އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް ޔޮޓްތަކަށް ޚިދުމަތް ދެނީ

ތިލަދުންމަތި އުތުރުބުރީ އުލިގަމުގައި މެރިޓައިމް ޚިދުމަތްތައް ދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އުލިގަމު ކައުންސިލްއާއެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އުލިގަމު ކައުންސިލްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކުޓިވް އޮފިސަރ މުޙައްމަދު ވަޖީހް އިބްރާހިމް އެވެ. އުލިގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހްމަދު މުޢާޒް މުޙައްމަދު އެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޕީއެލް އިން އުލިގަމުގައި ޔޮޓް މެރިނާއެއް ތަރައްޤީކޮށް، ޔޮޓްތަކަށް ބޭނުންވާ ޚިދުމަތްތައް އުލިގަމުން ފޯރުކޮށްދޭން ބޭނުންވާ ވަސީލަތްތައް ޤާއިމްކުރާނެއެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ އުލިގަމުގައި ޔޮޓް މެރީނާ ޤާއިމްކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށުމުން ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަކޮށް، ޚިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.

އެމަސައްކަތުގެ ކޮންސެޕްޓް ތައްޔާރުކޮށް، އިންވެސްޓަރުންނާ މަޝްވަރާކުރެވެމުންދާ ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.

“ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް އެއީ ދިވެހިރާއްޖޭގައި މެރިޓައިމް ސެކްޓަރ ވަރަށް ބޮޑަށް ފުޅާކުކުރުން. އުލިގަމަކީ ޒަމާނުންސުރެ، އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ޔޮޓް ފަހަރު ޒިޔާރާތް ކުރާ ރަށެއް. ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ބޮޑު ކަންބޮޑުވުމެއް މި އުޅަނދު ފަހަރަށް ބޭނުންވާ ޚިދުމަތްތައް މި ރަށުން ފޯރު ކޮށް ނުދެވުމަކީ،” ވަޖީހް ވިދާޅުވިއެވެ. “އެހެންވެ އަޅުގަނޑުމެން މި ބެލީ ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ފުރަތަމަ ފަހަރަށް އުލިގަމުގައި ޔޮޓް މެރީނާއެއް ޤާއިމްކުރަން. ކޮންސެޕްޓް ހަދާ ނިމި، އިންވެސްޓަރުންނާ ވާހަކަދައްކަމުން މި ދަނީ. މާލަސްތަކެއް ނުވެ ގަބޫލްކުރެވޭނީ މި އަހަރުގެ ތެރޭގައި (އަމަލީ) މަސައްކަތްތައް ފެށިގެންދާނެކަން. އޭރުން ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ.”

ސީއީއޯ ވަޖީހް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ބަންކަރިން ސާވިސް އާއި މެރިޓައިމްގެ ޚިދުމަތްތަކަށް ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތްވެސް އެމްޕީއެލް އިން ހަލުވި ކަމާއެކު ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ޚިދުމަތުންވެސް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.

“ޕޯޓް ފެސިލިޓީ ފެށުމަށް ކަސްޓަމްސް، އެމްއެންޑީއެފް، އިމިގްރޭޝަން އަދި ޕޯޓް ހެލްތަށް ބޭނުންވާ އޮފީސް ޖާގަ މި ފޯރުކޮށްދެނީ އެމްޕީއެލް އިން. މި މަހުގެ 10އަށް މި އޮފީސް ޖާގައިގެ މަސައްކަތްތައްވެސް ނިމި، މުވައްޒަފުން ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ،” ވަޖީހް ވިދާޅުވިއެވެ.

އުލިގަމު ކައުންސިލްގެ ރައީސް މުޢާޒް ވިދާޅުވީ ޔޮޓް މެރީނާއެއް އުލިގަމުގައި ތަރައްޤީކުރުމަކީ އެ ރަށުގެ ރައްޔިތުންގެ “ދުވަސްވީ ހުވަފެނެއް” ކަމަށެވެ. އަދި އެމްޕީއެލްއިން އެމަސައްކަތް ކުރިއަށް ގެންދާތީ އޭނާ ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

 

ހިއްސާ ކުރައްވާ!