ޒަޢުފަރާން ދަންނަންތަ؟

ބިރިޔާނީ ފަދަ ކެއްކުންތައް ޒަޢުފަރާނާ ނުލައި ފުރިހަމައެއް ނުވާނެއެވެ. ޒަޢުފަރާނަކީ، ބޭސްވެރިކަމާއި ކެއްކުމުގައި ބޭނުންކުރާ އަގުބޮޑު ބާވަތެކެވެ. މާލޭގައި ޒަޢުފަރާން ގަންނަން ލިބެނީ ބޭސްފިހާރަތަކާއި ރެޑްވޭވްގެ ފިހާރަތަކުންނެވެ.

ޒަޢުފަރާނަކީ ހައްދަން އުނދަގޫ ބާވަތެކެވެ. ޒަޢުފަރާން ގަސް އެންމެ ވައްތަރު ވާނީ ކަދޮޅު ގަހެއްގެ މަލަކާއެވެ. އެ ގަހުގެ މަލުގެ ކަރުގަނޑުގައި އިންނަ ނަރުތައް ހިއްކައިގެން ބޭނުންކުރާއިރު އެއީ ޒަޢުފަރާނެވެ. މިއީ ބަރުދަންގެ ނިސްބަތުން ދުނިޔޭގެ އެންމެ އަގު ބޮޑު ހަވާދުގެ ބާވަތެވެ.

ދިވެހި ބަހުން ބޭނުން ކުރާ ޒަޢުފަރާން އަރަބި ބަހުން އައިސް ފައިވަނީ ފާރިސީ ބަހުގެ ޒަރްޕަރާން އަށް ބަދަލު ގެނަސްގެންނެވެ. ޒަރްޕަރާންގެ މާނައަކީ ރަން ރޮއްޖެވެ.

އެންމެ ގިނައިން މަތީ ފެންވަރުގެ ޒަޢުފަރާން އުފައްދަނީ ކަޝްމީރުގައެވެ. ކަޝްމީރުގެ ދެކުނު ސަރަހައްދުގެ ޕުލްވާމާ ގައި ޒަޢުފަރާންގެ ދަނޑުވެރިކަން ކުރާ މީހުން ކޮންމެ އަހަރެއްގެ މޭ މަހުގެ މެދުތެރޭގައި ޒަޢުފަރާން އޮށް އިންދައެވެ. އަދި އޮކްޓޫބަރު މަހާއި ނޮވެމްބަރު މަހުގައި ޒަޢުފަރާން މާ ބިނދެ ހަދައެވެ.

ޒަޢުފަރާންގެ ދަނޑުވެރިކަން ކުރާ މީހުން، ފުޓުބޯޅަ ދަނޑަކާ އެއްވަރުގެ ސަރަހައްދެއްގައި ޒަޢުފަރާން އުފައްދައިގެން އިންޑިއާގެ އެއްލައްކަ ރުޕީސްގެ އާމްދަނީއެއް ހޯދައެވެ. އެވަރުގެ ސަރަޙައްދަކުން ދެކިލޯއެއްހައި ޒަޢުފަރާން ބިނދެވެއެވެ.

ކަޝްމީރުގައި 32 ހާސް ޢާއިލާއަކުން ޒަޢުފަރާންގެ ދަނޑުވެރިކަން ކުރެއެވެ. އަދި އެމަސައްކަތުގައި 226 އަވަށެއް ބައިވެރިވެއެވެ. ކަޝްމީރުން 400 މިލިއަން ރުފިޔާގެ ޒަޢުފަރާނުގެ ވިޔަފާރި ކުރެއެވެ.

 

ހިއްސާ ކުރައްވާ!