ބަނގްލަދޭޝްގެ އައު ސަރުކާރު ހުވައި ކުރައްވައިފި

ބަނގްލަދޭޝްގެ އައު ވަގުތީ ސަރުކާރު ރޭ ހުވައި ކުރައްވައިފިއެވެ. 14 މެމްބަރުން ހިމެނޭ ވަގުތީ ސަރުކާރުގައި ކިޔަވާކުދިންގެ ހަރަކާތުގެ ދެ މެމްބަރަކުވެސް ހިމެނިވަޑައިގަނެއެވެ.

އެބޭފުޅުންނަށް ހުވައި ލައި ދެއްވީ ރައީސް މުޙައްމަދު ޝިހާބުއްދީން އެވެ.

ވަގުތީ ސަރުކާރު ލީޑްކުރައްވާނީ، ގްރެމީން ބޭންކާއި އައު އިޖުތިމާއީ ވިޔަފާރީގެ މޮޑެލެއްކަމަށްވާ، މައިކްރޯކްރެޑިޓް ސްކީމް ތަޢާރަފްކުރައްވައި ފަޤީރުންނަށް އެހީވެ ދެއްވުމުގެ ދާއިރާއިން އިނާމު ހޯއްދަވާފައިވާ، ޑރ މުޙައްމަދު ޔޫނުސް އެވެ. އޭނާ ވަނީ މީގެ ކުރިން 1996 ވަނަ އަހަރު ވެސް ކެއާޓޭކަރ ސަރުކާރުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. 2006 ވަނަ އަހަރު ގްރަމީން ބޭންކާއެކު ނޮބެލް އިނާމު ލިބިވަޑައިގެންނެވި ޔޫނުސް ބަނގްލަދޭޝަށް ވަޑައިގަތީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

އެންޓި ޑިސްކްރިމިނޭޝަން ސްޓޫޑެންޓް މޫވްމަންޓްގެ ދެ ކޯޑިނޭޓަރުން ކަމަށްވާ ޑާކަ ޔުނިވަރސިޓީގެ ދަރިވަރުން ކަމަށްވާ ނާހިދު އިސްލާމް އާއި އާސިފް މަޙްމޫދު ސަޖީބު ބުއިޔާން،

ރޭ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ފެށުނީ 9:15 ހާއިރު އެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުންނާއި ޤައުމީ ސަލާމުން ފެށި ރައްމިއްޔާތުގައި ބަނގްލަދޭޝްގެ މިނިވަންކަމުގެ ޝަހީދުންނާއި ކޯޓާ އިސްލާޙުކުރުމުގެ މަސައްކަތުގައި ޝަހީދުވި މީހުންގެ ހަނދާނުގައި އެއް މިނެޓުގެ ސުކޫތެއް ގެނަސްފައި ވެއެވެ.

އަވާމީ ލީގް ފިޔަވައި ހުރިހައި ސިޔާސީ ޕާޓީއަކާއި ސިފައިންގެ އިސްވެރިންނާއި ސިވިލްސާވިސްގެ އިސް ވެރިންނާއި މަދަނީ ޖަމްޢިއްޔާތަކުގެ މެމްބަރުންނާއި، ޑިޕްލޮމެޓުންނާއި، ދަރިވަރުންގެ ލީޑަރުން ތިއްބެވި ޙުޟޫރުގައި އިސްކޮށް އިންނެވީ ސިފައިންގެ ވެރިޔާ ޖެނަރަލް ވަޤާރުއްޒަމާނެވެ.

ބަނގްލަދޭޝަށް އައި މި ބަދަލަކީ ދަރިވަރުން އިސްވެ ތިބެ، މުޒާހަރާ ކުރުމާ ގުޅިގެން، އެޤައުމުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި އަވާމީ ލީގުގެ ރައީސް ޝެއިޚް ހަސީނާ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އައި ބަދަލެކެވެ.

ހިއްސާ ކުރައްވާ!