ރުވަންޑާއިން ފައްޅިތައް ބަންދުކުރަން ފަށައިފި

ރުވަންޑާގައި ފައްޅިތައް އިތުރުވަމުންދާތީ އެ ޤައުމުގެ ރައީސް ޕައުލް ކަގާމޭ ކަންބޮޑުވުން ފާޅު ކުރައްވައެވެ. ފައްޅިތައް ހިންގައިގެން މީސްމީހުން މުއްސަނދި ވަމުންދާތީ އެކަން ކޮންޓްރޯލު ކުރުމުގެ ގޮތުން، ރުވަންޑާގައި ފައްޅިއެއް ހިންގޭނީ ރަޖިސްޓްރީ ކޮށްގެންނެވެ. ފައްޅިއެއް ރަޖިސްޓްރީ ކުރުމަށްޓަކައި މަސްއޫލު ފަރާތްތަކުގެ ސީވީއާއި އެފަރާތްތަކުން ހަދާފައިވާ ތަމްރީނާއި، އިމާރާތާ ބެހޭ މަޢުލޫމާތު ހުށަހަޅަން ޖެހެއެވެ. އަދި ފާދިރީއަކަށް ވެވޭނީވެސް އެކަމަށް ބޭނުންވާ ތަމްރީން ހަދާފައިވާ ނަމައެވެ.

މި ދިޔަ ހަފްތާގައި ރުވަންޑާ ސަރުކާރުން ވަނީ 48 ފައްޅިއެއް ބަންދުކޮށްފައެވެ. މިހާތަނަށް 5ހާހަށް ވުރެން ގިނަ ފައްޅިތައް ބަންދުކޮށްފައިވާ ކަމަށް ނަސާރާ ދީނުގެ އިސްފަރާތްތަކުން ބުނެއެވެ.

ފައްޅިތައް ބަންދުކޮށްފައިވަނީ އެތަންތާނގައި އެދެވޭ ސަލާމަތީ ފިޔަވަޅު އަޅާފައި ނެތުމާއި އާންމު ޞިއްހަތަށް ރިޢާޔަތްކޮށްފައި ނެތުމާއި އެތަންތަން މުޑުދާރުވުމާއި އަދި އަޑުގަދަ ކުރާ ބޭނުން ކުރުމުންނެވެ.

ސެކިއުލާ އަދި ދީނާ މިނިވަންކަން ދީފައިވާ ރުވަންޑާގައި އަޅުކަން ކުރުމުގެ ތެރޭގައި އަޑުގަދަ ކުރާ ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

ހިއްސާ ކުރައްވާ!