ޒަމާނީ ގޮތަށް ބަނދަރުތައް މެނޭޖު ކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޕޯޓު މެނޭޖުކުރުމާ ބެހޭ ކޯހެއް މިއަދު ފަށައިފިއެވެ. މޮޑަން ޕޯޓް މެނޭޖްމަންޓު ކޯހަކީ، ޔޫއެން ޓްރޭޑް އެންޑް ޑެވަލޮޕްމަންޓް (އަންކްޓަޑް) އާ ގުޅިގެން ބްލޮކް މޯޑްގައި ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް ފަށާފައި ވަނީ މިއަދު އެމްޕީއެލްގެ ހެޑް އޮފީހުގައެވެ.

މިއީ އެމް.ޕީ.އެލް އާއި އަންކްޓަޑް ގުޅިގެން މި ކޯސް ރާއްޖޭގައި ކުރިއަށް ގެންދާ ތިން ވަނަ ފަހަރެވެ. މި ކޯހަކީ 18 މަސް ދުވަހުގެ ކޯހެކެވެ. ބްލޮކް މޯޑަށް ކުރިއަށް ގެންދާ މި ކޯހުގައި މި އަހަރު ޖުމްލަ 20 ބައިވެރިން ހިމެނެއެވެ. އޭގެ ތެރޭގައި އެމް.ޕީ.އެލްގެ މުވައްޒަފުންގެ އިތުރުން އެމް.އެސް.އެސް އަދި އިމިގްރޭޝަންގެ މުވައްޒަފުން ހިމެނެއެވެ.

މި ކޯސް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހީމްއާއި މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް އަދި ޑެޕިއުޓީ ކޮންޓުރޯލަރ އޮފް އިމިގްރޭޝަން އަޙްމަދު އަޝްފާން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޯހުގެ ފުރަތަމަ މޮޑިއުލްތައް ނަގައިދޭނީ އަންކްޓަޑްގެ އިންފޮމޭޝަންސް ސިސްޓަމްސް އޮފިސަރ ތޯމަޒް ކުލާގާ އާއި ބްރެމޯ ޕޯޓް ކޮމްޕެނީގެ ޑިރެކްޓަރ ޖޯ ހައިނީއެވެ.

ހިއްސާ ކުރައްވާ!