އެދުވަހު އާމިރުއާ ބައްދަލުވި ވަގުތު އަހަރެން އޭނާ ގާތު އެވާހަކަ ބުނީމެވެ. އާމިރު އެއީ ސަމާސާއެއް ކަމަށް ހަދާ އަހަރެންނާ ދުރުގައި މިހެން ހުންނަން ޖެހޭތީ އާމިރުގެ ހިތް ތަޅައިގެންދާ އަޑު ކަމަށްބުނެ ވާހަކަ އޮއްބާލިއެވެ. އަހަރެންވެސް މާބޮޑު ކަމަކަށް ނަހަދަމެވެ. އެރޭ 9 ޖެހިއިރު ތަންކޮޅެއް ކުރިން ނިދަން ތައްޔާރުވުމުގެ ގޮތުން ލައިގެން ހުރި ހެދުން ބޮލުން ބާލަން ހިފާލީމެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައީ އަހަރެންގެ ނަމުން އަހަރެންގެ ކަންފަތް ކައިރިން ވައި އަޑަކުން މީހަކު ގޮވާލި އަޑަށެވެ. ހެދުން ބޮލުން ދަމައިގަތުމުގެ ބަދަލުގައި އަނެއްކާވެސް ތިރިކޮށްލީމެވެ. ރަނގަޅަށް އެނބުރި ބަލާލީމެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އަނެއް ދެ އެކުވެރިންވެސް ކޮޓަރީގައި ނެތްކަމުން ހީވި ހީވުމެއް ކަމަށް ނިންމާ ދެވަނަ ފަހަރަށްވެސް ހެދުން ބޮލުން ދަމައިގަންނަން ހިފާލިތަނާ އަހަރެންގެ ކަންފަތް ކައިރިން އަނެއްކާވެސް ވައި އަޑަކުން މީހަކު ގޮވާލިއެވެ. އަހަރެން އަނެއްކާވެސް ހެދުން ތިރިކޮށްލީމެވެ. އަހަރެންގެ ކުރިމަތީގައި ހުރީ ބޮޑު ބިޔަ މީހެކެވެ. މުޅި ގައިގައި ވަނީ ފޮރި ކަހަލަ އެއްޗެއް ޖަހާފައެވެ. މޫނު އެހާ ސާފުކޮށް ނުފެނެއެވެ. ނަމަވެސް ދެ ލޮލުގެ ކަޅި ހުރީ ރަތް އަލިފާން ކުލައިގައި ހަނދު ފަޅިއެއް ހެންނެވެ. ކަންފަތް ސިފަ ވަނީ ރިޔަލަކާއެވެ.

ބާކީ 2 ވަނަ ބައިގައި

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް