މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވެއްޖެ

ދެކުނު އިރުމަތީ އޭޝިއާގައި ކޮންޓެއިނާ ލިބުމުގެ ތާށިކަމާއެކު ރާއްޖެއަށް ހައްދާފައިވާ މުދާ ނުގެނެވި ގިނަ ދުވަސްތަކެއް ވެފައި ވުމަށްފަހު، މިހާރު އަނެއްކާވެސް މުދާ ލިބޭ ގޮތް ވެއްޖެއެވެ. ވިޔަފާރިވެރިން މަޢުލޫމާތުދޭ ގޮތުގައި މިއަހަރުގެ މާޗު މަހުގައި ހެއްދި އޯޑަރުތައްވެސް އަދި ރާއްޖެއަށް ފޯރާފައެއް ނުވެއެވެ.

މިފަހަރު ގިނަ ޢަދަދަކަށް ކޮންޓެއިނާއާއެކު ވިޔަފާރި ބަނދަރަށް އައިސްފައި ވަނީ، ސްޕިލް ނިކެން ކާގޯ ބޯޓެވެ. އެމްޕީއެލްއިން އިން ބުނާ ގޮތުގައި މިއީ އެކުންފުންޏަށް ބާރު ބޮޑު ހަފްތާއެކެވެ. އަދި މިހާރު ކްލިއާ ކުރަން ޖެހިފައިވާ 3 ހާސް ކޮންޓެއިނާއާއެކު އެފަރާތުގެ މަސައްކަތް ވަނީ ދެގުނައަށް އިތުރު ވެފައެވެ.

ސްޕިލް ނިކެން އިން ބާލަން ޖެހޭ 1147 ކޮންޓެއިނާގެ ތެރޭން މިހާރު އަދި ބޭލިފައި ވަނީ 632 ކޮންޓެއިނާއެވެ. އަދި އެމްއެސްއެސް ގެލީނާވެސް ބަނދަރުގައި އެބަ އޮތެވެ. އެ ބޯޓުންވެސް ބާލަން ޖެހޭ 406 ކޮންޓެއިނާ އޮތް އިރު، އެއިން އަދި ބޭލިފައި ވަނީ، 344 ކޮންޓެއިނާއެވެ.

އާގުބޯޓުތައް އައުމާއެކު މިދުވަސްވަރު ދިމާވެފައި ވަނީ، އާދަޔާ ޚިލާފަށް މޫސުމް ގޯސްވެފައިވާ ދުވަސްވަރަކާއެވެ. އެމްޕީއެލްގެ މަސައްކަތުގައި ލަސްތަކެއް ކުރިމަތި ވުމުގައި އެކަންވެސް އެފަރާތުން ފާހަގަ ކުރެއެވެ.

މާލޭގެ ބަނދަރަކީ، ޖާގައިގެ ގޮތުން ދަތި ބަނދަރެކެވެ. މިއަހަރު އެމްޕީއެލްއިން ވަނީ 250 ކޮންޓެއިނާ ޖެހޭ ވަރުގެ ޖާގައެއް އިތުރު ކޮށްފައެވެ. އަދި އިތުރު 100 ކޮންޓެއިނާއަށް ބޭނުންވާ ޖާގަ ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.

ހިއްސާ ކުރައްވާ!