ބަނގްލަދޭޝްގެ ބަދަލު: އިންޑިއާއަށް އަސަރު ކުރާނެ މަައްސަލައެއް

ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން ބަންގްލަދޭޝްގެ މަގުތަކުގައި މުޒާހަރާ ކުރުމާއި، މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ސަރުކާރުން އަނިޔާވެރިވުމާއެކު 400އާ ގާތް ކުރާ ޢަދަދަކަށް މީހުން މަރުވުމަށްފަހު ހަސީނާގެ 15 އަހަރުގެ ވެރިކަން ތާރީޚުގެ ޑަސްބިނަށް ވަދެއްޖެއެވެ. އިސްތިއުފާ ދެއްވުމަށްފަހު އޭނާއަށް މަޖުބޫރުވެ ވަޑައިގަތީ ޖާނާއި ގެން، އެއާފޯސްގެ ޓްރާންސްޕޯޓް ޖެޓެއްގައި އަވަށްޓެރި ގައުމަށް ފިއްލަވައިގެން ވަޑައިގަންނަވާށެވެ. އަދިވެސް ހުންނެވީ އިންޑިއާގެ މެހުމާންޚާނާއެއް ގައެވެ.

ބަންގްލަދޭޝްގެ ސިފައިންގެ ވެރިޔާ ޖެނެރަލް ވަޤާރުއްޒަމާން ވަނީ ވަޤުތީ ސަރުކާރެއް އެކުލަވާނެ ކަމަށް ވިދާޅުވެފައެވެ. ބަޣާވާތުން ވެރިކަން ވައްޓާލުމަކީ ބަނގްލަދޭޝްގެ ސިފައިންގެ ޑީއެންއޭގެ ބައެކެވެ.

ހަސީނާގެ ވެރިކަމާ މެދު މީހުން ފޫހިވެފައި ތިބި މިންވަރު ހާމަވެގެން ދިޔައީ، ބަނގްލަދޭޝްގެ ބާނީ، ޝެއިޚު މުޖީބުއްރަޙުމާންގެ ބުދު ތަޅާލުމަށް މީހުން އަވަސްވެ ގަތުމުންނެވެ. ކުރިން ހަސީނާ ފެނިގެން ދިޔައީ ޑިމޮކްރެސީއަށް ތާއީދު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް ޝައްކު ކުރެވޭ އިންތިޚާބަކަށް ފަހުވެސް އޭނާ ބޭނުންފުޅުވީ، އޭނާގެ ސަޕޯޓަރުންނަށް ސަރުކާރު ވަޒީފާތަކުގެ 30 ޕަސެންޓް ދެއްވާށެވެ.

ތަޢުލީމު އުނގެނިގެން ނިކުންނަ ކުދިންނާއި އެމީހުންނަށް ސަޕޯޓު ކުރާ ފަރާތްތަކަށް ފެނިގެން ދިޔައީ ހަސީނާގެ ނިންމުމުގެ އަމިއްލަ އެދުންވެރިކަމެވެ. ޔުނިވާސިޓީތަކުން މި ފިޔަވަޅާ ދެކޮޅަށް މުޒާހަރާކުރަން ފެށިއެވެ. ވެރިކަން ކުރާ އަވާމީ ލީގުގެ ފުލުހުންނާއި އެޕާޓީއަށް ސަޕޯޓު ކުރާ ދަރިވަރުންގެ ވިންގާއި މަގުމަތީގައި ކުރިމަތިލުންތައް ހިނގަން ފެށިއެވެ. ރައްޔިތުންނާއި ޤައުމުގެ ޙައްޤުގައި، ސުޕްރީމް ކޯޓުން އިސްނަގައިގެން މައްސަލަ ބެލިއެވެ. އެންމެ ފަހުން ކޯޓުން ނިންމީ ހަސީނާގެ 30 ޕަސެންޓް ފަސް ޕަސެންޓަށް ކުޑަ ކުރާށެވެ.

ބަނގްލަދޭޝް މިނިވަންކަމުގެ ހަނގުރާމައަކީ، 9 މަސް ދުވަހުގެ ހަނގުރާމަ އެކެވެ. ޕާކިސްތާން ސިފައިންނާއި އެމީހުންނަށް ވާގި ވެރިވި ބަޔަކާ މިނިވަންކަމަށް ބޭނުންވި ބަޔަކާ ދެމެދު ހިނގި ލޭއޮހޮރުވަނިވި ހަނގުރާމައެކެވެ. ހަސީނާގެ ސަރުކާރުން 30 ޕަސެންޓް ކަނޑައެޅީ އެ ހަނގުރާމައިގައި މަރުވި މީހުންގެ އައުލާދަށް އެވަޒީފާތައް ޚާއްސަކޮށްފައި ބާއްވާ ގޮތަށެވެ.

ހަސީނާގެ ސަރުކާރުގެ ކޯޓާ ނިޒާމާ ދެކޮޅަށް ފެށި މުޒާހަރާތައް ފަހުން ބަދަލުވީ އޭނާ ވެރިކަމުން ބޭލުމަށް ގޮވާލާ މުޒާހަރާތަކަށެވެ. ހަސީނާ ވަނީ އޭނާގެ 15 އަހަރުގެ ވެރިކަމުގެ އާރާއި ބާރުން ވާގި ލިބިވަޑައިގެން، ފުދޭވަރަކަށް ދުޝްމަނުން ތައްޔާރު ކުރައްވާފައެވެ.

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، ބަނގްލަދޭޝް ނެޝަނަލިސްޓް ޕާޓީއަށް ހުރަސްތައް ކުރިމަތިކުރައްވައި، އެޕާޓީގެ ލީޑަރުގެ ބޮލުގައި އިލްޒާމުތައް އަޅުވައި، އޭނާ ގޭގެ ބަންދުގައި ބެހެއްޓެވިއެވެ. ޖަމާޢަތޭ އިސްލާމީ އަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމުގައި ކަނޑައަޅައި އެޕާޓީވެސް މަނާ ޕާޓީއަކަށް ހެއްދެވިއެވެ. އެތައް ބަޔަކަށް މަރުގެ ސަޒާ އިއްވައި ދަން ޖެއްސިއެވެ. މަގުތަކަށް ނިކުތް ދަރިވަރުންނާއި އާންމުން ނިކުތީ މި ފަރާތްތަކުން ވާގި ލިބިގެންނެވެ.

ހަސީނާގެ ވެރިކަމަކީ ބަނގްލަދޭޝަށް ތިޔާގިކަން ހޯދައިދިން ސަރުކާރެކެވެ. އަހަރަކު 14 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ވިޔަފާރި އިންޑިއާއާއި ބަނގްލަދޭޝްގެ ބޯޑަރު ހުރަސްކޮށް ކުރަމުން ދިޔައެވެ. ބަންގްލަދޭޝް އަކީ ފޭރާން އެންމެ ގިނައިން އުފައްދާ އެއް ޤައުމެވެ. ފޭރާން އެކްސްޕޯޓް ކުރުމުން ގާތްގަނޑަކަށް 46 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ބަނގްލަދޭޝަށް ލިބެއެވެ.

މުޒާހަރާ ތަކުގެ ސަބަބުން ލިބުނު އިޤްތިޞާދީ ގެއްލުމުގައި، ބަންގްލަދޭޝްގެ އުފެއްދުންތަކަށް ކުރި ގިނަ އޯޑަރުތައް ޝިޕް ނުކުރެވި މުޅި ސަރަހައްދުގައި ސަޕްލައި ޗޭން އަށް ބޮޑެތި ބުރޫއެރުންތަކެއް ކުރިމަތިވިއެވެ.

މިއަހަރު ކުރީކޮޅު ބޭއްވި އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ބައިވެރި ވެފައެއް ނުވެއެވެ. މައްސަލައަކީ ހަސީނާގެ ސަރުކާރު ހިންގުމުގައި ޑިމޮކްރެސީގެ ތަދުމަޑުކަމެއް މުޅި ޤައުމަށް އިޙުސާސް ކުރެވުމެވެ.

ބަނގްލަދޭޝްގައި ވަޒީފާ ނެތް ޒުޥާނުންގެ ނިސްބަތް އުޅެނީ، 15.7 ޕަސެންޓްގައެވެ. އިޤްތިޞާދު ހީނަރުވުމާއެކު، ފައިސާގެ އަގުވެސް ވަނީ ވެއްޓިފައެވެ.

ޤައުމު ދިޔައީ ދަރަނީގެ ދަންތުރައެއްގައި ޖެހެމުންނެވެ. ޗައިނާއިން ވަނީ، ބަންގްލަދޭޝްގެ އެކި އިންފްރާސްޓްރަކްޗާ މަޝްރޫޢުތަކަށް 7 ބިލިއަން ޑޮލަރުގެ ލޯނު ދީފައެވެ. އެފައިސާ ދައްކަން ޖެހޭ މުއްދަތުވެސް ޑާކާއަށް ލައިގަތީއެވެ. ނަތީޖާއެއްގެ ގޮތުން ޤައުމުގެ ރިޒާވަށްވެސް އޭގެ ނޭދެވޭ އަސަރު ކުރީއެވެ.

ބަންގްލަދޭޝްގެ ފޮރިން އެކްސްޗޭންޖް ރިޒާވް ވަނީ އޮގަސްޓް 2021 އާއި ޖޫން 2024 އާ ދެމެދު 60 ޕަސެންޓަށް ދަށްވެފަ އެވެ.

ބަނގްލަދޭޝްގައި ސިޔާސީ މައިދާން އޮންނަނީ އިންޑިއާއާއި ޕާކިސްތާން، ޗައިނާއާ ގެ ދެމެދުގެ ޖިއޯޕޮލިޓިކްސްއަށް ބެހިފައެވެ. ޙަސީނާއަކީ އިންޑިއާއަށް ތާއީދު ކުރާ ފަރާތެއް ކަމަށް ނަން ކިޔޭއިރު، ބީއެންޕީގެ ޚާލިދާ ޒިޔާ ބެލެވެނީ، ޕާކިސްތާން ޗައިނާގެ ސަޕޯޓަރެއްކަމަށެވެ.

ހަސީނާއަކީ އިންޑިއާގެ ރަޙުމަތްތެރިއެކެވެ. އިންޑިއާއާއި ބަނގްލަދޭޝް ދެމެދުގެ ބިމުގެ ސަރަހއްދު، ޙަސީނާގެ ވެރިކަމުގައި ބަހާލެވުނެވެ. އިންޑިއާގެ އިރު އުތުރުގައި ވަށާލެވިފައިވާ ސްޓޭޓްތަކަށް މުދާ އެތެރެ ކުރުމަށް ބަނގްލަދޭޝްގެ ބަނދަރުތައް ބޭނުން ކުރުމަށް ހުއްދަ ދެވުނެވެ. އިންޑިއާއާ ދެކޮޅުވެރި ޙަރަކާތްތަކަށް ބަނގްލަދޭޝްގެ ސަރަހައްދު ބޭނުން ކުރުމުގެ ޔަޤީންކަން ދެވުނެވެ. ކުރީގެ ވެރިކަމުގައި ހުއްޓިފައިވާ ގިނަ އަދަދެއްގެ އެއްގަމާއި ރޭލުން އިންޑިއާގެ ސަރަހައްދު ގުޅާލުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވުނެވެ.

މިކަންކަމުގެ ނަތީޖާ ފެނިގެން ދިޔައީ ވިޔަފާރީގެ ތަފާސްހިސާބުންނެވެ. އިންޑިއާ ބަނގްލަދޭޝްގެ ދެމެދު 2006 ގައި 2 ބިލިއަން ޑޮލަރުގައި އޮތް ވިޔަފާރި، 2023ގައި 14 ބިލިއަން ޑޮލަރަށް އިތުރު ވެގެން ދިޔައެވެ.

ޙަސީނާގެ ސަރުކާރު ބަދަލު ވުމަކީ އިންޑިއާއިން ބަނގްލަދޭޝްގައި ހިންގާ އެތައް މަޝްރޫޢަކަށް ނުބައި ޚަބަރެކެވެ.

ބަނގްލަދޭޝްގައި އިންޑިއާއާ ރަޙުމަތްތެރި ސަރުކާރެއް ނެތް ނަމަ، އިންޑިއާގެ އިރުއުތުރު ސްޓޭޓްތަކުގެ އެތެރޭގެ ޙާލަތަށް އެއިން ނޭދެވޭ އަސަރެއް ކުރާނެއެވެ. މި ސްޓޭޓްތަކަކީ މިޔަންމާއާ ވެސް ސަރަހައްދު ހިއްސާ ކުރާ ސްޓޭޓްތަކެވެ. އެއީވެސް އިންޑިއާއަށް އުފާވެރި ކަމެއް ނޫނެވެ.

ހިއްސާ ކުރައްވާ!