ދަނޑުވެރިންނާ ދޭތެރޭ އައު ގޮތަކަށް ވިސްނުން މުހިންމު

ޗައިނާގެ ސްޓޭޓަކުން ދަނޑުވެރިކަން ތަރައްޤީ ކުރުމަށް ދެލައްކަ 25 ހާސް ރުފިޔާގެ ސާމާނު ހަދިޔާ ކޮށްފިއެވެ. ދަނޑުވެރިކަމުން ލިބޭ ނަފާ މީހުންނަށް އިޙުސާސް ކުރެވެން ފެށުމުން، ރާއްޖޭގެ ގިނަ ރަށްރަށުގައި މީހުން ދަނޑުވެރިކަން ކުރެއެވެ. ނުވަތަ ކުރާން ބޭނުންވެފައި ތިބެއެވެ.

ޗައިނާއިން ދީފާއިވާ އެހިއާ ބެހޭ ވާހަކަ މިނޫހުގެ ސަމާލުކަމަށް ގެނައި، ކާށިދޫގެ އަންހެން ދަނޑުވެރި ޒުވާނަކު ބުނަނީ މުޑުވަކަށް ވުރެން ވެސް ބޮޑަށް ބޭނުން ވަނީ މެޝިނަރީ ކަމަށެވެ. އަދި އެއަށްފަހު ހޭދަ ކުޑަ ގޮތަކަށް ދަނޑުވެރިކަން ކުރާނެ ގޮތްތަކުގެ ހުނަރު ލިބެން ބޭނުންވާ ކަމަށެވެ.

ކާށިދޫ ދަނޑުވެރިޔާ ބުނާ ގޮތުން ކެޔޮ ގަސް އިންދުމަށް ވަޅެއް ކޮންނަނީނަމަ، ވަޅެއް ކޮނުމުގެ އަގަކީ، 40 ނޫނީ 50 ރުފިޔާ އެވެ. އެކަން ކުރަން ތިބެނީ ބިދޭސިންނެވެ. އަދި އެމީހުންގެ އަދަދު މަދުވެފައި އަގު ބޮޑު ކަމުން ދުވާލެއްގެ މައްޗަށް އެންމެ ގިނަ ވެގެން ކޮނެވެނީ ތިން ހަތަރު ވަޅު ކަމަށް އޭނާ ބުނެއެވެ.

އޭގެ ބަދަލުގައި، އޭނާ ހުށަހަޅާ ހައްލަކީ، މިހާރު ވަޅު ކޮނުމަށް ޚާއްސަ ކުދި ޖައްރާފުތައް ހުންނައިރި، ރަށުގައި ކޯޕަރޭޓިވް އެއް ހެދުމަށްފަހު އެ ކޯޕަރޭޓިވް މެދުވެރިކޮށް އެފަދަ މެޝިނަރީތައް ކުއްޔަށް ލިބެން ހުންނަ ގޮތް ހަމަޖެއްސުމެވެ. އަދި އެންމެނަށް އޭގެ ފައިދާ ކުރާ ފަދަ ނިޒާމެއް ޤާއިމް ކުރުމަށެވެ. އެފަދަ ފަސޭހައެއް ލިބިއްޖެނަމަ، ހޭދަ ކުޑަވެފައި މަސައްކަތް ފަސޭހަވެ، ހަލުއިވާނެ ކަމަށް އޭނާ ދެކެއެވެ.

އޭގެ އިތުރުން ކުދި ދަނޑުތަކުގައި ފަސްގަނޑު ޖަހައި، ބެޑް ހެދުމަށް ބޭނުންވާ މެޝިނަރީއަކީވެސް އެފަދަ މުހިންމު، މަސައްކަތް ފަސޭހަ ކޮށްދޭނެ އެއްޗެއް ކަމަށް އޭނާ ދެކެއެވެ.

“އަހަރަމެން ދަނޑުގައި މަސައްކަތް ކުރަނީ ޖުމުލަ ތިން މީހުން. އާމްދަނީ ރަނގަޅު އެކަމަކު މަސައްކަތް ލަސްވެފައި، ކުރަން ބޭނުންވާ ވަރަކަށް ހަލުއިކަމާއެކު މަސައްކަތް ނުގެންދެވޭ” ޒުވާނާ ކިޔައިދިނެވެ.

ދަނޑުވެރިކަމަށް ޚާއްސަކޮށްގެން ފަސޭހަ ގޮތަކަށް ފައިނޭންސް ހަމަޖެހިފައި ނެތުމަކީ އޭނާ ދެކޭ ގޮތުގައި މައްސަލައެކެވެ. ދަނޑުވެރިކަމުގެ ކޯޕަރޭޓިވް ބެންކަކީ އޭނާ ދެކޭ ގޮތުގައި މިކަމަށް އޮތް ހައްލެވެ.

މިއީ ބޭރުގެ ފަރާތްތަކުގެ އެހީގައި ސަރުކާރަށް ހައްލު ކޮށްދެވިދާނެ މައްސަލައެއް ކަމަށް އޭނާ ދެކެވެ. އަދި އެގްރިކަލްޗާ މިނިސްޓްރީން މިކަންކަމުގައި ޢަމަލީ ދައުރެއް އަދާކުރުމަކީ ބޭނުން ކަމެއް ކަމަށް އޭނާ ދެކެއެވެ.

“ގްރީންހައުސް ހަދާނެ ގޮތެއް ނެތިފަ މިތިބެނީ. ބައެއް ބާވަތްތައް ގްރީންހައުސްގައ ނޫނީ ނުހެއްދޭނެ.” ފައިނޭންސްގެ ދަތިކަމުގެ ވާހަކަ ދައްކަމުން އޭނާ ވަސީލަތަތް ލިބުމުގައި ހުރި ދަތިތައްވެސް ޙިއްސާ ކޮށްދިނެވެ.

އެގްރިކަލްޗާ މިނިސްޓްރީން މިހާރަށް ވުރެން ހަރުދަނާ ދައުރެއް އަދާކޮށް، ދަނޑުވެރިކަން ކުރާ ރަށްތައް ސާވޭ ކޮށް، އެރަށްތަކަށް ސަމާލުކަން ދިނުމަކީ އޭނާގެ އެދުމެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް