ޔޫއޭއީގައި އެއާ ޓެކްސީގެ ޚިދުމަތް ތަޢާރަފް ކުރަނީ

އެއާ ޓެކްސީގެ ޚިދުމަތް ދިނުމަށް އާޗާ އެވިއޭޝަން ކުންފުނިން ބޭނުން ކުރާ ފުރަތަމަ މަތިންދާބޯޓު ޔޫއޭއީއަށް ގެނަސްފިއެވެ. އާޗާ އެވިއޭޝަންގެ ފުރަތަމަ މަތިންދާބޯޓުތައް ބޭނުން ކުރާނީ ޓެސްޓު ކުރުމަށް އެމެރިކާ ސިފައިން އުފުލުމުގެ މަސައްކަތުގައެވެ.

މިއަހަރުގެ ކުރީކޮޅު އާޗާ އެވިއޭޝަން އިން ވަނީ “މިޑްނައިޓް” މަރުކާގެ އެއާ ޓެކްސީ އަބޫދާބީގެ ވައިގެ ބަނދަރުން އޮޕަރޭޓު ކުރުމަށް އަބޫދާބީ އިންވެސްޓްމަންޓް އޮފީހާ އެކު އެތައް މިލިއަން ޑޮލަރެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިވައްތަރުގެ މަތިންދާބޯޓުތަކަކީ، ބެޓެރިން އުފައްދާ ހަކަތައިގެ ބާރުގައި، އާންމު މަތިންދާބޯޓާ ޚިލާފަށް އުދުއްސައިގަތުމަށް އޮލަނބަށް އުދުހޭ، އިލެކްޓްރިކް ވަރޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން (އީވީޓޯލް) ވައްތަރުގެ ބޯޓުތަކެކެވެ.

މި އާ ޓެކްނޮލޮޖީގެ ސަބަބުން އިމާރާތުގެ އެތެރޭގައި ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. އަދި އަބޫދާބީ އާއި ދުބާއީއާ ދެމެދު ދަތުރުކުރާ ވަގުތު 60-90 މިނެޓުން އެންމެ 10-20 މިނެޓަށް ކުރުވެގެން ދާނެއެވެ. އަދި ކޮންމެ ފަސިންޖަރަކަށް، 800-1500 ދިރުހާމް އާއި ދެމެދުގެ އަގަކަށް އަގުވެސް ކުޑަވާނެ ކަމަށް ބެލެވެއެވެ. އަދި އެތެރޭގެ ދަތުރުތަކުގައި ގާތްގަނޑަކަށް 350 ދިރުހަމް ޚަރަދުވާނެ ކަމަށް ބެލެވެއެވެ.

މި ވައްތަރުގެ ޓެކްސީ ކުރިއަށް އޮތް، 18 މަހާއި 24 މަސް ދުވަހުގެ ތެރޭގައި އާންމު ޚިދުމަތަށް ނެރުމަށް ހަމަޖެހިފައި ވެއެވެ.

މީގެ ކުރިން އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން އާޗާއާއެކު އެއްބަސްވެފައި ވަނީ “މިޑްނައިޓް” މަތިންދާބޯޓުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ޓެސްޓްތައް ކޮށްދިނުމަށެވެ.

އެގޮތުން، މައްޗަށް އެރުމާއި، ބިމަށް ޖެއްސުމުގެ ގާބިލްކަމާއި، އޭގެ ބުރަފަތީގެ މަސައްކަތާއި އެތެރެއާ ބޭރަށް އަޑު ހުންނަ މިންވަރު ބަލައި ދިރާސާ ކުރުމަށް އެއްބަސްވެފައި ވެއެވެ.

ހިއްސާ ކުރައްވާ!