ތިލަމާލެ ބުރިޖު ހަދާ ކުންފުނިން ކަނޑުއަޑިން މަގެއް ކޮންނަނަނީ

އިންޑިއާގައި ކަނޑުއަޑި ތޮރުފައިގެން ހަދާ ބިމު އަޑީ ރޭލްވޭ މަގު ހެދުމަށް، ތިލަމާލެ ބްރިޖު ހަދާ ކުންފުނިން ކުރިމަތިލައިފިއެވެ. އެފްކޮން އިންފްރާސްޓްރަކްޗާއިން ހަދާ ބިމު އަޑީގެ ރޭލް ދަތުރުކުރާ މަގަކީ، އިންޑިއާގައި ކަނޑުގެ އަޑިން ކޮނެގެން ހަދާ ފުރަތަމަ މަގެވެ.

ބިމު އަޑިން ކޮނެގެން ބެންގަލޯރުގައި ރޭލްވޭއެއް ބިނާ ކުރުމުގެ މަސައްކަތް ކުރާ އެފްކޮންއިން ވަނީ ކޯރެއްގެ އަޑިން ކޯލްކަޓާގައިވެސް ރޭލްވޭ މަގެއް ހެދުމުގެ މަސައްކަތް ނިންމާފައެވެ. މުމްބާއިގައި ހަދާ ރޭލްވޭ ޓަނަލްއަކީ، އަހުމަދުއާބާދާއި މުމްބާއިއާ ދެމެދު ހަދަމުންދާ ހައި ސްޕީޑް ރޭލްގެ ބައެކެވެ.

އެފްކޮންއިން ހަދާ ޓަނަލަކީ، އަރަބި ކަނޑުގެ 374 ފޫޓު އަޑިން ކޮނެގެން ނަވީ މުމްބާއިއާއި ބާންދްރާ ކުރްލާ ގުޅުވައިދޭ ޓަނަލްއެވެ. ކަނޑު އަޑިން ހަތް ކިލޯމީޓަރުގެ ދިގު ރާސްތާއެއް އޮންނަ މި ޓަނަލްގައި އެއްފަހަރާ ދެ ރޭލް ދަތުރުކުރެވޭ ވަރަށް ފުޅާކޮށް ހަދާނެއެވެ. މި ޓަނަލް ހެދުމަށް ޖުމުލަ 21 ކިލޯމީޓަރުގެ ރާސްތާއެއް ކޮންނާނެއެވެ.

ބިމު އަޑިން މަގު ކޮންނަން ގެންގުޅޭ ކަޓަރުތަކުގެ ބޮލުގެ ވަށަމިނުގައި ހުންނަ ވަރަށް ވުރެން މި ޓަނަލްގެ ވަށަމިން ތިން ގުނައަށް ބޮޑެވެ. އެހެންވެ، އެފްކޮންއިން އެ ޓަނަލް ކޮނުމަށް ތިން ކަޓަރު އެއްފަހަރާ ބޭނުން ކުރާނެއެވެ.

އިންޑިއާގެ ނޭޝަނަލް ހައިސްޕީޑް ރެއިލް ކޯޕަރޭޝަނުން ބުނިގޮތުގައި ތިން ކަޓަރު ބޭނުން ކޮށްގެން ކޮންނަމުންދާނީ 16 ކިލޯމީޓަރަށެވެ. އެއަށްފަހު ބާކީ އޮތް 5 ކިލޯމީޓަރު ކޮނުމުގައި ބޭނުން ކުރާނީ ނިއު އޮސްޓްރޭލިއަން ޓަނެލިންގް މެތަޑެވެ. އެ މެތަޑަކީ، އާންމުކޮށް ކަނޑުއަޑިން ކޮނެގެން ޓަނަލް ހެދުމުގައި ބޭނުން ކުރާ މެތަޑެވެ.

އިންޑިއާގެ ފުރަތަމަ ހައިސްޕީޑް ރޭލަކީ ޖަޕާނު ޓެކްނޮލޮޖީ ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ. މުމްބާއި އަހުމަދުއާބާދު ހައިސްޕީޑް ރެއިލްވޭއަކީ 508 ކިލޯމީޓަރުގެ ރާސްތާގައި 12 ސްޓޭޝަން ހިމެނޭ ރެއިލްވޭއެކެވެ. މި ރެއިލްވޭގައި ގަޑިއަކު 350 ކިލޯމީޓަރަށް ރޭލް ދުއްވާނެއެވެ. މިއީ 10.6 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް