އަލް ޖައްބާރު މިސްކިތަކީ ޒަމާނީ އިމާރާތް ފަރުމާ ކުރުމުގެ ޑިޒައިނަށް ބިނާ ކޮށްފައިވާ އާދަޔާ ޚިލާފަށް ރީތި މިސްކިތެކެވެ. އިންޑޮނޭޝިއާގެ ބާންޑުންގައި ފެންގަނޑެއްގެ ތެރޭގައި ބިނާކޮށްފައިވާ މި މިސްކިތަކީ 26 ހެކްޓަރުގެ ބިމެއްގައި ހުންނަ މިސްކިތެކެވެ. މިސްކިތް ބިނާކޮށްފައވާ ބިމަކީ ނިސްބަތުން ގަލޮޅު ދަނޑުގެ 49 ދަނޑާ އެއްވަރުގެ ސަރަހައްދެކެވެ.
މިސްކިތުގެ ވަށައިގެން ބަގީޗާ ހައްދާފައި ވެއެވެ. އަދި ބަގީޗާގެ ވަށައިގެންވާ ފެންގަނޑަކީ، ހިސާބަށް ޖަމާވާ ވާރޭ ފެން ރައްކާ ކުރާ ފެންގަޑެވެ.
މިއީ ފެންބޮޑުވުން ކޮންޓްރޯލް ކުރުމާއި ފެނުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ބޭނުންކުރާ ޑޭމެކެވެ.
ޒަމާނީ ޑިޒައިނަކަށް ފަރުމާކޮށްފައިވާ މިސްކިތުގެ ފުރަތަމަ ފަންގިފިލާގައި 9،822 މީހުންނަށް ނަމާދު ކުރެވޭ ޖާގަ ހިމެނެއެވެ. އަދި މެޒެރިން ފްލޯގައި 3،188 މީހުންނަށާއި ހޯލްތަކުގައި 3،627 މީހުންނަށް، އަދި ގޯތިތެރޭގައި 16،363 މީހުންނަށް ނަމާދު ކުރެވޭ ޖާގަ ހަމަޖެހިފައި ވެއެވެ. އަދި އިތުރު ޖާގައާއެކު، ޖުމްލަ 50 ހާސް މީހުންނަށް މި މިސްކިތުގައި ނަމާދު ކުރެވޭނެއެވެ.
އަލްޖައްބާރު މިސްކިތަކީ އިސްލާމީ ދީނީ ފަތުރުވެރިކަމަށް ބާންޑުންގގައި މުހިންމު މަރުކަޒެކެވެ. މިސްކިތުގައި ސެމިނާ ރޫމްތަކާއި ތަމްރީނު ދޭ ކޮޓަރިތައްވެސް ހަމަޖެހިފައި ވެއެވެ.
މުސްތަގްބަލުގެ ޑިޒައިނަށް ފަރުމާ ކޮށްފައިވާ އަލްޖައްބާރު މިސްކިތަކީ ނަމާދު ކުރުމުގެ އިތުރުން ޢީލްމީ މަރުކަޒެއްވެސް މެއެވެ.
މިސްކިތް ޑިޒައިން ކުރިއިރު މިސްކިތް ތެރެއަށް އަލި ވެއްދުމަށް މަހުގެ ހުޅުނބުގެ ބައްޓަމަށް ބިއްލޫރިތައް ކަފާފައި ވެއެވެ. އެގޮތުން 6136 ބިއްލޫރި ޝީޓް ބޭނުންކޮށްފައި ވެއެވެ. މިސްކިތުގެ ހަރިންމައިގައި ބަހައްޓާފައިވާ ހަތަރު މުންނާރުން ކުރެ ކޮންމެ މުންނާރެއްގެ އުސްމނުގައި 325 ފޫޓު ހުރެއެވެ.
މިސްކިތަށް ވަނުމަށް 27 ދޮރެއް ޚާއްސަކޮށްފައި ވެއެވެ. އެއިން ކޮންމެ ދޮރެއް ރަމުޒު ކޮށްދެނީ ބާންޑުންގްގެ ކޮންމެވެސް ސަރަހައްދަކަށެވެ. ވަންނަ ކޮންމެ ދޮރެއްގައި އެ ސަރަހައްދުގެ ފަންނުވެރިކަން ދައްކާފައ ވެއެވެ.
ބަގީޗާއެއް މިސްކިތުގެ ވަޑައިގެން ހަދާފައިވާއިރު އިސްލާމީ މިއުޒިއަމެސްވެސް މިސްކިތާ އެކު ހިމަނާފައި ވެއެވެ.
މި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ 2017 ވަނަ އަހަރު ނިމެން އުޅެނިކޮށެވެ. އަދި ކޮވިޑާ ގުޅިގެން ދޮޅުއަހަރު ވަންދެން މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު މަސައްކަތް ނިންމައި މިސްކިތް އިފްތިތާޙު ކޮށްފައި ވަނީ 2022ގެ އެންމެ ފަހު ދުވަހުގައެވެ.
މިސްކިތަށް 64 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައި ވެއެވެ.