ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތަކީ ޤައުމުތަކަށް ފަހި ޚާރިޖީ ސިޔާސަތެއް

ވަކި ފަރާތަކަށް ނުޖެހޭ ޙަރަކާތުގެ ފަލްސަފާއަކީ މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ޚާރިޖީ ސިޔާސަތު ހިންގުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ސިޔާސަތެކެވެ. މިދިޔަ މުއްދަތުގައި، ވަކިފަރާތަކަށް ނުޖެހޭ ޙަރަކާތުން ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށް ލިބިފައިވާ ފައިދާއަކީ ދުނިޔޭގެ ބޮޑު ދެ ބާރާއެކުވެސް ފިނި ހަނގުރާމައިގެ ދުވަސްވަރު، މިނިވަން ޚާރިޖީ ސިޔާސަތެއް ހިންގުމަށް ފުރުސަތު ލިބުމެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު އެފްރިކާގެ ޤައުމުތަކުން، ވަކިފަރާތަކަށް ނުޖެހޭ ހަރަކާތުގެ ފަލްސަފާ ގަބޫލުކުރުމުން ކޮންގޯގެ ހަމަނުޖެހުމާއި އަލްޖީރިއާގެ މިނިވަންކަމުގެ ހަނގުރާމަ ފަދަ މައްސަލަތަކުގައި ބައިނަލްއަގްވާމީ ކަންކަން ސްޓްރެޓެޖިކް ގޮތެއްގައި ކުރިއަށް ގެންގޮސް އެ ޤައުމުތަކުގެ އެތެރޭގެ މަސްލަހަތު ހިމާޔަތް ކުރުމަށް ފުރުސަތު ލިބިގެން ދިޔައެވެ. އެޤައުމުތަކުންވެސް އެމެރިކާއާއި ރޫސީންގެ ފިއްތުންތަކަށް ބޯލަނބާނުލައި، ހުނަރުވެރިކަމާއެކު އަމިއްލަ އެޖެންޑާތައް ކުރިއަށް ގެންދިޔައެވެ.

މިއަދުގެ ބަވަނަ ވެފައިވާ ދުނިޔޭގައި ޤައުމުތަކަށް މުހިންމު ވެފައި ވަނީ  ޤައުމުތަކާއެކު ގުޅުން އިތުރުކޮށްދޭ ޕޮލިސީތައް އެކުލަވާލުމުގައި ހީވާގި ޑިޕްލޮމެސީއާއި ޑައިނަމިކް ޕާޓްނަރޝިޕްތަކުގެ މުހިންމުކަމެވެ. ޚާރިޖީ ގުޅުމުގައި އިސްކަން ދެނީ ފިކުރީ މައްސަލަތަކަށް ވުރެން ބޮޑަށް އިޤްތިޞާދީ އަދި އަސްކަރީ ލަނޑުދަނޑިތައް ޙާޞިލު ކުރާށެވެ.

މިއަދުގެ ވާދަވެރި ދުނިޔޭގައި ވަކި ފަރާތަކަށް ނުޖެހެ ސިޔާސަތު ގެންގުޅުމަށް ބަލާއިރު ފެންނަނީ، ނިއުދިއްލީ އެވެ. ރަޝިޔާއާއެކު އަސްކަރީ ގުޅުން ބަދަހިކޮށްފައިވާ އިރު އިންޑިއާއިން ވަނީ އެމެރިކާއާއެކު ވެސް އަސްކަރީ ގުޅުން ވަރުގަދަ ކޮށްފައެވެ. މިހާރު މިއީ މި ދެ ޤައުމުންވެސް އަސްކަރީ ޓެކްނޮލޮޖީ ގަންނަމުންދާ ޤައުމެކެވެ. އިންޑިއާގެ ވަހި ފަރާތަކަށް ނުޖެހުމުގެ ޚާރިޖީ ސިޔާސަތުން ނިއުދިއްލީއަށް ގުޅިފައިވާ އަސްކަރީ ތަމްރީނުތަކާއި ވިޔަފާރީގެ އެއްބަސްވުންތަކާއި އެހީތެރިކަމާއި ސަޕޯޓް ހޯދުމަށް ފުރުސަތު ލިބިގެން ގޮސްފައި ވެއެވެ.

އިންޑިއާގެ ކާމިޔާބީ އިންޑިއާއިން ދައްކައި ދެނީ، 1947-1991 އަށް ހިނގި ފިނި ހަނގުރާމައިގެ ދުވަސްވަރު ޖަރުމަން ދެބަޔަށް ބެހިފައި އޮތް އިރުވެސް، ދެ ޖަރުމަނާއެކު ވެސް އިންޑިއާއިން އެއްވަރަކަށް އިޤްތިސާދީ އަދި ސިޔާސީ ގުޅުން ބޭއްވި ކަމެވެ.

އެކަން ފެނިގެން ދިޔައީ ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމާ ގުޅޭގިގެން ޤައުމުތަކުން ކަންކަން ކުރިއަށް ގެންދިޔަ ގޮތުންނެވެ. ހުޅަނގުގެ ޤައުމުތަކުން އެ މައްސަލާގައި ގެންގުޅުނު ސިޔާސަތަށް ތާއީދު ކުރަން 2022 ވަނަ އަހަރު އެފްރިކާގެ ގިނަ ގައުމުތަކުން ފަސްޖެހުނެވެ. އަދި އެއްވެސް ބޮޑު ބާރަކާ މާބޮޑަށް ގުޅުމުން ލިބޭނެ މާބޮޑު ފައިދާއެއް އިޙުސާސް ނުވާކަން ފާހަގަ ވެގެން ދިޔައެވެ.

ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅެ ފައިދާ ނަގާފައިވާ އަނެއް ޤައުމަކީ އިތިއޮޕިއާ އެވެ. އިތިއޮޕިއާއިން ބްރިކްސްއާ ގުޅުނުއިރު، އެކުއެކީގައި އެމެރިކާއާ ޕާޓްނަރޝިޕް ހަދަމުން ދިޔައެވެ. އެމެރިކާއަކީ އަދިވެސް އިތިއޯޕިއާއަށް އެންމެ ގިނައިން އެހީދޭ ޤައުމެވެ.

ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ޚާރިޖީ ގުޅުމުގައި ގެންގުޅެނީ މަދުން އާމްދަނީ ލިބޭ ޤައުމުތައް އެކަންޏެއް ނޫނެވެ. އެހެހެން މައްސަލައެއްގައި އެމެރިކާއިން ކަން ކުރި ގޮތާމެދު ބަލާލަމާ ހެއްޔެވެ؟ ޕާކިސްތާނާއި އިންޑިއާއާ ދެމެދު ރަނގަޅު ގުޅުމެއް އޮތް އިރުވެސް، އެމެރިކާއިން ވެސް ޖައްމޫ ކަޝްމީރަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގެ ސަރަހައްދެއް ނޫން ކަމަށް ޤަބޫލު ކުރުމުގެ ބަދަލުގައި އެއީ، މައްސަލަ ޖެހިފައިވާ ޕްރިންސްލީ ސްޓޭޓެއް ކަމަށް  ބަލައި ވަކި ފަރާތަކަށް ބުރަ ނުވާ ސިޔާސަތެއް ގެންގުޅުނެވެ.

ހަމައެފަދައިން އިންޑިއާގެ އަމާޒަކީ ބޭރުގެ ޕްރެޝަރުތަކާއި ސިޔާސީ އިއްތިޙާދުތަކުން އެކަހެރިވެ ހުރެގެން، އެޤައުމުގެ އިސްތިޤުލާލު ރައްކާތެރިކުރުމެވެ. އަދި އޭގެ އިތުރުން އެގައުމުގެ ދާޚިލީ މައްސަލަތަކާއި އަމިއްލަ މުސްތަޤިއްލު ނިންމުންތަކަށް ބޭރުގެ ފަރާތަކުން ވަދެގަތުން ހަނިކުރުމެވެ. އަދި އިންޑިއާގެ އަމިއްލަ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވެދޭ ހަމަހަމަ ބައިނަލްއަޤްވާމީ ޙާލަތްތަކަށް ބާރުއަޅައި ވަކާލާތުކުރެއެވެ.

ވަކި ފަރާތަކަށް ނުޖެހެ ޙަރަކާތުގެ ބާނީ، އިންޑިއާއަށް ބައެއް ކަހަލަ ފާޑުކިޔުންވެސް އަމާޒު ވެފައި ވެއެވެ. މޮދީ ސަރުކާރުގައި ނެހުރޫގެ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތު އިންޑިއާއިން ދޫކޮށްލާފައިވާ ކަމަށް ބުނެ ފާޑުކިޔުން އަމާޒު ކުރެވުނެވެ.

ނަމަވެސް އެކަންކަމަށް ބަލާއިރު އިންޑިއާއިން ގެންގުޅެފައިވާ ސިޔާސަތުން އިންޑިއާއަށް ފައިދާ ކޮށްފައި ވެއެވެ. އެގޮތުން އިންޑިއާއާއި ޗައިނާގެ ސަރަހައްދީ ރޮނގުގައި އުފެދިފައިވާ މައްސަލަތަކުގައި އިންޑިއާއަށް އަމިއްލަ ސިޔާސަތެއް ގެންގުޅެން ލިބުމާއި ޔުކްރެއިން ރަޝިޔާ މައްސަލާގައި ގެންގުޅުނު ސިޔާސަތުން އިންޑިއާގެ 20 ހާސް ދަރިވަރުން ކިޔޭވްއާއި މޮސްކޯގެ ތާއީދާއެކު އަނބުރައި ގައުމަށް ގެނައުމަށް ފުރުސަތު ލިބުން ފަދަ ކަންކަން ފާހަގަ ވެގެން ދެއެވެ.

އިންޑިއާއިން ފަލަސްޠީނާއި އިޒްރޭލު މައްސަލާގައިވެސް މިފަދަ ގުޅުމެއް ގެންގުޅޭތަން ފެނެއެވެ. އިންޑިއާއަކީ، ޓެލްއަވީވްއާއި ރާމަﷲގައި އެމްބަސީ ހުޅުވާފައި ހުންނަ މަދު ޤައުމުތަކުގެ ތެރޭން ޤައުމެކެވެ.

ހިއްސާ ކުރައްވާ!