ބަންގްލަދޭޝްގައި ޚިދުމަތް ދިނުމުގައި ވަކިބަޔަކަށް އިސްކަންދީ ނިޒާމީ ގޮތުން ތަފާތު ކުރުމެއް ގެންގުޅުމުގެ ސަބަބުން ކިޔަވާ ކުދިން ފަށާފައިވާ މުޒާހަރާތަކާ ގުޅިގެން ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ބޭރަށް ނިކުމެ އުޅުން މަނާ ކޮށްފިއެވެ. އަދި އަމަންއާންމު ބެލެހެއްޓުމަށް ހަސީނާގެ ސަރުކާރުން ވަނީ ސިފައިންވެސް މަގުމައްޗަށް ނެރެފައެވެ.
ދަރިވަރުން ކުރާ މުޒާހަރާގައި ފުލުހުންނާއި ޕެރަމިލިޓަރީ ފޯސްތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ދިހަވަރަކަށް މީހުން މަރުވެފައި ވެއެވެ. އަދި، ގައުމުގެ ވެރިރަށް ޑާކާ ހުއްޓުމަކަށް އައިސްފައިވެއެވެ.
މި ހަމަނުޖެހުމަކީ އައު ދައުރަކަށް އިންތިޚާބުވެވަޑައިގެންފައިވާ ހަސީނާގެ ވެރިކަމާ މެދު ރައްޔިތުންގެ މެދުގައި އޮތް ހިތްނުތަނަވަސްކަން ދައްކައިދޭ ކަމެއްކަމަށްވެސް ބެލެވެއެވެ.
ހުކުރު ދުވަހުގެ ރޭ ދަންވަރު އިއުލާންކުރި ކާފިއު މުއްދަތެއް ނެތް ގޮތަށް ކަނޑައެޅި ނަމަވެސް މަސްއޫލުވެރިން ވިދާޅުވަނީ ހޯމަ ދުވަހުގެ ނިޔަލަށް ކަންކަން ހަމައަކަށް އެޅޭނަމަ، އެހިސާބުން ލިޔެއް ދޭނެ ކަމަށެވެ.
ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ޔުނިވާސިޓީ ދަރިވަރުން މުޒާހަރާއަށް ނިކުތީ ޕާކިސްތާނުން މިނިވަންވާން ހަނގުރާމަކުރި މީހުންގެ އާއިލާތަކަށް ޚާއްސަ އިމްތިޔާޒުތައް ދީ، އެހެން ރައްޔިތުންނަށް ފުރުސަތުތައް ހަނިކުރުމާ ގުޅިގެންނެވެ. ސަރުކާރުގެ ވަޒީފާތައް ދިނުމަށް އެކުލަވާލާފައިވާ ކޯޓާ ނިޒާމާ ގުޅިގެން އާންމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ސިޔާސީ ޕާޓީ އަވާމީ ލީގުގެ އޮފިޝަލުން ވަނީ ދަރިވަރުންނާ އެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު ދަރިވަރުންގެ ލީޑަރުން ވަނީ ކޯޓާ ނިޒާމު ދާއިމީ ގޮތަކަށް އުނިކުރެވެންދެން މަޝްވަރާއަށް ނުދާނެ ކަމަށް ބުނެފައެވެ.