ނަތަންޔާހޫ ބޭނުންވަނީ ދުނިޔޭގައި ބޮޑު ހަނގުރާމައެއް ފަށަން: އިޒްރޭލުގެ ދުވަހު ނޫސް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ  ވެފައި ވަނީ ދުނިޔޭގެ މަސްރަޙުގައި ބައިބައިވުން އުފައްދާ ފަރާތެއްގެ ގޮތުގައެވެ. އިޒްރޭލުގެ ހާރެޓްސް ނޫހުގައި މުހައްލިލު ރޮޖެޓްސް އަލްފާގެ ތަޙުލީލުގައި ބުނެފައި ވަނީ ނަތަންޔާހޫ ބޭނުންވަނީ، އޭނާ އަކީ އިޒްރޭލު މީހުންގެ ލީޑަރަކަށް ވުމުގެ އިތުރުން ދުނިޔޭގައި ހިނގާ ކޮންމެ ހަމަނުޖެހުމަކާއި ހަނގުރާމައެއްގައި މުހިންމު ދައުރެއް އަދާކުރާ މީހާގެ ގޮތުގައި ދުނިޔެއަށް ދައްކާށެވެ.

އޭނާ އެމެރިކާ ކޮންގްރެސްގައި ދިން، މީހުން ގެ ޖަޒުބާތު ކައްކާލާ ތަޤްރީރަށް އިޝާރާތް ކުރަމުން، އަލްފާ ބުނެފައި ވަނީ، ނަތަންޔާހޫ ވަނީ “ހުޅަނގުގެ ޙަޟާރަތާއި ދުނިޔޭގެ ހަރުކަށި އިސްލާމީ ޚިޔާލާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި” ކުރީސަފުގައި އޮވެގެން ހަނގުރާމަ ކުރާ ގައުމެއްގެ ގޮތުގައި އެމެރިކާއަށް އިޒްރޭލު ސިފަ ކޮށްދީފައެވެ.

ނަތަންޔާހޫގެ ތަޤްރީރުގައި އިޒްރޭލު ސިފަކޮށްފައި ވަނީ، ހުޅަނގުގެ މީހުންނަށް އޮތް އައްޑަނައެއްގެ ގޮތުގައެވެ. އަދި އޭނާ ދައްކައި ދީފައި ވަނީ، އޭނާގެ ޤައުމު ހަނގުރާމަ ކުރަނީ ހަމައެކަނި އެޤައުމު ވުޖޫދުގައި އޮތުމަށް ނޫން ކަމަށާއި އެއީ، މުޅި ހުޅަނގުގެ ދުނިޔޭގެ ސަލާމަތަށް މަސައްކަތް ކުރާ ގައުމެއް ކަމަށެވެ.

ނަތަންޔާހޫ ކޮންގްރެސްގައި ބުނެފައި ވަނީ އެމެރިކާއިން އިޒްރޭލަށް ދޭ މުހިންމު އެހީއަކީ ހަމައެކަނި އެމެރިކާއިން ދެން ޖެހޭ އެހީއެއް ނޫން ކަމަށާއި އެއީ އެމެރިކާ އަމިއްލައަށްވެސް ވުޖޫދުގައި އޮތުމަށްޓަކައި ދޭން މަޖުބޫރު އެހީއެއް ކަމަށެވެ.

އަލްފާގެ ލިޔުމުގައި، ނަތަންޔާހޫގެ މި ބަސްމަގުން ސިފަކޮށްދީފައި ވަނީ، އިޒްރޭލުގެ ހަނގުރާމައަކީ އެމެރިކާގެ ސަލާމަތާ ގުޅިފައިވާ ހަނގުރާމައެއް ކަމަށާއި، އެމެރިކާއިން އިޒްރޭލަށް ތާއީދު ކުރުމަކީ ހެޔޮކަމެއްގެ ކުރުމުގެ ބަދަލުގައި އެމެރިކާއަށް ސްޓްރެޓެޖިކް ގޮތުން ކޮންމެހެން ކުރަން ލާޒިމުވާ ކަމެއް ކަމަށެވެ.

ނަތަންޔާހޫގެ ވާހަކައިން ސާފު މެސެޖެއް ފޯރުކޮށް ދިން ކަމަށް އަލްފާ ބުނެއެވެ. އަދި ނަތަންޔާހޫ ވަނީ އޭނާއަކީ ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ ތާރީޚުން ފެނިފައިވާ ތާރީޚި ބޮޑެތި ދައުލަތްތަކުގެ ވެރިންނާ އެއްވަރުގެ ބޮޑު ލީޑަރެއްގެ ގޮތުގައި ދައްކާފައެވެ. އެމެރިކާ މީޑިއާއިންވެސް އޭނާ ބޮޑު ކޮށްދެއެވެ. މިދިޔަ ހަފްތާގައި ޓައިމް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ވަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހު ދިން ޙަމަލައަކީ، ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުން އެމެރިކާގެ ޕާލް ހާބަރަށް ދިން ހަމަލާއާ އެއްވަރުގެ ޙަމަލައެއްކަމަށް ބުނެފައެވެ. ޕާލް ހާބަރުގެ ހަމަލައަށް ފަހު، އެމެރިކާގެ ރައީސް ފްރެންކްލިން ރޫޒްވެލްޓް އެމެރިކާ ދެވަނަ ބޮޑު ހަނގުރާމައަށް ގެންދިޔަ ފަދައިން، ނަތަންޔާހޫ ދޭހަކޮށްދޭން ބޭނުން ވަނީ އޭނާ އަމިއްލައަށް ވެސް އެފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރަން ހުވަފެން ދެކޭ ކަމަށެވެ.

މި ފަހުން ނަތަންޔާހޫ ބޭނުންކޮށްފައިވާ ސްޓްރެޓެޖީތަކާ ގުޅުވައިގެން އަލްފާ ގެ ތަޙުލީލުގައި ބުނެފައި ވަނީ ނަތަންޔާހޫ ދެކެނީ އެމެރިކާއަކީ އޭނާއަށް ހަނގުރާމަ ކޮށްދޭން އޮންނަ ޕްރޮކްސީއެއްގެ ގޮތުގައެވެ.

ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ނަތަންޔާހޫގެ ތަޞައްވުރަކީ ހަމައެކަނި ޚިޔާލީ ތަޞައްވުރެއް ނޫނެވެ. މިހާރުވެސް އޭނާ ގެންދަނީ ދެވަނަ ބޮޑު ހަނގުރާމަ މަތިން ހަނދާން ކޮށްދޭ އިއްތިޙާދުތައް އެކުލަވާލަން މަސައްކަތް ކުރަމުންނެވެ. އެޕްރީލް މަހު އީރާނުން އިޒްރޭލަށް ދިން ޙަމަލާގައި އެމެރިކާއިން ފޮނުވި މަނަވަރުތަކަށް ވުރެން މާގިނަ އަދަދެއްގެ މަނަވަރުތައް މިފަހަރު އެމެރިކާއިން އިޒްރޭލު ދިފާޢު ކުރުމަށް ފޮނުވާފައި ވެއެވެ. ނަތަންޔާހޫ، ދުނިޔެ ގެންގުޅެލަނީ އޭނާގެ އިނގިލި ކުރީގައި ކަމަށް އަލްފާ ލިޔައެވެ.

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިޔާ އަވަހާރަކޮށްލުމުން ނަތަންޔާހޫއަށް ހަނގުރާމައިގެ މަގުގައި ހިނގާން އިތުރު ހިތްވަރެއް ލިބިފައެވެ. ނަތަންޔާހޫ ވަނީ މެދުއިރުމަތީ ސަރަޙައްދުގައި އެމެރިކާގެ ސިފައިންގެ ޢަދަދު އިތުރުކުރުމަށް އެފުރުޞަތު ބޭނުން ކޮށްފައެވެ. އަދި ހަނގުރާމައަށް ތައްޔާރުވުމުގެ މަޤްޞަދު ފުރިހަމައަށް ޙާޞިލު ކުރުމަށް އެކަން އޭނާ ވަނީ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކޮށްފައެވެ.

ނަތަންޔާހޫ އޭނާގެ ރައްޔިތުންނަށް އަންގައި ދެނީ މިހާރު މަސްރަޙު ނުތަނަވަސްވެ ގޯސްވުމަކީ ހަމައެކަނި ދިފާއީ ގޮތުން ބޭނުން ކުރާ އުކުޅެއް ނޫން ކަމަށާއި އެއީ، ދުނިޔޭގައި އިޒްރޭލުގެ މަގާމު ކަށަވަރު ކުރުމަށް އަޅަން ޖެހޭނެ ފިޔަވަޅެއް ކަމަށް އޭނާ ދެކެއެވެ.

ޓައިމް މަޖައްލާއަށް ދިން އިންޓަރވިއުގައި ނަތަންޔާހޫ ބުނެފައި ވަނީ 7 އޮކްޓޫބަރުގެ ޙަމައަލަކީ އެމެރިކާއަށް މިފަހުން ދިމާވި 11 ސެޕްޓެމްބަރުގެ ޙާދިސާ ފަދަ ހަމަލައެއް ކަމަށެވެ. އަދި އޭނާ ވަނީ އޭނާއަކީ ޖޯޖު ބުޝްއާ އެއްވަރުގެ ލީޑަރެއް ކަމަށް ދައްކައިފައެވެ.

ނަތަންޔާހޫގެ ޗާލާކީ އުކުޅުތައް ހުޅަނގުގެ ޤައުމުތަކުން ފާހަގަ ކޮށްފައެއް ނުވެއެވެ. ހުޅަނގުގެ ނުފޫޒާ މެދު ތާރީޚީ ގޮތުން ފާރަވެރިވާ، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ނަތަންޔާހޫގެ އުކުޅުތަކަށް އިތުރު ސަމާލުކަމެއް ދެއްވާފައެވެ. އިތުރަށް ފާރަވެރިވެ ވަޑައިގެންފައެވެ.

ނަތަންޔާހޫ ގެންގުޅޭ ތަސައްވުރަކީ، ހަނގުރާމައެއް ފެށުމަށްޓަކައި ދުނިޔެ ނާމާން ކަމެއްތެރެއަށް ވައްޓާލާ ތަޞައްވުރެއް ކަމަށް އަލްފާ ބުނެއެވެ. އަދި އަލްފާ ލިޔަނީ، ޙަޟާރަތްތަކުގެ މެދުގައި (ހުޅަނގާއި މުސްލިމުންގެ މެދުގައި) ހިނގާ ކޯޅުމުގައި ނަތަންޔާހޫ ސިފަ ކޮށްދޭން ބޭނުންވަނީ އޭނާއަކީ، ބޮޑު ހަނގުރާމައިގެ ލީޑަރުން ކަމަށްވާ ވިންސްޓަން ޗާޗިލް އާއި ފްރެންކްލިން ރޫޒްވެލްޓް ފަދަ ލީޑަރުންނާއެކު ދުނިޔެއިން ހަނދާން ކުރާނެ މީހެއްގެ ގޮތުގައެވެ. ނަމަވެސް ނަތަންޔާހޫގެ މި ތަޞައްވުރަކީ އޭގެ ފާޑުކިޔުންތެރިން ނެތް ތަޞައްވުރެއް ނޫނެވެ. ޕޫޓިން ފަދަ ބާރުގަދަ ލީޑަރުން ފަދަ ބައިނަލްއަގްވާމީ މުޖުތަމައުގެ ގިނަ ބަޔަކު ނަތަންޔާހޫ ދެކެނީ ހަމަނުޖެހުން އުފައްދާ މީހެއްގެ ގޮތުގައެވެ. އެހެންވެ، ނަތަންޔާހޫގެ ސްޓްރެޓެޖީގެ ސަބަބުން ބޮޑު ހަނގުރާމައެއް ދުނިޔޭގައި އުފެދިދާނެ ކަމުގެ ފުރުސަތު އޮތުމުން އޭނާ ވެރިކަމުން ބޭލުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

މެދުއިރުމަތީގައި ހަމަނުޖެހުން އިތުރުވަމުންދާއިރު، ކުރިއަށް އޮތް މަސްތަކުގައި ނަތަންޔާހޫ އާއި އޭނާގެ އެކުވެރިން ނިންމާ ނިންމުންތަކަކީ މުސްތަޤްބަލުގައި ބައިނަލްއަގްވާމީ ގުޅުންތައް ބައްޓަންކުރެވޭނެ ނިންމުންތަކެއް ކަން ކަމަށް އަލްފާ ގެ ތަޙުލީލުގައި ބުނެފައި ވެއެވެ. އަދި އެކަން ކަމަށް ދުނިޔޭގެ މީހުން ގާތުން ބަލަމުން ގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މެދުއިރުމަތީގައި އިންދާފައިވާ، ހުޅަނގުގެ ޙަޟާރަތުގެ ފާރަވެރިއެއްގެ ގޮތުގައި، ނުވަތަ ދުނިޔޭގެ ހަމަނުޖެހުންތަކަށް މަގު ދައްކާ މީހެއްގެ ގޮތުގައި ނަތަންޔާހޫ ބެލެވުނު ކަމުގައިވިއަސް، ނަތަންޔާހޫ އަކީ އޭނާގެ އަމަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިއަށް އޮތް ދުވަސްތަކުގައި ނުރައްކާ ކުރާނެ މީހެއް ކަމަށް ބުނަމުން އަލްފާ އޭނާގެ ތަހުލީލު ނިންމާލާފައި ވެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް