މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެކުންފުނީގެ ވިޔަފާރި ފުޅާކޮށް އައު ދާއިރާތަކުން ހަރަކާތްތެރިވުމަށް ކުރަމުންދާ މަސައްކަތުގައި، ހިތަދޫ ޕޯޓަށް އިންޑިއާއިން މޭވާއާއި ތަރުކާރީ ގެނައުމަށް މަގު ފަހިކޮށްދީފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ފެށި މަސައްކަތުގައި ސިޓީ ކައުންސިލާއި ވިޔަފާރިވެރިންނާއި ކަމާ ގުޅުން ހުރި ފަރާތްތަކާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވަނީ އައްޑޫ ސިޓީގައި ބައްދަލުވުންތަކެއް ބާއްވަވާފައެވެ.
މި މަސައްކަތުގައި، ޓުޓިކޮރިން އިން ހިތަދޫ ޕޯޓަށް އައި ބޯޓު ބަނދަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.
“މީގެ ކުރިންވެސް ޓުޓިކޮރިން އިން ހިތަދޫ ޕޯޓަށް މުދާ ގެނަސްފައި ވޭ. އެކަމަކު އެއީ ލަކުޑި ބޯޓުތައް. އެ ބޯޓުތަކުން ދަތުރުތައް އޮންނަނީ އަހަރުގެ ވަކި ދުވަސްވަރެއްގައި. އެއާ ޚިލާފަށް މިހާރު މި ފެށި މަސައްކަތަކީ ދެމެހެއްޓެނިވި ގޮތެއްގައި އެދަތުރުތައް ބޭއްވުމަށް ބޭނުން ކުރާ ބޮޑު ދަނގަނޑު ބޯޓެއް ބޭނުން ކޮށްގެން ދަތުރުތައް ބޭއްވުން” ހިތަދޫ ޕޯޓަށް ޓުޓިކޮރިން އިން ދަތުރު ފެށުމާ ގުޅިގެން މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ސިއީއޯ ވަޖީހު ބާއްވަވާފައިވާ ބައްދަލުވުންތަކުގައި ބާރު އަޅުއްވާފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުތައް ބޭއްވުމަށް ވިޔަފާރި ވެރިން އެއް ބާރުލުން ދެއްވުމުގެ މައްޗަށެވެ. މިކަން ކާމިޔާބު ކުރުމަށްޓަކައި އެމްޕީއެލްއިން ދެވެން އޮތް އެއްބާރުލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެއްވާނެ ކަމުގެ ޔަގީންކަންވެސް ސީއީއޯ ވަޖީހު ވަނީ އެބޭފުޅުންނަށް އަރުވާފައެވެ.
“އަޅުގަނޑުމެންނަކީ މެދުވެރިން. އަޅުގަނޑުމެން ބޭނުން ވަނީ ހިތަދޫ ޕޯޓަށް އަންނަ ބޯޓުތައް އިތުރު ކުރުން. އޭރުން ހިތަދޫ ޕޯޓުގެ އާމްދަނީވެސް އިތުރުވެ ކުރިއެރުން ލިބޭނެ.” ވިޔަފާރިވެރިންގެ އެއްބާރުލުން ދެއްވުންއެދި ވަޖީހު ވިދާޅުވިއެވެ.
އެޕްޕީއެލްގެ އިސްމަގާމާ ހަވާލުވެވަޑައިގަތް ފަހުން ވަޖީހު ގެންދަވަނީ ޕޯޓުތައް ތަރައްގީ ކުރެއްވުމަށް އިތުރު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން މާލޭ ޕޯޓަށް ބޭނުންވާ ވަސީލަތައް ހޯއްދަވައި އަވަސް ގޮތަކަށް މުދާ ކްލިއާ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ. އަދި އެކުންފުނީގެ ބެލުމުގެ ދަށުގައިވާ އެހެން ޕޯޓުތައް ވެސް އާމްދަނީ ލިބޭ ތަންތަނުގެ ގޮތުގައި ތަރައްގީކޮށް، އިތުރު ދިމަދިމާއަށް ކުންފުނީގެ މަސައްކަތް ފުޅާކުރެއްވުމަށްވެސް މަސައްކަތް ފަށްޓަވާފައި ވެއެވެ.
ހިތަދޫ ޕޯޓު ތަރައްގީ ކުރުމަކީ، ރައީސް ޑރ. މުހައްމަދު މުޢިއްޒު، އައްޑޫގެ އިގްތިސާދު ސިންދިފާތު ކުރެއްވުމަށް ގެންގުޅުއްވާ މާރެސްގެ ދަށުން ކުރެވޭ މަސައްކަތެކެވެ.
އައްޑޫ ވިޔަފާރިވެރިން ވަނީ މިފަހުން، ހިތަދޫ ޕޯޓުގެ މަސައްކަތް ހަލުއިވެ އިންތިޒާމު ރަނގަޅުވެފައިވާ ކަން ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.