ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް 2024ގައި ވާހަކަ ދައްކަވަމުން، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙު ވިދާޅުވަނީ، ކޮންސްޓްރަކްޝަންގެ ޞިނާޢަތާއި މެދު ޤައުމީ ފެންވަރުގައި އިތުބާރު އޮތް ކަމަށާއި ކޮންސްޓްރަކްޝަންއާ ގުޅޭ، ލޯނުތައް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބެންކުތަކުން ދީފައިވާ ޢަދަދު އިތުރު ވުމުން އެކަން ހާމަވެގެންދާ ކަމަށެވެ. ކޮންސްޓްރަކްޝަންގެ ދާއިރާއަށް އުންމިދީ ކުރިއެރުމެއް ލިބިފައިވީނަމަވެސް، ބައެއް ގޮންޖެހުންތައް ހުރިކަން ޖަނާޙު ފާހަގަ ކުރެއްވިއެވެ.
މިއަދު މެންހެޓަން ހޮޓެލްގައި ބޭއްވި، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް 2024ގެ އިފްތިތާޙީ ތަޤްރީރުގައި ޖަނާޙު ވިދާޅުވީ، ލޭބަރުންގެ ދަތިކަމާއި، ހުއްދަތައް ލިބުމުގައި ލަސްތަކެއް ދިމާވުމާއި، މާލީ ގޮންޖެހުންތަކެއް ހުރުމުގެ ސަބަބުން އެކަންކަމުގެ ހިޔަނި ދާއިރާގެ ތަރައްޤީއަށް އެޅެމުންދާ ކަމަށެވެ.
“މި ދާއިރާއަށް އޮތް އިތުބާރަކީ، މުޅި ރާއްޖޭގައި ކުރިއަށްދާ އެކިއެކި ކޮންސްޓްރަކްޝަން މަޝްރޫޢުތަކަށް އޮތް ތާއީދު ދައްކައިދޭ ކަމެއް” ކްރެޑިޓް އިތުރު ވެގެން ދިއުމުގެ މައްޗަށް އަލިއަޅުވާލައްވަމުން، ބިނާ ކުރަނިވި ގޮތަކަށް އެކަން ދެމެހެއްޓުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. އެހެންނަމަވެސް، ޖަނާޙު ވިދާޅުވީ، ހަމަ އެ މުއްދަތުގައި ކޮންސްޓްރަކްޝަން ޞިނާޢަތުގައި، ހަރަކާތްތައް 9 ޕަސެންޓަށް ދަށްވެފައިވާ ކަމަށާއި މަޝްރޫޢުތައް ނިންމުމުގައި ލަސްތަކެއް ކުރިމަތިވެގެން ގޮސްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.
“މި ލަސްތަކަކީ ހަމައެކަނި ޢަދަދުތަކެއް ނޫން- މިއީ އިންވެސްޓަރުން ފެށިގެން މަސައްކަތްތެރިންނާ ހަމައަށް މިކަމުގައި ބައިވެރިވާ އެންމެންނަށް ލިބެންވާ ކުރިއެރުންތައް މަޑުޖެހުމާއި، މަޝްރޫޢުގެ ޚަރަދުތައް އިތުރުވުމާއި، ދާއިރާގެ މީހުންގެ މާޔޫސީ އިތުރުވުން،” ޖަނާޙް ވިދާޅުވިއެވެ.
ކޮންސްޓްރަކްޝަންގެ ޞިނާޢަތަކީ، ރާއްޖޭގައި އެންމެ ގިނަ ބިދޭސިން ވަޒީފާގައި ގެންގުޅޭ ދާއިރާކަން ފާހަގަ ކުރައްވަމުން، އޭނާ ވަނީ، ލޭބަރުން ގެނައުމުގެ ކޯޓާއާއި އެމީހުންގެ ޕާމިޓްތައް ދޫކުރުން އަވަސްކޮށްދިނުމަށް މަސްއޫލު ފަރާތްތަކަށް ގޮވާލައްވާފައެވެ. އަދި މާލޭގައި ޑީވޯޓަރިންގެ ހުއްދަތައް ދިނުން ލަސްވާކަން ފާހަގަ ކުރައްވައި، އެއީ، މި ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ތާއަބަދުގެ ޝަކުވާއެއްކަން ފާހަގަ ކުރައްވައި އެކަމަށް ނިޒާމީ ޙައްލެއް ހޯއްދަވައި ދެއްވުމަށްވެސް އޭނާ ގޮވައި ލެއްވިއެވެ. މިފަދަ ހުއްދަތައް ލަސްވުމަކީ، މަޝްރޫޢުތައް ތާވަލާ އެއްގޮތަށް ނިންމުމަށް ދަތިތައް ކުރިވާ މައިގަނޑު ސަބަބުކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
ކޮންސްޓްރަކްޝަންގެ ޞިނާޢަތަކީ ބޭރުން ހުރިހައި ބާވަތެއްހެން އެތެރެކުރާ ދާއިރާއެއްކަން ފާހަގަ ކުރައްވައި މި ދާއިރާއަށް ބޭރުފައިސާ ލިބުމުގައި ހުރި ގޮންޖެހުންތަކަށްވެސް އޭނާ އަލިއަޅުވައި ލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ކޮންސްޓްރަކްޝަންގެ ޞިނާޢަތް ތަރައްޤީ ކުރުމަށް ދެއްވާ ޚާއްޞަ ސަމާލުކަން ފާހަގަ ކުރައްވައި، ޖަނާޙު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ޙާލަތުގައި، ކޮންސްޓްރަކްޝަންގެ ޞިނާޢަތުގައި މައްސަކަތް ކުރާ ފަރާތްތަކަށް ދައުލަތުން ލިބެންވާ ފައިސާ ލިބުމުގައި ކުރިމަތިވާ ދަތިތައް ޙައްލު ކުރުމަށް، އިންޑަސްޓްރީއާއި ސަރުކާރުން ވާހަކަ ދައްކައިގެން، މަޝްވަރާ ކުރުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
“ޕޭމަންޓް ލަސްވުމުން މިހާރުވެސް ޓައިޓް މާޖިންއެއްގައި ބޮޑެތި ވޯކްލޯޑްތައް މެނޭޖް ކުރަމުންދާ ކޮންޓްރެކްޓަރުންނަށް އިންތިހާއަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވޭ،” މި ލަސްތަކުގެ ސަބަބުން މުޅި ދާއިރާއަށް އެކަމުގެ އަސަރު އިޙުސާސް ކުރަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.
އެންމެ ގިނަޢަދަދަކަށް ބިދޭސިން ގެންގުޅެމުންދާ ދާއިރާއަކީ ކޮންސްޓްރަކްޝަންގެ ދާއިރާކަން ފާހަގަ ކުރައްވައި، ލޭބަރުންނާއި ވަޒީފާ އަދާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމަށާއި ބިދޭސި މަސައްކަތްތެރިން ދިރިއުޅޭ ވެށީގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްވެސް ގޮވާލެއްވިއެވެ. އަދި އިންސާނީ ވަގުފާރިއަށް ފުރުޞަތު ނުދީ، ކޮންސްޓްރަކްޝަންގެ ދާއިރާ އެކަމަށް ޙައްސާސް ވުމަށާއި ދާއިރާއިން ނަމޫނާ ދެއްކުމަށްވެސް ޖަނާޙު ގޮވައިލެއްވިއެވެ.
“ރައްކާތެރި އަދި ސާފުތާހިރު ބޯހިޔާވަހިކަމާއި، އިންސާފުވެރި ގޮތަކަށް އުޖޫރަދިނުމާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތް ކޮށް، ކަރާމާތްތެރި މަސައްކަތުގެ މާޙައުލެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޞިނާޢަތުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް،” މުޙައްމަދު ޢަލީ ޖަނާޙު ވިދާޅުވި އެވެ.
ޖަނާޙުގެ ތަޤްރީރު ނިންމަވައި ލެއްވީ، މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ދާއިރާގެ ލީޑަރުންނާއި ސަރުކާރުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވައިލައްވަމުންނެވެ. އަދި ޤައުމީ ޢުމްރާނީ ތަރައްޤީގެ އެންމެ މުހިއްމު ބައިވެރިޔާގެ ގޮތުގައި ކޮންސްޓްރަކްޝަން ޞިނާޢަތު އޮތުމަށާއި، ދާއިރާއިން ޤައުމީ ތަރައްޤީއާއި އިޤްތިޞާދަށް ޙިއްޞާވާ މިންވަރު ފާހަގަ ކުރައްވައި ދާއިރާގެ އެންމެހައި ފަރާތްތަކަށް އޭނާ ޝުކުރު އަދާ ކުރެއްވިއެވެ.