ސީއީއޯ ވަޖީހުގެ މޭސްތިރިކަމުގައި މުހިންމު މަސައްކަތެއްގައި ކުލަ ޖެހެމުން ދަނީ

ބަންކަރިންގެ ދާއިރާއަށް ރާއްޖެ ހުޅުވާލުމަށް ކުރަމުންދާ މަސައްކަތުގައި ބަންކަރިންގެ ޚިދުމަތަށް ބޭނުންވާ ދެ އުޅަނދު މިއަދު ކުޅުދުއްފުށްޓަށް ދިއުމުން ފެންބަޑީގެ ސަލާމެއް ދީފައިވެއެވެ. ޕައިލެޓް ބޯޓާއި ޓަގްބޯޓުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް މަރުޙަބާ ވިދާޅުވީ، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް އިސްކޮށް ހުންނަވައިގެން އޭނާގެ ޓީމުންނެވެ.

ރާއްޖޭގެ އުތުރުގައި ކަނޑުދަތުރުފަތުރުގެ ދާއިރާއާ ގުޅޭ މުހިންމު މަސައްކަތްތަކެއް ދަނީ ހިނގަމުންނެވެ. ސީއީއޯ ވަޖީހު އުތުރުގެ ސަރަޙައްދުގައި ޙަރަހާތްތެރިވެ ވަޑައިގަންވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭގެ ކުރިން ވަޖީހު ޙަރަކާތްތެރިވެ ވަޑައިގަތީ، ދެކުނުގައެވެ. އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ލޮޖިސްޓިކްގެ ދާއިރާއާ ގުޅޭ މަސައްކަތްތަކެއް ގައެވެ.

ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ސިންދަފާތު ކުރުމުގެ ވާހަކަތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާން ކުރެއްވިއެވެ. މަޑުމަޑުން އެއިން ބައެއް މަސައްކަތްތަކުގައި ސިފަޖެހެމުންދާ ތަން މިހާރު ދަނީ ފެންނަމުންނެވެ.

ރާއްޖެއަކީ ޤައުމީ އުފެއްދުންތެރިކަމުގައި ފަތުރުވެރިކަމުގެ ދާއިރާއިން 24 އިންސއްތަ ޙިއްސާ ކުރާ ޤައުމެކެވެ. އިޤްތިޞާދު ސިންދަފާތު ކުރުމުގެ ވާހަކައާއި ނޫ އިޤްތިޞާދުގެ ޝިއާރުތައް ކުރިންވެސް އިވިގެންދިޔަ އެވެ. ނަމަވެސް ޢަމަލީ ސިފަ ޖެހެމުން ދިތަ ތަން މިސަރުކާރާއެކު ފެންނާން ފަށައިފިއެވެ.

މިސަރުކާރުން އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ބޮޑުކޮށް، ފެންނާކަށެއް ނެތެވެ. އެކަންކަމުގެ މަންޒަރެއް ކުރަހައި ދެވެން އޮތް އިރުވެސް، އެކަން އަދި ކުރެވިފައެއް ނުވެއެވެ. މައްސަލައަކީ ސަރުކާރާއި މަސްއޫލުވެރިންގެ ގާތުން  މަޢުލޫމާތު ހޯދައި ކަންކަން ސާފުކޮށް ދިނުމަށް އެދި ގުޅުމުން މަޢުލޫމާތު ދޭން  ފަސްޖެހި ބިރުގަތުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތަކާއެއް ގޮތަށް، ކުލަޖެހެމުން، ޢަމަލީ ސިފަޖެހެމުންދާ ދެކަމެއް މިތާގައި ފާހަގަ ކޮށްލާނަމެވެ.

ފުރަތަމަ ކަމަކީ، އޮފްޝޯ ބެންކިންގއާއި ޑިވެލޮޕްމެންޓް ބޭންކެއް ތަޢާރަފްކޮށް އިޤްތިޞާދަށް އައު ދާއިރާއަކުން ބޭރު ފައިސާ ވެއްދުމުގެ މަސައްކަތެވެ. އެކަމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލައި މުއައްސަސާ ބިނާކުރުމުގެ މަސައްކަތް ފުރިހަމަ ކުރެވި އެކަން މިހާރު ވަނީ ޢަމަލީ މަސައްކަތް ފަށައިގަންނަ ހިސާބުގައެވެ. ވަރަށް ވެސް ބޭބީ ފިޔަވަޅެކެވެ. ނަމަވެސް ކައިރި މުސްތަޤްބަލެއްގައި ބޮޑު ނަތީޖާއެއް ފެނިގެންދާނެ މުހިންމު މަސައްކަތެކެވެ.

ދެން އޮތީ އެފަދަ ދެވަނަ މަސައްކަތެވެ. އެވެސް ބޭބީ ފިޔަވަޅެކެވެ! ދެ ފިޔަވައްސަކަށް ބަހާލައިގެން ބަންކަރިންގެ ޚިދުމަތް އުތުރުގައި ދިނުމުގެ މަސައްކަތެވެ.

މިމަސައްކަތުގައި މައިދާނުގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވެ ވަޑައިގަންނަވަނީ އެމްޕީއެލްގެ ސީއީއޯއެވެ. މިލިޔުން ތައްޔާރު ކުރުމުގެ ދުވަސްކޮޅެއް ކުރިން އަޅުގަނޑުމެން ސީއީއޯ ވަޖީހާ ބައްދަލު ކޮށްލީމެވެ.

ވާހަކަތައް އަޑު އަހާލުމުން ހީވީ ހުނަރުވެރި ޓީޗަރެއްގެ ފިލާވަޅު ނަގައި ދިނުމެއް ހެންނެވެ. އަދި މާރެސް ޙިއްސާކޮށްލެއްވި އިރު ހީވީ ހުނަރުވެރި ޕްރިންސިޕަލެއް ހެންނެވެ.

ވަޖީހަކީ މިއަދު ޕޯޓްސް ދާއިރާގެ ކުންފުނި ހިންގެވުމަށް ހަވާލުވެވަޑައިގެން ހުންނެވި ނަމަވެސް ސްކޫލު ދާއިރާގެ ދަރިއެވެ. ތަޢުލީމީ ދާއިރާގެ އުފެއްދުމެކެވެ. އެހެންވެ، ބައެއް ފަރާތްތަކުން ފާހަގަ ކުރިގޮތަށް، އޭނާގެ މެނޭޖުމަންޓްގެ ސްޓައިލް ފާހަގަވެގެންދާނީ، އަރުވައި ޖައްސަވައިގެން ވާގަނޑުގެ އަނެއްކޮޅުގައި ހިތްޕަވައިގެން ހުންނެވި ޕްރިންސިޕަލެއް ހެންނެވެ!

ސީއީއޯ ވަޖީހް ވިދާޅުވަނީ އޭނާގެ ކުންފުނިން އޮތީ ބަންކަރިންގެ ޚިދުމަތަށް ތައްޔާރަށް ކަމަށެވެ. އަދި އޭނާގެ ވާހަކައިގައި ޤައުމީ ކުލަވަރެއް ޖެއްސެވުމަށްފަހު ވިދާޅުވަނީ، “ބަންކަރިންގެ ޚިދުމަތާގެން ކުރިއަށް ދަނީ ޤައުމީ މަސައްކަތެއްގެ ގޮތުގައި” ކަމަށެވެ.

ބަންކަރިންގެ ޚިދުމަތަކީ ރާއްޖޭގައި އަލަށް ތަޢާރަފް ކުރާ ޚިދުމަތެކެވެ. އެ މަސައްކަތުގައި ރާއްޖޭން ވަނީ، އެދާއިރާއިން ނަން މަޝްހޫރު ބައިނަލްއަޤްވާމީ ކުންފުންޏެއް ކަމަށްވާ ވިޓޯލް ބަންކާރޒްއާއެކު އެއްބަސްވުމެއް ހަދާފައެވެ.

ހަކަތައިގެ ދާއިރާގެ ނަން މަޝްހޫރު ވިޓޯލް ބަންކަރޒްއަކީ، ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތައް ޙަރަކާތްތެރިވާ މަގުތަކުގައި މެރިން ފިއުލް ފޯރުވައިދޭ މުހިންމު ކުންފުންޏެކެވެ. އަދި ތިމާވެށްޓާ ރައްޓެހި ފިއުލްވެސް ވިޓޯލްއިން ފޯރުވައި ދެއެވެ.

ވިޓޯލްއިން ވަނީ އެކުންފުނިން ހަރަކާތްތެރިވާ ޕޮއިންޓްތަކުގެ ތެރޭގައި ރާއްޖެވެސް ހިމަނާފައެވެ.

ބަންކަރިންގެ ޚިދުމަތާ ބެހޭ ގޮތުން ވަޖީހު ވަނީ، މާކަނޑުގައި ދަތުރުކުރާ އުޅަނދުތައް އާއްމުކޮށް ދަތުރުކުރާ ސަރަޙައްދުތަކުގައި ތެލާއި ފެނުގެ ޚިދުމަތް ލިބެން ހުންނަނަމަ އެފަދަ ތަންތަނަށް މަޑުކޮށް ބަރާކުރާނެ ކަމަށެވެ. އަދި އާގުބޯޓު ފަހަރަށް ތެޔޮ ވިއްކުމަކީ ރަނގަޅު އާމްދަނީއެއް ދައުލަތަށް ލިބޭނެ ފައިދާ ބޮޑު ޚިދުމަތެއްކަމުން އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ފުޅާވެގެން ދާނެ ކަމަށެވެ.

އުލިގަމުގައި ޔޮތް މެރީނާއެއްގެ މަސައްކަތާއި، ތުރާކުނުގައި ބޯޓު ފަހަރަށް ފެން އަޅައިދިނުމުގެ ބަންކަރިންއާ ގުޅޭ މަސައްކަތުގައި އުޅުއްވުމަށްފަހު، މިހާރު ވަޖީހު ހުންނެވީ ކުޅުދުއްފުށީ ގައެވެ. ކުޅުދުއްފުށީ ސިޓީގައި އެމްޕީއެލްއިން ދަނީ ބޯޓުޔާޑެއްގެ މަސައްކަތް ކުރަމުންނެވެ. އެމަސައްކަތުގެ 95 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓު ކުޅުދުއްފުށި ސިޓީއަށް ގެންދިޔައިރު ވަޖީހު ހުންނެވީ އެސިޓީގައެވެ.

ވަޖީހު ވިދާޅުވަނީ، އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް މިމަހު 20ގައި ފަށާނެ ކަމަށެވެ.

ބަންކަރިންގެ ދާއިރާގައި އެމްޕީއެލްއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވަމުން، އެކަމަށް ބޭނުންވާ ގިނަ ލޮޖިސްޓިކް މަސައްކަތަކީ އެޕްޕީއެލްގެ މަސައްކަތުގެ ދާއިރާ ކަން ފާހަގަ ކުރައްވައެވެ. އެގޮތުން ބަންކަރިންގެ ޚިދުމަތަށް ބޭނުންވާ އޮފީސް ޖާގައިގެ މަސައްކަތް މިމަހު 15އަށް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން ވަޖީހު ދެއްވައެވެ.

ބަންކަރިންގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ބޭރު ބަނދަރުގައި އާގުބޯޓު ބާއްވައިގެން ބަންކަރިންގެ ޚިދުމަތް ދޭނެއެވެ.

އަދި ދެވަނަ ފިޔަވަހީގައި، އެކަމަށް ބޭނުންވާ ބަނދަރު ތަރައްޤީ ކުރާނެއެވެ. އެފަދަ ބަނދަރެއްގައި އެކަމަށް ބޭނުންވާ ހުރިހައި ޚިދުމަތެއް ފަހިވެފައި ހުންނާނެ އެވެ.
މިއީ އުތުރުގެ ސަރަޙައްދަށް އެދެވޭ އިޤްތިޞާދީ ބަދަލެއް އަންނާނެ މަސައްކަތެއް ކަމަށް ވަޖީހު ދެކެވަޑައިގަންނަވައެވެ.

ހިއްސާ ކުރައްވާ!