ހަސީނާގެ ސަރުކާރުން މީހުންގެ ގަޔަށް ބަޑި ޖެހި މައްސަލަ ބަލަނީ

ޝެއިޚު ޙަސީނާގެ ވެރިކަން ދެމެހެއްޓެވީ ގޮށްމުށުގެ ބާރުންނެވެ. އޭނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނިކުތް މީހުންނާ ދެކޮޅަށް ފުލުހުން ކުރިމަތިލާފައި ވަނީވެސް ދިރޭވަޒަނާއެކުގައެވެ. އާންމުކޮށް މުޒާހަރާ ކުރާ ކިޔަވާކުދިންނާ ދެކޮޅަށް ޑިމޮކްރެސީކަމަށް ބުނާ ޤައުމުތަކުގައިވެސް އެހައި އަނިޔާވެރިކޮށް ޢަމަލުކޮށްފައިވާ ތަނެއް ނުފެނެއެވެ. ފުލުހުންގެ އަނިޔާވެރިކަން ބޮޑު އެމެރިކާ އިސްތިސްނާއަކަށް ވެދާނެއެވެ.

ބަނގްލަދޭޝްގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މުޒާހަރާތަކުގައި އަނިޔާވި މީހުންނާއި މަރުވި މީހުންގެ ހަށިގަނޑުން ބަޑީގެ ވަޒަންތައް ފެނިފައި ވެއެވެ. ފުލުހުންގެ އަނިޔާވެރިކަމުގައި އެތައްހާސް ބަޔަކަށް އަނިޔާވެފައި ވެއެވެ. އަދި މަދުވެގެން 5،500 އެއްހައި މީހުން ހައްޔަރުކޮށްފައި ވެއެވެ. ކިޔަވާ ކުދިންގެ މުޒާހަރާތައް ކޮންޓްރޯލު ކުރުމަށް ޤައުމުގެ އެހި ސަރަހައްދުތަކަށް 27 ހާސް ސިފައިން ނެރެފައި ވެއެވެ. އަދި ބޭރަށް ނިކުމެ އުޅުން މަނާކޮށް، އިންޓަރނެޓްގެ ޚިދުމަތް ކަނޑާލާފައި ވެއެވެ. މި މުޒާހަރާތަކުގެ ސަބަބުން ޙަސީނާގެ ސަރުކާރަށް ވަނީ ހުތުރުނަމެއް ލިބިފައެވެ.

ބަނގްލަދޭޝްގެ ޝަރުއީ ދާއިރާވެސް ވަނީ މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް ސަރުކާރުން އަމަލުކުރި ގޮތް ބަލަން ފަށާފައެވެ. ސުޕްރީމް ކޯޓުން ވަނީ ފަނޑިޔާރުންގެ ބެންޗެއް ނަގައިގެން، ގިނަ ޢަދަދެއްގެ ކިޔަވާ ކުދިން މަރުވެ، ގިނަ ބަޔަކަށް އަނިޔާވި ސަބަބު ބެލުމުގެ މަސައްކަތް ފަށާފައެވެ. ސުޕްރީމް ކޯޓުން ބުނެފައި ވަނީ ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ.

ބަނގްލަދޭޝްގެ މުޒާހަރާގައި ބައިވެރިވިކަމަށް ތުހުމަތުވި މީހެއްނަމަ، އެމީހަކު ނަމާދަށް ހުއްޓަސް ހަސްފަތާލުގައި އެނދުމަތިވެފައި އޮތަސް ހައްޔަރުކުރުމުގައި ފުލުހުން ފަހެއް ނުޖެހެއެވެ. ކިޔަވާކުދިންގެ ބައެއް ލީޑަރުން ހައްޔަރުކޮށްފައި ވަނީ ހަސްފަތާލުގައި ފަރުވާ ލިބެމުން ދަނިކޮށެވެ.

މުޙައްލިލުން ދެކޭ ގޮތުގައި ބަނގްލަދޭޝްގެ ޙާލަތު ދެން ކުރިން އޮތްގޮތަކަށެއް ނޯންނާނެއެވެ. އަދި 2008ން ފެށިގެން ވެރިކަން ކުރާ ޝެއިޚު ހަސީނާގެ މަގްބޫލުކަންވެސް ދެން އިތުރެއްވެސް ނުވާނެއެވެ.

ހިއްސާ ކުރައްވާ!