ޔަހޫދުން ގަސްތުގައި ނޫސްވެރިން މަރާކަމަށް ބުނެފި

ޒަޔަނިސްޓުން ފަލަސްޠީނުގައި ހިންގަމުން ގެންދާ ޤަތުލުޢާންމަށް 3 މަސްވެފައިވާއިރު، އެހެން އެއްވެސް ޕްރޮފެޝަނަކުން މީހުން މަރާ ނުލާ ޢަދަދަށް އިޒްރޭލުން ނޫސްވެރިން މަރާލާފައިވާ ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓުން އިން ބުނެފިއެވެ.

ޒަޔަނިސްޓު ޔަހޫދުން ވަނީ ޣައްޒާގައި އޮޕަރޭޓު ކުރާ ނޫސްވެރިންގެ 12 ޕަސެންޓް މީހުން މަރާލާފައެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓުންގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ޓިމް ޑޯސަން ބުނާ ގޮތުން މިޢަދަދަކީ، އެއްގަމު ސިފައިންގެ ފައުޖީންގެ ތެރެއިން އާންމުކޮށް ހަނގުރާމައިގައި މީހުން މަރުވާން ޖެހޭ ނިސްބަތެވެ. އޭނާ ބުނީ އޭނާގެ ޙިސާބުތައް ދައްކާ ގޮތުން މިހާތަނަށް ޔަހޫދުން 120 ނޫސްވެރިން މަރާފައިވާނެ އެވެ. ނަމަވެސް އެ ޢަދަދު އެއަށްވުރެން މަތިވުމަކީވެސް އެކަށީގެންވާ ކަމެއްކަމުގައި އޭނާ ބުނެއެވެ.

އޭނާ ބުނިގޮތުގައި ނޫސްވެރިން މަރާފައި ވަނީ އެމީހުން ބޭނުން ކުރާ ފޯނު ހެކުކޮށް ބޯކޮޅު ބަލައިގެންނެވެ. އަދި އެކަމަށް އިޒްރޭލުން ތަފާތު ވައްތަރުގެ ސޮފްޓްވެއަރ ބޭނުންކުރާ ކަމަށް އޭނާ ބުންޏެވެ.

ހިއްސާ ކުރައްވާ!