ކަމެލާ ހެރިސްގެ ރަނިންގމޭޓަކަށް މިނެސޯޓާގެ ގަވަރުނަރު

އެމެރިކާގެ ރިއާސީ ކެންޑިޑޭޓް ކަމެލާ ހެރިސް އޭނާގެ ރަނިންމޭޓަކަށް މިނެސޯޓާގެ ގަވަރުނަރު ހަމަޖައްސަވައިފިއެވެ. ކުރިން ކޮންގްރެސްގެ މެމްބަރުކަން ކުރައްވާފައިވާ ޓިމް ވާލްޒަކީ މިހާރު މިނެސޯޓާގެ ގަވަރުރަނެވެ. ކުރިން އަޑު ފެތުރިފައި އޮތީ ޑިމޮކްރެޓިކް ޕާޓީގެ ރިއާސީ ކެންޑިޑޭޓް ހެރިސް، ޕެންސެލްވީނިއާގެ ގަވަރނަރް ޖޯޝް ޝާޕިރޯ އިޚުތިޔާރު ކުރައްވާނެ ކަމަށެވެ. ނަމަވެސް އޭނާއަކީ ޒަޔަނިސްޓުންނާ ގާތް ބޭފުޅެއްކަމަށް ޑިމޮކްރެޓުންގެ ތެރޭން ބަޔަކު ވާހަކަ ދައްކައި “ޖެނޮސައިޑް ޖޯޝް”ގެ ނަމުން އޭނާއަށް ވަނަން ކިޔަން ފެށުމުން، ހެރިސް ވަނީ އިޒްރޭލާ ގާތް އަދި ޔަހޫދީއެއް ކަމަށްވާ ޝާޕިރޯ ދޫކުރައްވައި ވާލްޒް އިޚުތިޔާރު ކުރައްވާފައެވެ.

ވާލްޒް އަކީ އާދަޔާ ޚިލާފަށް ބޮޑަށް ޒަޔަނިސްޓުންނާ ގާތް ބޭފުޅެއް ކަމަކަށް ނުބެލެވެއެވެ. ނަމަވެސް 7 އޮކްޓޯބަރުގެ ހަމަލަ ކުށްވެރި ނުކުރާ މީހުންނަށް ފާޑު ވިދާޅުވެ އޭނާ، އެމީހުން ކުށްވެރި ކުރެއްވިއެވެ. އޭނާ އިޒްރޭލަށް ވަޑައިގަތީ،  2009ގައެވެ. އެ ދަތުރުގައި އޭނާ ސޫރިޔާއަށްވެސް ވަޑައިގެން ބައްޝާރުލް އަސަދާ ބައްދަލު ކުރެއްވިއެވެ. އަދި އީރާނާއެކު ހެދި ނިއުކްލިއާއާ ބެހޭ އެއްބަސްވުމުގެ ދަށުން އީރާނުގެ ދަތުކުރުމުގެ ފިޔަވަޅުތަކުން ބަޔަކަށް ލުޔެއް ދިނުމަށް ކޮންގްރެސްގައި ނެގި ވޯޓުގައިވެސް އޭނާ ބައިވެރިވެ ވަޑައިގަތެވެ.

ވާލްޒްއަކީ، ހައި ސްކޫލު ޓީޗަރެކެވެ. އަދި ނޭޝަނަލްގާޑްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ފުޓްބޯލަ ކޯޗުކަންވެސް ކުރައްވާފައިވާ ވާލްޒްއަކީ، ޒާތީ މިނިވަންކަން ދަމަހައްޓަވަން ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

ހިއްސާ ކުރައްވާ!