ރަޙުމަތްތެރިއެއްގެ ގޮތުން ޞުލްޙައަށް މަސައްކަތް ކުރަން ބޭނުން: މޮދީ

ޔޫކްރޭނަށް ޞުލްޙަ ގެނައުމަށް “ރަޙުމަތްތެރިއެއްގެ ގޮތުގައި” އެހީތެރިވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުށަހަޅުއްވައިފިއެވެ. މޮދީ ވަނީ ޔޫކްރޭނަށް ކުރެއްވި ދަތުރުފުޅުގައި ޔުކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާފައެވެ.

އިންޑިޔާގެ ފޮރިން މިނިސްޓްރީން ބުނާ ގޮތުގައި އިންޑިއާއިން ބާރުއަޅަނީ، ކޮންމެ ޤައުމެއްގެ އިސްތިޤުލާލާއި ސަރަޙައްދުގެ އެއްބައިވަންތަކަމަށް އިހުތިރާމް ކުރުމަށެވެ. އެހެންވެ، މޮދީގެ މަޝްވަރާތަކުގައިވެސް އެކަމަށް ބާރުއަޅުއްވާފައި ވާނެއެވެ. އަދި އެކަމަށް އިންޑިއާއަށް އިސްކަން ދޭނެ ކަންވެސް މޮދީ ވަނީ ޒެލެންސްކީއަށް އަންގަވާފައެވެ.

މިދިޔަ މަހު ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި މޮދީ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށްވެސް އެގޮތަށް، ނަޞޭޙަތްތެރިވެ ވަޑައިގެންފައެވެ.

މޮދީ ވިދާޅުވީ “ހަނގުރާމައިގެ މައިދާނުގައި މައްސަލަތައް ޙައްލެއް ނުކުރެވޭނެ” ކަމަށެވެ. އަދި “މައްސަލަތައް ހައްލުކުރެވޭނެ ހަމައެކަނި ގޮތަކީ މަޝްވަރާ އާއި ޑިޕްލޮމެސީ” ކަމަށް ވިދާޅުވެ، “އެއީ އެއްވެސް ވަގުތެއް ފަސްޖެހުމެއް ނެތި ކުރަން ޖެހޭނެ ކަމެއް” ކަމަށް ބާރުއަޅުއްވާފައެވެ.

މޯދީގެ މި ދަތުރުފުޅަކީ އެކުވެރި ޔުކްރެއިންއަށް ސަޕޯޓު ކުރުމަށް، ރަމްޒީ ދަތުރުފުޅެއް ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެފައި ވެއެވެ. މި ދަތުރުފުޅަކީ، ޔޫކްރޭންގެ މިނިވަން ދުވަހުގެ ކުރިއާ ދިމާކޮށް އިންތިޒާމުކޮށްފައިވާ ދަތުރެކެވެ.

“އަޅުގަނޑުމެން އިޚްތިޔާރުކުރީ ހަނގުރާމައާ ދުރުގައި ތިބުން. އޭގެ މާނައަކީ އަޅުގަނޑުމެން ނިއުޓްރަލް ވުމެއް ނޫން،” މޮދީ ވިދާޅުވި އެވެ. “އަމިއްލަ ގޮތުން އަދި ރަޙުމަތްތެރިއެއްގެ ޙައިސިއްޔަތުން، އަޅުގަނޑަށް ކުޅެވޭނެ ރޯލެއް އޮތް ނަމަ ޞުލްޙައާ ދިމާއަށް އެ ރޯލު އަދާކުރަން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން.” މޮދީ ވިދާޅުވިއެވެ.

އިންޑިއާއާއި ޔުކްރެއިންއާއި ދެމެދު ދަނޑުވެރިކަމާއި ބޭސްވެރިކަމާއި ސަގާފަތުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ކުރިން މޯދީ އާއި ޒެލެންސްކީ ވަނީ އެކަހެރިކޮށް ދެ ގަޑިއިރާއި ބައި ގެ ވަޤުތެއް މަޝްވަރާގައި ހޭދަކުރައްވާފައެވެ.

މުޙައްލިލުން ބުނެފައިވާ ގޮތުގައި ޔޫކްރޭނަށް މޮދީ ކުރެއްވި ދަތުރުފުޅަކީ، ރަޝިޔާއަށް ޖެހިލުންނުވާކަން ދެއްކުމަށާއި މޯދީ އިތުރަށް ނިއުޓްރަލް ސްޓޭންޑެއް ނެގުމަށް ކުރާ މަސައްކަތްތަކެއް ކަމަށްވެސް ވެދާނެއެވެ.

މޮދީ މިދިޔަ ޖުލައި މަހު މޮސްކޯއަށް ކުރެއްވި ދަތުރުފުޅަށް، ޒެލެންސްކީ ވަނީ ފާޑުވިދާޅުވެފަ އެވެ. އެ ބައްދަލުވުމަކީ “ސުލްހައިގެ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެއް އަދި ބޮޑު ގެއްލުމެއް” ކަމަށް ޒެލެންސްކީ ސިފަކުރެއްވި އެވެ.

ހިއްސާ ކުރައްވާ!