އީރާނުން އިޒްރޭލަށް ހަމަލައެއް ދީފިނަމަ ……

7 އޮކްޓޯބަރުގައި އިސްލާމީ ޙަމާސްއިން އިޒްރޭލަށް ދިން ޙަމަލައަކީ އެތައް މާނައެއްގައި ކާމިޔާބު ޙަމަލާއެކެވެ. އަދި އެ ޙަމަލާގެ ކާމިޔާބީގައި ޙަމާސްއިން އަދިވެސް ދަނީ ކުރިއަށެވެ. ފަލަސްތީނުގެ މިނިވަންކަމަށް ޕީއެލްއޯއާއި ފަތަޙަ ޖަމާޢަތާއި ވާތު ފިޔައިގެ ޕޮޕިއުލާ ފްރޮންޓާއި އިސްލާމީ ޖިހާދުން މިއަދާހަމައަށް ކޮށްފައިވާ ހުރިހައި މަސައްކަތަކާ އަޅައި ކިޔާއިރު އޮކްޓޯބަރުގެ ޙަމަލާއަކީ އިޒްރޭލުގެ ދައުލަތް އޭގެ ބިންގަލުން ގުޑުވާލި މުހިންމު ޙާދިސާއެކެވެ.

މި ޙަމަލާއަށްފަހު، އިޒްރޭލުގެ ބާރުވެރިކަމާ މެދު އަންނަނިވި ގޮތަށް ބަލާލުން މުހިންމުމެވެ.

އޮކްޓޯބަރުގެ ޙަމަލާއާ ހަމައަށް އިޒްރޭލުން މެދުއިރުމަތީގެ ޤައުމުތައް ކޮންޓްރޯލު ކުރީ އަބަދުވެސް ބިރު ދައްކައިގެންނެވެ. ބައެއް ފަހަރު ބާރުގެ ބޭނުން ކޮށްގެންނެވެ. އިޒްރޭލުން ދައްކަން ބޭނުންވީ ކޮންމެ ހިނދެއްގައިވެސް ކޮންމެ ވަގުތެއްގައިވެސް ކޮންމެ ޢަރަބި ޤައުމަކަށްވެސް އިޒްރޭލަށް ޙަމަލަ ދެވިދާނެ ކަމެވެ. އަދި އިޒްރޭލަކީ ސަރަހައްދުގެ އެންމެ ބާރުވެރި ޤައުމު ކަމަށެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ އިސްލާމީ ޖިހާދުން ސާބިތުކޮށް ދިނީ އިޒްރޭލަށް އަބަދު ބާރުދެއްކުމުގައި ތާއަބަދަށް ދެމި ނުހުރެވޭނެ ކަމެވެ.

ހަމާސްގެ ޙަމަލާތަކުން އިޒްރޭލާއެކު ހަނގުރާމައަށް ނިޔަތް ގަނެފައިވާ އެހެން ފަރާތްތަކަށްވެސް ވަނީ މަޢުނަވީ ހިތްވަރެއް ލިބިފައެވެ. ޙިޒުބުﷲއާއި އީރާނާއި އަންޞާރުﷲގެ ޢަމަލުތަކުން އެކަން ސާބިތުވެއެވެ.

  • ޙިޒުބުﷲ އިން ވަނީ އިޒްރޭލުގެ އެންމެ ފުނަށް ޑްރޯންތައް އުދުއްސުމަށްފަހު އިޒްރޭލުގެ ދިފާޢީ މަރުކަޒުތަކުގެ ފޮޓޯތައް ދުނިޔެއަށް ދައްކައި ޒަޔަނިސްޓް ދިފާޢީ ބާރުވެރިކަން ބޭޒާރުކޮށްލާފައެވެ. އުތުރު އިޒްރޭލުގައި 30 އަހަރު ވަންދެން އިޒްރޭލުން ބިނާކުރަމުން، ބޭނުން ކުރަމުން ދިޔަ އިލެކްޓްރޯނިކް ޖާސޫސީ ހުރިހައި މަރުކަޒުތަކެއްހެން ޙިޒުބުﷲ އިން ވަނީ ބޮން އަޅައި ނައްތާލާފައެވެ.
  • އެޕްރީލް މަހު އީރާނުން، އިޒްރޭލާ ދެކޮޅަށް ހިންގި ބާރުދެއްކުމުގެ ޢަމަލީ، ދިމިޝްޤްގައި ހުންނަ އީރާނުގެ ކޮންސުލޭޓަށް އިޒްރޭލުން ދިން ޙަމަލައަށް ބަދަލު ހިފުމަށް ދިން ޙަމަލާއެކެވެ. އީރާނުން ދިން ޙަމަލާއަކީ ހިސާބު ހެދުމަށްފަހު ދެ މާނައެއްގައި ދީފައިވާ ހަމަލާއެކެވެ. އެއް މާނައިގައި އެއީ އިޒްރޭލަށް އީރާނުގެ ކުޅަދާނަކަން ދެއްކުމެވެ. އަދި ދެވަނަ މާނައިގައި އިޒްރޭލުގެ ދިފާޢީ މަރުކަޒުތަކަށް އީރާނަށް އަމާޒު ކުރެވިދާނެ ކަމުގެ ޔަގީން ދިނުމެވެ. ދެކަންވެސް އިޒްރޭލުން ބަލައިގަތެވެ.
  • ޔަމަނުގެ އަންޞާރުﷲ ޖަމާޢަތުން ވަނީ ރެޑްސީގައި އިޒްރޭލަށް ރައްކަލެއް ނެތް ކަން ސާބިތުކޮށް ދީފައެވެ. އަންޞާރުﷲއަކީ ސަރުކާރެއް ތަމްސީލު ކުރާފަރާތެއް ނޫނެވެ. އެއީ ހަނގުރާމަ ވެރި ޖަމާޢަތެކެވެ. ނަމަވެސް އެޖަމާޢަތުން ވަނީ އިޒްރޭލުގެ އީލާތަށް ކުރާ ކަނޑު ދަތުރު ހުއްޓުވުމުގައި ކާމިޔާބީ ހޯދާފައެވެ. ނަތީޖާއެއްގެ ގޮތުން އީލާތު ބަނދަރު ވަނީ އިލްފާސް ވެފައެވެ.
  • ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޙަމާސް ޖަމާޢަތުން ދިން ޙަމަލައިން ސާބިތު ކޮށްދިނީ އިޒްރޭލަކީ ބިރުގަންނަން ޖެހޭ ފަދަ ބާރެއް ނޫންކަމަށެވެ. ދިހަ މަސްވަންދެން މެދުނުކެނޑި ޒަޔަނިސްޓުން ހަމަލަ ދެމުންދާއިރުވެސް ހަމާސްގެ ބާރުވެރިކަން ހީނަރުކޮށެއް ނުލެވުނެވެ. ރޭ އެކަނިވެސް ހަމާސްއިން ވަނީ 10 ރޮކެޓާއި 20 ރޮކެޓާ ދެމެދުގެ ޢަދަދަކަށް ޣައްޒާގައި ޒަޔަނިސްޓުން އާބާދުކޮށްފައިވާ 40 ކިލޯމީޓަރުގެ ސަރަހައްދުގެ ފުނަށް ޙަމަލަ ދީފައެވެ.

މި ވާހަކަތަކުގެ އަލީގައި އިޒްރޭލަށް ވާގިވެރިވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ބަލާލަމާ ހެއްޔެވެ؟ އެމެރިކާއިން އިން ވަނީ ޢަރަބި ހުރިހައި ޤައުމެއްގައި ހެން އަސްކަރީ މަރުކަޒުތައް ޤާއިމް ކޮށްފައެވެ. ސައުދީ ޢަރަބިއްޔާއާއި ޤަޠަރާއި ކުވެއިތާއި އުރުދުންފަދަ ޤައުމުތަކުގައި އަސްކަރީ މަތިންދާބޯޓު އޮޕަރޭޓުކުރެވޭފަދަ ވައިގެ މަރުކަޒުތައް ހަދައި އެމެރިކާއިން ދަނީ އެތަންތަން ބޭނުން ކުރަމުން ދެއެވެ. ސޫރިޔާގައި އިރާޤުން ވަންނަން އޮންނަ ހައިވޭއާއި ކައިރީގައި ސޫރިޔާގެ އެތެރޭގައި، އެމެރިކާއިން 300 ސިފައިންގެ ކޮމާންޑޯންގެ ފައުޖެއް ހެލިކޮޕްޓުތަކާއެކު ބާއްވާފައި ވެއެވެ. ބަޙުރައިންގެ މަނާމާގައި މެދުއިރުމައްޗަށް ޚާއްޞަކޮށްފައިވާ މަނަވަރުތަކުގެ 7 ވަނަ ފްލީޓުގެ މަރުކަޒު ހަދާފައި ވެއެވެ.

އޭގެ އިތުރުން އުރުދުންގެ އިނގިރޭސި ރަސްގެފާނު ޢަބްދުﷲއާއި ޒަޔަނިސްޓުންނަށް ވާގިވެރިވާ މިސްރުގެ ޑިކްޓޭޓަރ ސީސީ ވަނީ އިޒްރޭލުގެ ސަރަހައްދު ޙިމާޔަތް ކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފައެވެ. އިންޑިއާއިން ވަނީ އިޒްރޭލަށް ހަތިޔާރުވިއްކައި ސިފައިންނާއެކު ޓެކްނިކަލް ޓީމެއް ފޮނުވާފައެވެ.

މާނައަކީ، އިޒްރޭލަށް އީރާނުން ޙަމަލައެއް ދީފިނަމަ، އެހަމަލައިން ދިފާޢުވުމަށް އިޒްރޭލަށް އެހީތެރިވާނެ އެހެން ޕްރޮކްސީ ބާރުތަކެއް އިޒްރޭލަށް ލިބިގެންވެއެވެ.

އީރާނުން ކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ އީރާނާއި ޙިޒްބުﷲގެ ފަލްސަފާއަކީ ޝީޢީ ފަލްސަފާއެކެވެ. އެ ފަލްސަފާއަކީ، (ތަޤިއްޔާ ނުވަތަ) ސިއްރުވެރިކަމާއެކު ތިމާގެ ނިޔަތް ސާފުނުވާ މިންވަރަށް ކަންކަން ސިއްރު ކުރުމުގެ ފަލްސަފާއެކެވެ.

ޙިޒުބުﷲ އިންވެސް އަދި އީރާނުންވެސް އިޒްރޭލާ ދެކޮޅަށް ޢަމަލު ކުރާނެ ގޮތެއް އެއްވެސް ބަޔަކަށް ސާފެއް ނުވެއެވެ. ސާފުކޮށްދީފައެއް ނުވެއެވެ. ޙިޒުބުﷲ ލީޑަރު ޙަސަން ނަޞްރަﷲ ވަނީ، ޒަޔަނިސްޓުންގެ ޕްރޮޕެގެންޑާ ވާހަކަތައް ޤަބޫލު ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. ދެފަރާތުންވެސް ވަނީ އެމެރިކާއާއި އިޒްރޭލާ ދެކޮޅަށް ނަފްސާނީ ހަނގުރާމައެއް ފަށާފައެވެ. އަދި އިޒްރޭލާ އެމެރިކާއިންވެސް ވަނީ ނަފްސާނީ ހަނގުރާމައެއްގައި ރައްދު ދޭންފަށާފައެވެ. އޭގެ ތެރޭގައި އެމެރިކާއާއި އިނގިރޭސި މަސްއޫލުވެރިން ޓެލްއަވީވަށް ޒިޔާރަތްކޮށް ދިފާއީ ގުޅުން ބަދަހި ކުރުމަށް ވާހަކަ ދެއްކުމާއި އިޒްރޭލުން ސޫރިޔާއާއި ލުބުނާނުގެ ސަރަހައްދަށް ބޮން އެޅުން ހިމެނެއެވެ. މި ދެކަމަކީވެސް މިދޔަ 24 ގަޑިއިރު ތެރޭގައި ހިނގާފައިވާ ކަންކަމެވެ.

ޔަޤީނުންވެސް އީރާނުން ވަނީ މިސައިލްތަކާއި ދިފާޢީ ނިޒާމުތައް ރުކުރުވާލަން ފަށާފައެވެ. އަދި ރައްޔިތުންނަށް އަންގަފައި ވަނީ މީސްމީޑިއާގައި ހަޔިތާރާއި ސިފައިންގެ ހަރަކާތްތަކުގެ ފޮޓޯތައް ޝާޢިއު ނުކުރުމަށެވެ.

އިޒްރޭލުންވެސް ވަނީ އެމެރިކާގެ ޕެޓްރިއޮޓް މިސައިލްގެ ނިޒާމާއި އިޒްރޭލުގެ އަމިއްލަ އުފެއްދުމުގެ ޑޭވިޑް ސްލިންގގެ ދިފާޢީ ނިޒާމުތައް އައްސޭރިފަށުގައި (އިންޑިއާގެ އަދާނީ ކުންފުނިން ހިންގާ ޕޯޓް އޮންނަ) ބަނދަރު ސިޓީ ޙައިފާއާއި ޢަސްޤަލާނަށް ބުރަސްފަތި ދުވަހުންފެށިގެން ފޮނުވަން ފަށާފައެވެ.

އީރާނުގެ ހަމަލައަށް އިޒްރޭލުގައި ނުތަނަވަސްކަމެއް އުފެދިފައި ވެއެވެ. ޒަޔަނިސްޓުން ވަނީ ރައްޔިތުން ވަންނާނެ ސަލާމަތީ މަރުކަޒުތައް ކަނޑައަޅާފައެވެ. ވެރިންނަށް ސެޓެލައިޓް ފޯނުތައް ދީފައެވެ. ދާޚިލީ ސަލާމަތާ ބެހޭ ޝާބާކުން ވަނީ ވަޒީރުން ޙިމާޔަތް ނުލިބޭފަދަ ތަންތާނގައި ނުތިބުމަށް އިންޒާރުކޮށްފައެވެ.

އީރާނުގެ ހަމަލާގައި ބެލެސްޓިކް މިސައިލް ބޭނުން ކުރާނެކަމަށްވެސް އިޒްރޭލުން ކަފާ ކޮށްފައި ވެއެވެ. އީރާނަކީ މެދުއިރުމަތީގައި މިސައިލްއާއި ޑްރޯން ޓެކްނޮލޮޖީގައި އެންމެ ކުރިއަރާފައިވާ ޤައުމެވެ.

ޙަމަލައެއް ދީފިނަމަ ދިގުދެމިގެން ދާނެ ހެއްޔެވެ؟ ޣައްޒާގައި ހަނގުރާމަ ކުރާ ޒަޔަނިސްޓު ސިފައިންނާ ބައްދަލުކޮށް އިޒްރޭލުގެ އިސް ޖެނަރަލް އިއްޔެ ބުނެފައި ވަނީ އިޒްރޭލަށް އެއްވެސް ޤައުމަކުން ޙަމަލައެއް އައިސްފިނަމަ އެ ޤައުމަކަށް އިޒްރޭލުން ރައްދު ޙަމަލަ ދޭނެ ކަމަށެވެ.

ހަނގުރާމަ ދިގު ދެމިގެން ގޮސްފިނަމަ، ގެއްލުން ލިބޭނީ އެމެރިކާއަށެވެ. އެމެރިކާއަކީ 3 މައިދާނެއްގައި މިހާރުވެސް ފާރަވެރިވަމުންދާ ގައުމެކެވެ. ދެކުނު ޗައިނާއާއި ޕެސިފިކް ސަރަހައްދާއި ޔުކްރެއިންއާއި އިރުމަތީ ޔޫރަޕާއި، މެދުއިރުމައްޗާއެކު އެއްފަހަރާ 3 މައިދާނެއް ބެލެހެއްޓުމަކީ އެމެރިކާއަށް މި ވަގުތު ބޮޑު ގޮންޖެހުމެކެވެ. އެމެރިކާގެ ދިފާއީ ޙާލަތު ވަޒަންކޮށް ކޮންގްރެސަށް ދީފައިޥާ މަޢުލުމާތުން އެނގެނީ އެމެރިކާގެ ހަތިޔާރު ގުނދަންތަކުގެ އިންވެންޓްރީވެސް މަދުވެފައިވާ ކަމެވެ. އިނގިރޭސި ދިފާޢީ ވަޒީރުވެސް ވަނީ އިނގިރޭސިންގެ ހަތިޔާރު ގުދަން އަޑިއަޅާފައިވާ ކަމަށް ބުނެފައެވެ. އެއާއެކު ޔޫރަޕުން ދަނީ ޑްރޯންފަދަ އެއްފަހަރު ބޭނުންކޮށްފަ އެއްލާފާދަ ޑިސްޕޯސަބަލް ހަތިޔާރު އުފެއްދުމަށް އައު މަސައްކަތެއް ފަށާފައެވެ.

އެމެރިކާގެ ރިއާސީ އިންތިޚާބާއި، ޓްރަމްޕްގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތާއެކު އެމެރިކާގެ ސިޔާސީ މަސްރަޙާއި އެމެރިކާގެ އެތެރޭގެ ޙާލަތާއި އިޤްތިސާދުވެސް އޮތީ ދިގު ދެމިގެންދާފަދަ ހަނގުރާމައެއް ތަޙައްމަލު ކުރާފަދަ ހާލަތެއްގައެއް ނޫނެވެ.

އިތުބާރު ހިފޭ މީޑިއާއެއްކަމަށްވާ، އެކްސިއޮސްގެ ރިޕޯޓްތައް ސައްހަ ކަމުގައި ވަނީނަމަ، ބައިޑެންގެ ވައިޓްހައުސްއިން ދީފައިވާ އިންޒާރަކީ އިޒްރޭލުން ހަނގުރާމައެއް ފަށައިގެން ނުވާނެ ކަމުގެ އިންޒާރެވެ. އަދި އެމެރިކާގެ މީޑިއާގެ ސުރުޚީތަކުންވެސް ދޭހަވަނީ ހަނގުރާމައަކަށް އެމެރިކާގެ ޝައުޤުވެރިކަމެއް ނެތް ކަމެވެ.

ނަމަވެސް އިޒްރޭލު ބޮޑު ވަޒީރުގެ ސިޔާސީ ޝަރުޢީ މައްސަލަތަކުން ސަލާމަތް ވުމަށް އޮތް ހަމައެކަނި މަގަކީ ސަރަހައްދީ ހަމަނުޖެހުމަކަށް ހުޅު ރޯކޮށްލުމެވެ. ނަތަންޔާހޫ މަޤާމުން ބޭލުމަށް އިދިކޮޅު ފަރާތްތަކަށް އޮތް ހަމައެކަނި ޝަރުޢީ ހައްލަކީ ހުޅު ރޯކޮށްލުމެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލުކުރެވޭ ހަމަލާތައް ވެގެންދާނީ، އިޒްރޭލުގެ ސިޔާސީ މުސްތަޤްބަލާއި ފަލަސްޠީނުގެ މިނިވަންކަމާ ގުޅިފައިވާ މުހިންމު ނަތީޖާއެއް ނިކުންނާނެ ހަމަލާތަކަކަށެވެ. އީރާނާ ދެކޮޅަށް އިޒްރޭލަށް ކާމިޔާބީއެއް ޙާޞިލު ކުރެވޭނީ އަރަބި ސުންނީ މުސްލިމުންގެ ޣަދަރުވެރި ކަމުންނެވެ.

ހިއްސާ ކުރައްވާ!