ޕާކިސްތާނުގެ މޮޅެތި ސިކުނޑިތައް ޤައުމުން ބޭރަށް

ޕާކިސްތާންގެ އެތެރޭގެ ޙާލަތާ ހެދި، ފާއިތުވި 17 އަހަރު ތެރޭގައި ގާތްގަނޑަކަށް 10 މިލިއަން މީހުން ޕާކިސްތާނުން ބޭރަށް ހިޖުރަ ކޮށްފިއެވެ. އެންމެ ގިނައިން ހިޖުރަކުރި މީހުން ރެކޯޑްކޮށްފައި ވަނީ 2013 އިން 2018 އަށް ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ގެ ވެރިކަމުގެ ދައުރުގައެވެ. ޕާކިސްތާންގެ އާރީ ނިއުސްއިން ނެރެފައިވާ “އޭން އޮވަރވިއު އޮފް ޕާކިސްތާނީ އެމިގްރޭޝަން ޕެޓަރންސް” ގައިވާ ގޮތުން ފާއިތުވި 17 އަހަރު ތެރޭގައި ޕާކިސްތާނުން ޖުމްލަ 95،56،507 މީހުން ހިޖުރަކޮށްފައިވެ އެވެ.

އެންމެ ގިނައިން މީހުން ހިޖުރަ ކޮށްފައިވާތަން ފެނިފައިވަނީ 2015 ވަނަ އަހަރު އެވެ. އެ އަހަރު، 9،00،000 އަށް ވުރެ ގިނަ މީހުން ބޭރުވެފައި ވެއެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ނިޔަލަށް މި ޢަދަދު 60 ޕަސެންޓަށް ދަށްވެ، 3 ލައްކަ އަށް ތިރިވިއެވެ. އެހެންނަމަވެސް ކޯވިޑްގެ ލުއިތަކާއެކު އަނެއްކާވެސް ޢަދަދު އިތުރުވާން ފެށިއެވެ.

އާރީ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ހިޖުރަކުރި މީހުންގެ ޢަދަދު ގާތްގަނޑަކަށް 8،00،000 އަށް އަރާފައިވެ އެވެ. އަދި އެއަހަރު ހިޖުރަ ކުރި މީހުންގެ ތެރޭގައި، މަތީ ހުނަރުވެރިން 5 ޕަސެންޓަށް ހިމެނޭކަން ފާހަގަވެފައި ވެއެވެ. ކުރިން އެ ޢަދަދު އުޅުނީ 2 އިންސައްތައިގައެވެ.

މިދިޔަ ދެ އަހަރު ޕާކިސްތާން ދޫކޮށް ދިޔަ މީހުންގެ ތެރެއިން ގިނަ މީހުންނަކީ، މަތީ ފެންވަރުގެ ހުނަރުވެރިންނެވެ.

2022ގެ ހިސާބުތައް ދައްކާ ގޮތުން، ޤައުމުން ބޭރުވެފައިޥާ ޢަދަދުތަކަކީ:

5،534 އިންޖިނިއަރުން، 18،000 އެސޯސިއޭޓް އިލެކްޓްރިކަލް އިންޖިނިއަރުން، 2،500 ޑޮކްޓަރުން، 2،000 އައިޓީ ސްޕެޝަލިސްޓުން، 6،500 އެކައުންޓެންޓުން، 2،600 ދަނޑުވެރިކަމުގެ ތަޖުރިބާކާރުން، 900 ޓީޗަރުން، 12،000 ކޮމްޕިއުޓަރ އޮޕަރޭޓަރުން، 1،600 ނަރުހުން، 21،517 ޓެކްނީޝަނުން ނެވެ. އަދި ހުނަރު ނެތް މަސައްކަތްތެރިންގެ ގްރޫޕްގައި  213،000 ޑްރައިވަރުން ހިމެނެއެވެ.

ޕާކިސްތާން މީހުން ހިޖުރަކުރާ މަންޒިލްތަކާއި ވަޒީފާގެ ފުރުޞަތުތަކުގައި ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ. އޭގެ ތެރޭގައި، ސަޢޫދީ ޢަރަބިއްޔާ، ޔޫއޭއީ، ޢޮމާން، އަދި ޤަތަރަކީ އާންމުކޮށް ޕާކިސްތާނުގެ މަޤްބޫލު މަންޒިލްތަކެވެ. މިހާރު ޔޫއޭއީގައި ވަޒީފާއަދާ ކުރާ ޕާކިސްތާނު މީހުންގެ ޢަދަދު ވަރަށް ބޮޑަށް ދަށްވެފައިވެއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގައި އިތުރު ވެފައި ވެއެވެ. ކޮވިޑް-19 އަށް ފަހުން ޕާކިސްތާނުން ހިޖުރަކުރާ މީހުންނަށް ޝައުޤުވެރިވާ މަންޒިލްތަކެއްގެ ގޮތުގައި އިނގިރޭސިވިލާތާއި އިރާޤު އަދި ރޫމިނިއާ ވެސް ވަނީ ފާހަގަވެފަ އެވެ.

އާރީ ނިއުސްއިން ބުނިގޮތުގައި ޕާކިސްތާންގެ މަތީ ފެންވަރުގެ މީހުން ޤައުމުން ބޭރުވުމުން ޤައުމުގެ އިޤްތިޞާދަށް ބޮޑެތި އަސަރުތައް ކުރެއެވެ.

ހިއްސާ ކުރައްވާ!