“ހަމަ ނޭނގި ހުއްޓައި އެއް ދުވަހަކު ގުޅާފަ ހައުސިންގ މިނިސްޓްރީން ބުނީ ގޯތީގެ ރަޖިސްޓްރީއާ ޙަވާލުވާން އައުމަށް”
ދިރިއުޅުމުގައި އިންތިހާއަށް އުފާވެރިކަން ލިބުނު ދުވަހެއްގެ ހަނދާނާ ބެހޭ ގޮތުން ޝައު ކިޔައިދިނެވެ. އޭނާއަކީ، މެމްބަރުން ގިނަ އާއިލާއަކަށް ނިސްބަތްވާ އަދި ބިން ކޮޅު ބަހާލުމުން، ސެންޑްވިޗަކަށް ވުރެން ނިސްބަތުން ކުޑަ ބިންކޮޅެއް ލިބުމުގެ ބަދު ނަސީބުވެރި ޒުވާނެކެވެ. ބަލި ފިރިމީހާއާއެކު، ދެކުދިންގެ މަންމަ އަކީ ރައީސް ސޯލިޙު އިޢުލާން ކުރެއްވި ބިންވެރިޔާ ސްކީމުގައި ބައިވެރިވި ޒުވާނެކެވެ.
މި އިސްކީމަކީ، ތަނަވަސްކަމާއި މަގާމުގެ ޙައިސިއްޔަތުން، ނަސީބު ރަނގަޅުވެ، ހިކިފަސްތަންތަނާއި ކަނޑުފަޅުން ބޯހިޔާވަހިކަން ގިނަ ބަޔަކަށް ކަށަވަރުވި އިސްކީމެކެވެ. ނަމަވެސް ޝައުއަކީ، އޭނާގެ މަގާމުގެ ނިސްބަތުން ތިލަ ތަފަޅަކުން ގޯއްޗެއް ލިބުނު ނަސީބު ވެރިއެކެވެ.
ތިލަ ފަޅަކުން މަސްމަހާ މެއްސާއެކު އޭނާއަށް ލިބުނު ގޯތި މިހާރު ވަނީ، ހިކި ފަސްތަނަކަށް ބަދަލުކޮށް، ރަޖިސްޓްރީވެސް އަތަށް އަރާފައެވެ. ދަތި ޙާލު، ފާގަތި ޙާލަކަށް ބަދަލު ވެގެން ދިޔައީ މިނިސްޓަރ ޑރ. އަލީ ޙައިދަރުގެ ވަޒީރު ކަމުގައެވެ.
މިދިޔަ ހަފްތާއިން ފެށިގެން ޑރ. ޙައިދަރަކީ ހޫނު ފެނުގައި “މެލުވެމުން” ގެންދެވި ބޭފުޅެކެވެ. މިއަދު ޙައިދަރު ވަނީ މަޖިލީހަށް ވަޑައިގެން ވަޒީރުންނާ ސުއާލު ކުރުމުގެ ވަގުތުކޮޅާ ކުރިމަތި ލައްވަވާފައެވެ.
“ގުޅިފަޅަކީ ބްރިޖު މަސައްކަތަށް މިވަގުތު ވަރަށް ބޮޑަށް ބޭނުން ކުރަމުންދާ ސައިޓަކަށް ވާތީ އެ ސައިޓު، އެތަނުން ހުސްކުރެވޭނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ މިއަންނަ އަހަރު ސެޕްޓެމްބަރު ހާ ތަނަށް. ބުރިޖުގެ މަސައްކަތަށް އެ ސައިޓު ބޭނުން ކުރަމުންދާއިރު، އެތަނުން ބިން އެލޮކޭޓްކޮށްގެން މީހުންނަށް ބިން ދޫކުރެވޭނީ އެތަނުގެ މަސައްކަތް ނިމުނީމަ.” ޑރ. ޙައިދަރު
ބުރިޖު މަސައްކަތަށް ބޭނުންވާ ބައިތައް ކާސްޓު ކުރަމުން ދަނީ ގުޅީފަޅުގައެވެ.
“ގުޅިފަޅަށް ބަދަލުކުރަން ޖެހޭ، ގިރާވަރު ފަޅުން ވެސް ގޯތި ލިބުނު ބަޔެއް. އެ މަސައްކަތް ވެސް ކޮށް ނިންމާފައި އޮންނާނީ. ގުރުއަތު ހޮވައިގެން ލިބުނު ފަރާތްތަކަށް ގުޅިފަޅުން ޖާގަ ދޭ ގޮތަށް ވާނީ ނިންމާފައި،” ޑރ. ޙައިދަރު
މީހުން ދިރިއުޅެން އެކަށީގެން ނުވާ ގޮތަކަށް ގޯތީ ދީފައި ހުރުމުން، ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނަސް މިހާރު ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ މަރުޙަލާގައި އޮތް ކަމަށް ޙައިދަރު ވިދާޅުވިއެވެ.
“އޭރު ގޯތި ލިބުނު އެއްވެސް ފަރާތެއް އުނިނުވާނެ ހެން މި ސަރުކާރުން އެ ގޯތިތައް މާލެ ރަށްވެހިންނާއި ޙަވާލުކުރާނީ އެ ފަޅު ހިއްކައި ހިކިފަސް ބިމުން.” ޑރ. ޙައިދަރު
ގުޅިފަޅުގެ ބިންތައް ހަވާލުކުރެވޭނީ 85 ހެކްޓަރުގެ ބިން ހިއްކައިގެން ކަމަށް ޙައިދަރު ވިދާޅުވިއެވެ. ސޯލިހްގެ ސަރުކާރުގައި 5،186 މީހުންނަށް ގޯތި ދީފައި ވަނީ ގިރާވަރުގެ ފަޅުންނެވެ. ނަމަވެސް ކަނޑާއި ފަޅުން ގޯތި ދިނުމަކީ ޑރ. މުޢިއްޒު ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ޙައިދަރު ވިދާޅުވިއެވެ.
ހުޅުމާލެއިން ދީފައިވާ ގޯތިތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، ކަރަންޓު ކޭބަލްތައް ގޯތިތަކުގެ ތެރެއަށް ވަންނަ ގޮތަށް ހުރުމުން އެތަކެތި ސާފު ކުރެވެމުންދާ ކަމަށެވެ.
“އެކަންކަން ހައްލުކޮށް ފަސްފުނިތައް ނަގާ، ކަރަންޓު ފޮށިތައް ދުރުކޮށް، ރައްޔިތުންނާ ގޯތި ހަވާލު ކުރެވޭ ގޮތަށް ހުޅުމާލޭ ފޭސް 2 އިން ދޭންޖެހޭ 1،407 ގޯތީގެ ތެރެއިން 623 ގޯތި މިހާރުވެސް ވަނީ ވެރިފަރާތްތަކާ ހަވާލުކުރެވިފައި.” ޑރ. ޙައިދަރު
ހުޅުމާލޭ ފޭސް 3ން 699 ގޯތި ދީފައި ވެއެވެ. ފޭސް 3 ހިއްކާ ނިންމޭނެ ކަމަށް މިނިސްޓަރު ހައިދަރު ލަފާ ކުރެއްވީ ނޮވެންބަރު މަހުގެ ނިޔަލަށެވެ.
“އަޅުގަނޑަށް މިހާރު ލަފާކުރެވޭ ގޮތުގައި މި އޮކްޓޯބަރުގެ ނިޔަލަށް ފޭސް 2 ގައި ހުރި ހުރިހާ ގޯއްޗެއް ހަވާލުކޮށް ނިންމާލެވޭނެ.” ޑރ. ހައިދަރު
މިއަދުގެ މަޖިލީހުގެ ޖަލްސާ ހޫނުވެގެން ދިޔައެވެ. އަދި އެމްޑީޕީ އެމްޕީން މަޖިލިސް ޖަލްސާ ހުއްޓުވުމުން އެބޭފުޅުން ނަން އިއްވައި ބޭރަށް ލެވުނެވެ.