ޓެރަރިސްޓް މީދާތަކަށް ބޮން އަޅައި ނައްތާލުމަށް ދެކުނު އެފްރިކާ ސަރުކާރުން ނިންމައިފި

ދެކުނު އެފްރިކާ ސަރުކާރުން ނުލަފާ އަރުވައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ މީދާތަކާ ދެކޮޅަށް ބޮން އަޅައި މީދާތައް ނައްތާލަން ނިންމައިފިއެވެ. މީދަލުގެ އުދަނގޫ ބޮޑުވެފައި ވަނީ، ފަޅު ރަށެއްގައި ހާލި ހަދައިގެން ބިސްއަޅާ އަލްބަޓްރޮސް ދޫނީގެ ބިސްތައް ފަޅައި، ދޫނިތައް ދިރިތިއްބާ މީދާތައް އެސޮރުމެން ކަމުން ގެންދާތީއެވެ.

ދެކުނު އެފްރިކާގެ ޖަނަވާރުންނާ ބެހޭ އިދާރާއިން ވަނީ އެ ޖަޒީރާގައި ނުލަފާ އަރުވާ މީދަލުގެ ވިޔާނުދާ އުޅުން ދައްކައިދޭ ވީޑިއޯއެއްވެސް ދައްކާލާފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ބައެއް އަލްބަޓްރޮސް ދޫނިތަކުގެ ކަރުގައި ދަތްއަޅައިގެން އެސޮރުމެން މަރާލާފައި ވެއެވެ. އަދި އެހެން ބައެއް ދޫނިތަކުގެ ގުނަވަންތައް ކައިފަ ހުރި މަންޒަރުވެސް ދައްކާފައި ވެއެވެ.

މީދާތައް ނުލަފާ އަރުވަމުންދާ ޖަޒީރާއަކީ، ދެކުނު އެފްރިކާގެ ވެރިރަށާއި 1200 މޭލު ދުރުގައި އޮންނަ މެރިއޮން ޖަޒީރާއެވެ. ދެކުނު އެފްރިކާގެ ސަރުކާރުން ވަނީ ޓެރަރިސްޓު މީދާތަކަށް ބޮން އެޅުމަށް، 29 މިލިއަން ޑޮލަރުގެ ބަޖެޓެއްވެސް ކަނޑައަޅާފައެވެ. މީދަލަށް ޙަލަމަ ދިނުމަށް، ހެލިކޮޕްޓަރުގައި ދަތުރުކޮށް 600 ޓަނުގެ ބޭސް ބޮން އެ ޖަޒީރާއަށް އެޅުން ހިމެނެއެވެ.

މެރިއޮން އަކީ 29 ވައްތަރުގެ ދޫނިތައް ދިރިއުޅޭ ޖަޒީރާއެކެވެ. ނަމަވެސް އެއިން 19 ވައްތަރެއް ވަނީ މީދަލުގެ ޓެރަރިޒަމްއާ ހެދި ނުރައްކަލަށް ހުށަހެޅިފައެވެ.

ހިއްސާ ކުރައްވާ!