ޔޫކޭއިން އިންޑިއާއާއެކު ގުޅުން ބަދަހި ކުރާނެ ކަމަށް ބެލެވޭ

އިނގިރޭސިވިލާތުގެ ސަރުކާރު ބަދަލު ވުމާގުޅިގެން އިންޑިއާއާއި އިނގިރޭސިވިލާތުގެ ގުޅުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ސަރ ކިއެރ ސްޓެމާރގެ ބޮޑު ވަޒީރުކަމުގައި ފެންނާން އޮތީ، އިންޑިއާގެ މުހައްލިލުން ދެކޭ ގޮތުގައި ކުރިން ފެންނަ ޒާތުގެ ލޭބާ ޕާޓީއެއް ނޫނެވެ. ލޭބާ ޕާޓީއަކީ އިންޑިއާއާ މެދު ހަރުކަށި ސިޔާސަތެއް ގެންގުޅޭ ޕާޓީއެއް ކަމަށް ބެލެވިފައި ވެއެވެ. ނަމަވެސް ސަރ ސްޓެމަރގެ ޓީމަކީ އިންޑިއާއަށް އެދެވޭ ސިޔާސަތެއް ގެންގުޅޭނެ ސަރުކާރެއް ކަމަށް މުހައްލިލުން ދެކެއެވެ.

ކޮންޒަރވެޓިވް ޕާޓީއަށް ވަނީ މިފަހުން ނުލިބޭ ވަރުގެ ނާކާމިޔާބީއެއް ކުރިމަތިވެފައެވެ. 14 އަހަރު ފަހުން އެޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.

ޕާލަމެންޓްގެ 650 ގޮނޑީގެ ތެރެއިން ލޭބާ ޕާޓިއަށް ވަނީ 410 ގޮނޑި ލިބިފައެވެ. މުހައްލިލުން ދެކޭ ގޮތުގައި 2019 ވަނަ އަހަރު ލޭބާއަށް އާންމު އިންތިޚާބު ނާކާމިޔާބުވީ، ކަޝްމީރުގައި އިންޑިއާއާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމަށް ކުރީގެ ލީޑަރ ޖެރްމީ ކޯބެން ގޮވާލެއްވުމާ ގުޅިގެން އިންޑިއާ ދަރިކޮޅުގެ މީހުން އެކަމާ މެދު ނުރުހުން ފާޅު ކުރުމުންނެވެ. އެއާ ޚިލާފަށް ސްޓެމަރ ވަނީ އިންޑިއާއާ ރަޙުމަތްތެރި ސިޔާސަތެއް ގެންގުޅުއްވާފައެވެ. އަދި ކަޝްމީރާ ބެހޭ ގޮތުން ވިދާޅުވެފައި ވަނީ އެއީ އިންޑިއާއާއި ޕާކިސްތާނުގެ ދެމެދުގެ މައްސަލައެއް ކަމަށާއި އެކަން ހައްލު ކުރަން ޖެހޭނީ ދެގައުމުން ކަމަށެވެ. އަދި ކަޝްމީރު މައްސަލާގައި އިނގިރޭސިވިލާތުގައި ދިރިއުޅޭ ސަބްކޮންޓިނެޓްގެ މީހުންގެ މެދުގައި ބައިބައިވުން އުފެދުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.

ލޭބާ ސަރުކާރުން ވަނީ އިންޑިއާއާއެކު ކުރިއަށް ގެންގޮސްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމާ ގުޅޭ މަޝްވަރާތައް ނިންމާލުމަށް ޚާއްސަ ތާވަލެއް ކަނޑައަޅާފައެއް ނުވެއެވެ. އޭގެ އިތުރުން އިންޑިއާގެ ދަރިވަރުންނަށް ޔޫކޭއިން ވިސާ ފަސޭހަކޮށްދިނުމާއި ކޮންޒަރވެޓިވް ސަރުކާރުން ގެންގުޅޭ ބިދޭސި ހިޖުރަވެރިންނާ ދެކޮޅުވެރި ސިޔާސަތު ލޭބާއިން ނިމުމަކަށް ގެންނާނެ ކަމަށް މުހައްލިލުން ދެކެއެވެ.

ސަރ ސްޓެމަރ އެންމެ ފުރަތަމަ ކުރެއްވި އިއުލާނަކީވެސް ރުވަންޑާއަށް މީހުން ގަދަކަމުން ހިޖުރަ ކުރުން ހުއްޓާލުމުގެ ސިޔާސަތެވެ.

ހިއްސާ ކުރައްވާ!