މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބޭނުން ކުރުން ހުއްޓާލަނީ

ހޫނުވަމުންދާ މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސް ވާނެކަމަށް ބަލައިގެން އެއާލައިންތަކުން މެދުއިރުމަތީގެ ބައެއް ވައިގެ ސަރަހައްދު ބޭނުން ކުރުން ހުއްޓާލައިފިއެވެ.

ފަލަސްތީނުގެ ޒާތީ މިނިވަންކަމަށް މަސައްކަތް ކުރާ އިސްލާމީ ޙަމާސް ޖަމާއަތުގެ އިސް ލީޑަރު، އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމާއި، އަދި އެއާވިއްދައިގެން، ބެއިރޫތަށް ޒަޔަނިސްޓުން ބޮން އެޅުމުން އުފެދިފައިވާ ނުތަނަވަސް ކަމުގައި މެދުއިރުމަތީގައި ހަނގުރާމައެއް ފެށިދާނެކަމަށް ބެލެވެއެވެ.

ސިންގަޕޫރު އެއާލައިންސް އިން މިއަދު އިޢުލާން ކޮށްފައި ވަނީ، އީރާންގެ ވައިގެ ސަރަޙައްދު އެ އެއާލައިނުން ބޭނުން ކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ޓައިވާންގެ އީވާ އެއާއާއި ޗައިނާ އެއާލައިންސް އިން ވަނީ އީރާން ސަރަހައްދު މަތިން އުދުހުން ހުއްޓާލާފައެވެ.

ފްލައިޓް ރިސްކްއާ ބެހޭ މަޢުލޫމާތު ޙިއްސާކުރާ ޖަމިއްޔާއެއް ކަމަށްވާ އޯޕީއެސް ގްރޫޕުން ނެރުނު ބުލެޓިންއެއްގައި އޭޝިއާ އާއި ޔޫރަޕާ ދެމެދު ކުރާ ވައިގެ ދަތުރުގައި އީރާނާއި އިރާޤުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރާން ލަފާދީފައި ވެއެވެ.

އެމެރިކާގެ އެއާލައިންތަކުން ވަނީ ޒަޔަނިސްޓް ގައުމުގެ އެއާޕޯޓަށް ކުރާ ދަތުރުތައްވެސް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެއާ އިންޑިއާ އާއި ޖަރުމަނުގެ ލުފްތަންސާ ގްރޫޕާއި އެމެރިކާގެ ޔުނައިޓެޑް އެއާލައިންސް އާއި ޑެލްޓާ އެއާ އަދި އިޓަލީގެ އައިޓީއޭ އެއާވޭސް އިން ވަނީ ޓެލްއަވީވަށް ކުރާ ދަތުރުތައް ހުއްޓާލާފައެވެ.

ފްލައިޓްރޭޑާ އެޕުން ދައްކާ ގޮތުގައި، މެދުއިރުމަތީގެ އެއާލައިންތަކުން ދަނީ އީރާންގެ ވައިގެ ސަރަހައްދު ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިއްތިހާދު، އެމިރޭޓްސް އަދި ފްލައިޑުބާއިގެ އިތުރުން ޤަތަރު އެއާވޭސް އާއި ތުރުކީ އެއާލައިންސް ހިމެނެ އެވެ.

އޮޕްސް ގްރޫޕުން ބުނަނީ، މެދުއިރުމަތީގައި ހަނގުރާމައެއް ފެށިއްޖެ ނަމަ،  މަދަނީ ވައިގެ ދަތުރުފަތުރަށް، ޑްރޯންތަކާއި މިސައިލްތަކުގެ ނުރައްކާ ބޮޑުވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!