ފަތުރުވެރިކަމަށް ފައްކާވެފައިވާ ރާއްޖެފަދަ ޤައުމެއްގައި އިންސާނީ ވަގުފާރިއާއި ބިދޭސި މަސައްކަތްތެރިންގެ ޙައްޤަށް އަރައި ގަތުމަކީ ބަލައިގެންވާނެ ކަންކަމެއް ނޫނެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުގައި، ޤައުމަށް އިޙުތިރާމު ލިބުމުގައި، މި ދެ ދާއިރާއިން މަތީފެންވަރުގެ ސުލޫކެއް ގެންގުޅުމަކީ، ދަރަޖަ މަތިވެފައި އިޙުތިރާމު ލިބޭނެ ކަމެކެވެ.
ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހަޅާފައިޥާ އިޞްލާޙަކީ ހެޔޮ ނިޔަތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ އެކަމަކަށް މަރުޙަބާ ކިޔުން ޙައްޤު މަސައްކަތެކެވެ. މަޝްވަރާގެ މަރުޙަލާގައި ކުރިއަށްދާ ވަޒީފާއާ ބެހޭ ބިލުގައި، ބިދޭސީންނާ މެދު އިހުމާލު ވާކަމަށް ބަލާ ހަތަރު ކަމެއް ލިސްޓް ކޮށްފައި ވެއެވެ. އެގޮތުން، މުސާރަ ނުދިނުމާއި، އެމީހުންނަށް ދޭން ޖެހޭ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމުގައި އިހުމާލު ވުމާއި ބިދޭސި މީހާ ގެންނަ ވަޒީފާ ނޫން މަސައްކަތެއް އޭނާ ލައްވައި ކުރުވުން އެ ބިލްގައި ލިސްޓް ކޮށްފައި ވެއެވެ.
އޭގެ އިތުރުން، އިޖުތިމާޢީ ބޮޑު މައްސަލައަކަށްވެފައިވާ މި މައްސަލަ ޙައްލު ކުރުމަށް އަދި އިތުރު އެހެން ފިޔަވަޅުތަކެއްވެސް އެޅިދާނެއެވެ.
- އެގޮތުން، އިންސާނި ވަގުފާރިއާއި ބިދޭސީންގެ ޙައްޤަށް އިޙުތިރާމު ކުރުމުގައި ވަޒީފާ ދޭފަރާތުގެ ޢަމަލުތަކަށް ބަލައި ކަމާ ގުޅުން ހުރި އިދާރާތަކުން އޭނާގެ މަސައްކަތަށް ބޭނުންވާ ހުއްދަ ހޯދުމުގެ ބޭނުމަށް މި ދާއިރާގައި އޭނާގެ ޢަމަލުތައް ހުރިގޮތުގެ ސެޓްފިކެޓެއް ހޯދުންވެސް ލާޒިމު ކުރެވިދާނެއެވެ. އެއީ އިކޮނޮމިކް މިނިސްޓްރީން މިހާރުވެސް ކުންފުނިތަކަށް، ގުޑް ސްޓޭންޑިންގެ ނަމުގައި ދެމުންދާފަދަ ސެޓްފިކެޓަކަށް ވެދާނެއެވެ.
- އަދި ދެވަނަ ކަމެއްގެ ގޮތުގައި މިފަދަ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތަކަށް، އިންސާނީ ވަގުފާރިއާއި އިންސާނީ ހައްޤާ ބެހޭ ގޮތުން ކަނޑައަޅާފައިވާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުންވެސް ބިލުގައި ލާޒިމު ކުރެވިދާނެއެވެ.
- އަދި ތިންވަނަ ކަމެއްގެ ގޮތުގައި ބިދޭސި މީހާގެ ނަމުގައި ބެންކު އެކައުންޓެއް ހުޅުވުންވެސް ލާޒިމު ކުރެވިދާނެއެވެ. އޭގެ ސަބަބުން އެތެރޭގައި ދައުރުވާ ފައިސާ ސައްޙަ ކުރެވި، ލިޔެލިޔުމުން އޭނާއާ ކުރެވިފައިޥާ ފައިސާގެ މުޢާމަލާތު ފެންނަން ހުންނާނެއެވެ. މިއީ މަނީ ލޯންޑާ ކުރުމާއި ވަގުފައިސާ ދައުރުކުރުމަށާއި ޤަވާއިދާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވެގެން ދާނެއެވެ.
- އަދި ހަތަރު ކަމެއްގެ ގޮތުގައި ކޮންމެ އަހަރަކުވެސް ދައުލަތުގެ އިދާރާއަކުން ނުވަތަ މިނިވަން އިދާރާއަކުން އިންސާނީ ވަގުފާރިއާއި ބިދޭސިންނާ ބެހޭ ގޮތުން ދިވެހިރާއްޖޭގައި ޢަމަލުކޮށްފައިވާ ގޮތުގެ ރިޕޯޓެއް ޝާޢިއުކުރުންވެސް ލާޒިމު ކުރެވިދާނެއެވެ.
ޤައުމީ ތަރައްޤީގައި ކުރިއަރައި ދިއުމާއެކު، ޤައުމަށް ތީރި ނަމެއް ޙާޞިލު ހޯދައިދޭން ބޭނުންނަމަ އިޚުލާޞްތެރިކަމާއެކު މުހިންމު މަސަކަތްތަކެއް ކުރަން ޖެހެއެވެ.