ފްރާންސްގެ އިންތިޚާބުގެ ނަތީޖާ ހީކުރި ގޮތާ ޚިލާފަށް

ފްރާންސްގެ އާންމު އިންތިޚާބު ނިމުނު އިރު ނަތީޖާ ނިކުތީ އެއްވެސް ފަރާތަކުން ހީކުރި ގޮތަކަށް ނޫނެވެ. ޕާލަމެންޓްގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ވާތުފިޔައިގެ ޕާޓީތަކުންނެވެ. ޚިޔާލު ހޯދުންތަކުން ދެއްކީ ކަނާތު ފިޔައިގެ ހަރުކަށި ޕާޓީތަކުން ޕާލަމެންޓްގެ ގިނަ ގޮނޑިތައް ހޯދާނެ ކަމަށެވެ.

ރައީސް އިމަނުއެލް މެކްރޮންގެ މެދުމިނުމުގެ ޕާޓީއަށް ލިބުނީ ދެވަނައެވެ. އަދި ހަރުކަށި ކަނާތުފިޔައިގެ ޕާޓީތަކަށް ތިންވަނައެވެ.

އިންތިޚާބަށް ފަހު ބޮޑު ވަޒީރު އިސްތިއުފާދެއްވުމުން، ގައުމުގެ ސުލްހަމަސަލަސްކަމަށްޓަކައި ރައީސް ވަނީ ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ބޮޑު ވަޒީރަށް އަންގަވާފައެވެ.

ފްރާންސްގައި ކުއްލިއަކަށް އިންތިޚާބު ބާއްވަން  ޖެހުނީ ޔޫރަޕްގެ އިއްތިހާދުގައި ފްރާންސް ބައިވެރިވެގެން އުޅުމާ ދެކޮޅަށް ވާހަކަ ދައްކާ ޕާޓީތަކަށް ޔޫރަޕްގެ ޕާލަމެންޓްގެ އިންތިޚާބުގައި ގިނަ ގޮނޑިތައް ލިބުމާއެކު ގައުމުގެ އާންމު ރައްޔިތުންގެ ޚިޔާލު ހުރި ގޮތް ޔަގީން ކުރެއްވުމަށް ރައީސް އަވަސް އިންތިޚާބަކަށް ގޮވާލެއްވުމުންނެވެ.

ޕެރިހާއި އެހިސާބުގެ ސަރަހައްދުތަކުގެ މީހުން ވަނީ ވާތުފިޔައިގެ ޕާޓީތަކާއި މެދުނިމުގެ ޕާޓީތަކަށް ވޯޓުލާފައެވެ. އުތުރާއި ދެކުނުން މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށުގެ ހިސާބުތަކުގައި ދިރިއުޅޭ މީހުން ވަނީ ހަރުކަށި ކަނާތުފިޔައިގެ މީހުންނަށް ވޯޓުލާފައެވެ.

ފްރާންސްގެ ޕާލަމެންޓްގައި ތިބެނީ 577 މެމްބަރުންނެވެ.

ފްރާންސް މީޑިއާގެ ސުރުޚީތަކުގައި ބުނެފައި ވަނީ ދެންވާނީ ކިހިނެއް ހެއްޔެވެ؟ އެއްވެސް ބަޔަކަށް އަނެއް ބަޔަކާ ނުލައި ސަރުކާރެއް އެކުލެވޭ ވަރަށް ގޮނޑިތައް ލިބިފައެއް ނުވެއެވެ. އެހެންވީއިރު ލަފާ ކުރެވެނީ ރައީސް މެކްރޮން ބޮޑު ވަޒީރަކަށް އައްޔަން ކުރައްވާނީ ހުރިހައި ފަރާތަކުންވެސް ރުހޭފަދަ އަދި އަވަސް ގޮތަކަށް އިތުބާރު ނެތްކަމުގެ ވޯޓަކުން އޭނާގެ ސަރުކާރު އެއްލާ ނުލާވަރުގެ މީހެއް ކަމަށެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް