ދިވެހިންގެ ބައިވެރިވުމެއް ނެތި ބިދޭސިންނަށް އެކަންކަމެއް ނުކުރެވޭނެ.

ކާނާ އުފައްދައި، ވިޔަފާރި މުޢާމަލާތުގައި ބިދޭސިންނަށް ޙަރަކާތްތެރި ވެވެނީ ދިވެހިންގެ ބައިވެރިވުމެއް ނެތި ކަމަށް ޤަބޫލުކުރަން ދައްޗެވެ. ކޮންމެވެސް ސިފައެއްގައި އެކަންކަމުގެ އަޑީގައި މަންފާއެއް ލިބިގަންނާނެ ދިވެއްސަކު ހުންނާނެވެ.

ހޯމްލޭންޑް ސެކިއުރިޓީން އާއި އިމިގްރޭޝަނުން ކުރަމުން ގެންދާ މަސައްކަތުން ޤާނޫނާއި ޤަވައިދު ނަގަހައްޓަން މަސައްކަތް ކުރާ މަސްއޫލުވެރިން ތިބޭކަމުގެ އިޙުސާސް މިހާރު ކުރެވެއެވެ.

އިމިގްރޭޝަނުން ވަނީ ހުޅުމާލޭގައި، 3 ބުރީގެ ޢިމާރާތެއް ބަލައި ފާސްކޮށް ކާނާ އުފެއްދުމުގެ މަސައްކަތުގައި އުޅޭ ބިދޭސީންގެ 22 މީހަކު އަތުލައިގެންފައެވެ. މިފަދަ ކަންކަމުގެ މިއަށް ވުރެން ފުނަށް ގޮސްބަލައި ފިޔަވަޅު އަޅާނަމަ، މިފަދަ ކަންކަމަށް ހިތު ނިޔަތްގަންނަ ފަރާތްތަކަށްވެސް ޤާނޫނާއި ޤަވައިދުގެ އިން އިޙުސާސް ކުރެވޭނެއެވެ.

މިއިން ކޮންމެ މީހަކާ ވާހަކަ ދައްކައި އޭނާގެ ފަސްމަންޒަރުގައިވާ ކަންކަމަށް ބަލައިފިނަމަ ރާއްޖޭގައި މިކަންކަން ހިނގަމުންދާ ގޮތާއި މިކަމުން މަންފާ ލިބިގަނެފައިވާ ފަރާތްތަކާއި އެމީހުން އެތެރެވެ، މަގުމަތިވާން މެދުވެރިވި ސަބަބު ހާމަވެގެން ދާނެއެވެ.

އިމިގްރޭޝަނުން އަތުލައިގެންފައިވާ 22 ބިދޭސީންނަކީ، ހުޅުމާލޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އޮޕަރޭޝަނުގައި އަތުލައިގެންފައިވާ މީހުންނެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ މެދު ފިޔަވަޅު އަޅަން ފެށިފަހުން، ދެ ހާހައި މީހުން މިހާތަނަށް ޑިޕޯޓުކޮށްފައި ވެއެވެ. އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައިޥާ ލައްކައެއްހައި މީހުން ޤައުމުގެ އެތައްމިތާނގައި ވިއްސިވިހާލިވެފައިވާ އިރު އަދި އަތުލައި ގަނެވިފައި ވަނީ ނިސްބަތުން މަދު އަދަދެކެވެ.

ހިއްސާ ކުރައްވާ!