އެފްރިކާގެ އެންމެ ބޮޑު އެއާޕޯޓު ފަރުމާކުރަން ހަވާލުކޮށްފި

އެފްރިކާގެ އެންމެ ބޮޑު އެއާޕޯޓު އިތިއޮޕިއާގެ ވެރިރަށް އެޑިސް އަބާބާ ކައިރީގައި ބިނާ ކުރުމަށް ޑުބާއީ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. ހަ ބިލިއަން ޑޮލަރު ހޭދަކޮށްގެން އިމާރާތް ކުރާ އާ އެއާޕޯޓު ޑިޒައިން ކޮށްދޭނީ، ޔޫއޭއީގެ ކޮންސަލްޓެންސީ ކުންފުނި ދާރް އިންނެވެ.

މިއީ ފަސް އަހަރު ދުވަހުން ނިންމާ މަޝްރޫޢެކެވެ. ފަސް އަހަރު ތެރޭގައި ދެ ފިޔަވައްސަކަށް ބަހާލައިގެން މަސައްކަތް ނިންމާއިރު، އަހަރަކު 100 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޤާބިލުކަން އައު އެއާޕޯޓުގައި ހުންނާނެ ކަމަށް އިތިއޮޕިއާ އެއާލައިނުން ބުނެއެވެ.

މިއީ 4 ރަންވޭއާ އެކު ބިނާ  ކުރާ އެއާޕޯޓެކެވެ. އައު އެއާޕޯޓަށް ބިން ނަގާފައި ވަނީ، ވެރިރަށް އެޑިސް އަބާބާގެ އިރުދެކުނުން ގާތްގަނޑަކަށް 40 ކިލޯމީޓަރު (25 މޭލު) ދުރުގައި އޮންނަ ބިޝޯފްޓޫ އިންނެވެ. މި އެއާޕޯޓުގެ ބޮޑުމިނަކީ 35 އަކަކިލޯމީޓަރެވެ.

އެއާޕޯޓު ބިނާ ކުރުމުގެ ފުރަތަމަ މަރުހަލާގައި އަހަރަކު 60 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.

މި އެއާޕޯޓުގެ ވެރި ފަރާތަކީ، އިތިއޯޕިއަން އެއާލައިނެވެ. އެފްރިކާގެ އެންމެ ބޮޑު އެއާލައިން، އިތިއޯޕިއަން އެއާލައިންސަށް ނިމިދިޔަ މާލީ އަހަރު 2023 ގައި އާމްދަނީގެ ގޮތުގައި 7 ބިލިއަން ޑޮލަރު ލިބިފައި ވެއެވެ.

ހިއްސާ ކުރައްވާ!