އަރަބި ޤައުމުތަކުން ދޭތެރޭން ކަރަންޓު ކެނޑެނީ

ޢަރަބިން ތެޔޮ އުފައްދާއިރުވެސް އިރުއިރުކޮޅާ ޢަރަބި ޤައުމުތަކުގައި ކަރަންޓު ކެނެޑެއެވެ. މީޑިއާއިން ހާމަކޮށްފައިވާ މަޢުލޫމާތު އެއްކޮށްލާއިރު ފެންނަނީ، ޢަރަބި 7 ޤައުމަކުން ދޭތެރެދޭތެރެން ކަރަންޓު ކެނޑޭ ކަމަށެވެ. އެކި ޤައުމުތަކުގައި ކަރަންޓު ކެނޑެނީ އެކި މިންވަރަށެވެ.

މިޞްރުގައި ދުވާލަކު ގާތްގަނޑަކަށް 3 ގަޑިއިރަށް ކަރަންޓު ކެނޑެއެވެ. މިސްރު ސަރުކާރުން ބުނަނީ ބާރު ބޮޑުވުމުގެ ސަބަބުން 3 ގަޑިއިރަށް ކަރަންޓު ކަނޑާލަނީ ކަމަށެވެ. ލުބުނާނުގައި 10 ގަޑިއިރަށްވުރެ ގިނައިރު ކަރަންޓު ކަނޑާލައެވެ. އިރާޤުގައި ގާތްގަނޑަކަށް 6 ގަޑިއިރަށް ކަރަންޓު ކެނޑެއެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހި، ބައެއް ފެކްޓްރީތައް ބަންދު ކުރަން ޖެހުމުން ގެއްލުންވާކަން ފާހަގަ ކޮށްފައި ވެއެވެ.

މިސްރުގެ ކަރަންޓު ކެނޑުން މާލީ މައްސަލަތަކާވެސް ގުޅިފައި ވެއެވެ. އިރާޤުގައި ފައިސާގެ މައްސަލައެއް ނެތް އިރު އެޤައުމުން ބުނަނީ އެއީ، ކަރަންޓުގެ ވިއުގަ މަރާމާތު ކުރާތީ ދިމާވާ މައްސަލައެއް ކަމަށެވެ.

ކަރަންޓު ކެނޑޭ އިތުރު އެހެން ޤައުމުތަކުގެ ތެރޭގައި، ކުވައިތު، ލުބުނާން، ސޫދާން އަދި ސީރިއާވެސް ހިމެނެއެވެ.

މިމައްސަލައަށްޓަކައި ޢަރަބި ހުރިހައި ޤައުމަކަށްވެސް އޮތް ޙައްލަކީ އިއާދަނުރަނިވި ވަސީލަތްތަކުން ހަކަތަ އުފެއްދުން ކަމަށް މުހައްލިލުން މި ޤައުމުތަކަށް ލަފާ ދީފައި ވެއެވެ.

ހިއްސާ ކުރައްވާ!