ޑޮލަރު ތާށިވުމުގެ މައްސަލައާއި އޭގެ ފަސްމަންޒު: އެމްއެމްއޭއިން ތަފްސީލުކޮށްދިން ގޮތް

ދިވެހި ރުފިޔާއިން ހުންނަ އެކައުންޓުތަކާ ގުޅުވާފައިވާ، ބީއެމްއެލްގެ ވިސާ ކާޑުތަކުން ޑޮލަރުގެ މުޢާމަލާތު ކުރުން މިއަދު ހެނދުނު ލިމިޓް ކުރުމަށްފަހު، ބީއެމްއެލް އިން ވަނީ މިއަދު މެންދުރުފަހު، އެ ލިމިޓު އުވާލާފައެވެ. ބީއެމްއެލް އިން އެ ބެންކުގެ ނިންމުން ބަދަލުކޮށްފައި ވަނީ، ސަރުކާރާއި މަރުކަޒީ ބެންކުން އެދިގެންނެވެ. ބީއެމްއެލްގެ އެންމެ ބޮޑު ޙިއްޞާދާރަކީ ދިވެހި ސަރުކާރެވެ.

އެމްއެންއޭއިން ހަވީރު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ބީއެމްއެލްއިން “މިއަދު ގެނައި ބަދަލަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީ މި ބަދަލު މުރާޖަޢާ ކުރުމަށް” އެމްއެމްއޭއިން އެ ބެންކަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް، ވަޒީރުން ވަނީ މިކަމާ ގުޅޭ ތަފްޞީލުތަކެއް ހާމަކޮށްދެއްވާފައެވެ. އެގޮތުން އެބޭފުޅުންގެ ވާހަކަފުޅު ޚުލާޞާ ކުރެވެނީ 4 ނުކުތާއަށެވެ.

އެބޭފުޅުން ވިދާޅުވީ:

  1. ބީއެމްއެލްއަށް ދިމާވެފައިވާ ގޮން ޖެހުންތައް ޙައްލު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ބެންކުގެ އިސްފަރާތަށް ދެއްވާފައިވާ ކަން.

  2. ޑޮލަރު މުޢާމަލާތުގެ ތާށިކަމާ ގުޅިގެން އެމައްސަލަ ރައީސްގެ ސަމާލުކަމަށް އައުމުން، ރައީސް، ސީދާ ބެންކުގެ ސީއީއޯއަށް ގުޅުއްވި ކަން.

  3. މިދިޔަ 9 މަސް ތެރޭގައި ތިން ފަހަރު މަތިން މި މައްސަލާގައި ފިނޭންސް މިނިސްޓްރީން ބެންކާއެކު މަޝްވަރާ ކޮށްފައިވާ ކަން.

  4. ރާއްޖޭގެ މާލީ މުޢާމަލާތުގައި އުޅޭ ޑޮލަރު މި ދުވަސްވަރަށް މަދުވުމަކީ، މޫސުމީ ކަމެއް ކަން، އަދި މިހާރު ކުރިމަތި ވެފައި މި އޮތީ އެފަދަ ޙާލަތެއް ކަމަށާއި އެކަން ޙައްލުވާނެ ކަމުގެ ޔަޤީންކަން ސަރުކާރަށް އޮތް ކަން.

މިއަދު ހަވީރު، އެމްއެމްއޭއިން ޝާއިޢުކުރި ބަޔާނުގައިވެސް ރާއްޖޭގެ ޤައުމީ ބެންކުގެ މާލީ ޙާލަތުގެ ދުޅަހެޔޮކަން ރައްޔިތުންނަށް ކަށަވަރުކޮށްދީފައި ވެއެވެ. މަރުކަޒީ ބެންކުން ބުނީ، ބީއެމްއެލް އޮތީ ވަރަށްވެސް ދުޅަހެޔޮ ޙާލަތެއްގައި ކަމަށާއި، މިހާރު ދިމާވެފައިވާ ގޮން ޖެހުމަކީ، “ބީއެމްއެލްގެ ކާޑުގެ ޕޭމަންޓްސް މެނޭޖްކުރުމުގައި (ދިމާވެފައިވާ) ގޮންޖެހުންތަކެއް” ކަމެވެ.

ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރު މުޢާމަލާތްތައް މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް އެމްއެމްއޭއިން ބަލަމުންދާ ކަމަށާއި އެކަމަށް ޙައްލު ހޯދުމަށް މަރުކަޒީ ބެންކުން ބީއެމްއެލްއާ ބައްދަލު ކޮށްފައިވާ ކަން ރައްޔިތުންގެ ސަމާލުކަމަށް ގެނަސްފައި ވެއެވެ. އޭގެ އިތުރުން މިހާރު ދިމާވެފައިވާ ޑޮލަރުގެ ތާށިކަމުގެ މައްސަލައަށް އަލިއަޅުވާލަމުން އެމްއެމްއޭއިން ވަނީ އެކަން ދިމާވެފައިވާ ސަބަބުވެސް ރައްޔިތުންނަށް ސާފުކޮށް ދޭން މަސައްކަތް ކޮށްފައެވެ.

އެކަމުގެ ތަފްޞީލު ދެމުން، އެމްއެމްއޭއިން 2 ކަމެއް ފާހަގަ ކޮށްދީ، ރައްޔިތުންގެ ސަމާލުކަމަށް ގެނަސްދީފައި ވެއެވެ.

އެއިން، އެއް ކަމަކީ، ކޮވިޑް 19ގެ ވަބާއަށް ފަހު، ރާއްޖޭގެ ބެންކުތަކުން ދޫކޮށްފައިވާ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުޢާމަލާތްތައް އިތުރު ވެފައިވާ ކަމެވެ.

ދެވަނަ ކަމަކީ، ރާއްޖޭގެ މާލީ ނިޒާމުގައި، ދައުރުވާ ނަގުދު ފައިސާގެ ޢަދަދު އިތުރު ވެފައިވާކަމެވެ. އަދި އެފައިސާގެ ގިނަ ބައެއް ބީއެމްއެލްގައި ހުރިކަމެވެ.

މާލީ ނިޒާމުގައި ދައުރުވާ ފައިސާގެ ޢަދަދު އިތުރުވެފައިވާ މައްސަލައިން މިހާރުގެ ޙާލަތަށް އަސަރު ކުރާގޮތް މަރުކަޒީ ބެންކުގެ ބަޔާނުގައި ކިޔައި ދީފައި ވެއެވެ. އެމްއެމްއޭއިން ބުނަނީ މާލީ ނިޒާމުގައި ބޭނުންވާ ވަރަށް ވުރެން އިތުރަށްވެސް ފައިސާ ދައުރުވަމުންދާ ކަމަށެވެ. އަދި އެކަން ދިމާވެފައި ވަނީ، “ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިންގ ނިޒާމުގައި ރުފިޔާ ސަރޕްލަސް ލިކުއިޑިޓީ” އިތުރުވުމުން ކަމަށެވެ.

ބެންކިންގެ ނިޒާމުގައި ފައިސާ އިތުރަށް ހުރި މިންވަރުގެ ތަފްޞީލު ދެމުން، މަރުކަޒީ ބެންކުން ބުނެފައި ވަނީ، ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި 6.7 ބިލިއަން ރުފިޔާ ހުރި ކަމަށެވެ.

މި އިތުރުވެފައިވާ (އަރަނި) ފައިސާއިން ބީއެމްއެލްއިން ވަނީ އެކި ފަރާތްތަކަށް ލުއި ލޯނުތައް ދީފައެވެ. 2019 ވަނަ އަހަރު ނިމުނުއިރު މި ލުއި ލޯނުތަކުގެ ޢަދަދު ހުރީ 2.9 ބިލިއަން ރުފިޔާގައެވެ. އަދި މިހާރު، “މިއަހަރުގެ ޖޫން މަސް ނިމުނުއިރު ހުރީ 6.6 ބިލިއަން ރުފިޔާގައި” ކަމަށްވެސް އެމްއެމްއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިޢަދަދުތަކަކީ، އެމްއެމްއޭއިން ލަފާ ކުރާ ގޮތުގައި ކާޑުތަކުގެ މުޢާމަލާތްތައް އިތުރު ވުމަށް މެދުވެރިވެފައިވާ ސަބަބެވެ.

ރައްޔިތުންނަށް ދަތި ނުވާ ގޮތަށް، ބޭރު ފައިސާގެ މުޢާމަލާތްތައް އޮމާންކަމާއެކު ހިންގުމަށް، އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް އިތުރުކޮށްފައިވާކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ދީފައިވާ މަޢުލޫމާތުން އެނގެނީ:

2022 ވަނަ އަހަރު ނިމުނު އިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައިވާ ކަން.

2023 ވަނަ އަހަރު ނިމުނުއިރު 307 މިލިއަން ޑޮލަރު ވިއްކާފައިވާ ކަން.

2024، ހިނގަމުން މިދާ އަހަރުވެސް އިތުރަށް ވިއްކަމުން ގެންދާ ކަން.

އެމްއެމްއޭއިން ޑޮލަރު ދޫކުރާއިރު އެންމެ ބޮޑު ބައެއް ދޫކުރާ ބެންކަކީ ޤައުމީ ބެންކު، ބީއެމްއެލް ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނުގައި، ރައްޔިތުންނަށް ޑޮލަރު މުޢާމަލާތު ފަސޭހަ ކުރުމަށް، އައު ސިޔާސަތެއް ގެންގުޅޭނެ ކަމުގެ އިޝާރާތެއް ދީފައި ވެއެވެ.

އެ އައު ސިޔާސަތަކީ: “ކުރިއަށް އޮތްތަނުގައި އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި” ރުފިޔާ ޑެބިޓް ކާޑުން ރައްޔިތުންނަށް ޑޮލަރު މުޢާމަލާތު ކުރުމަށް އެހީވާ ބެންކުތަކަށް އެމްއެމްއޭއިން އިތުރަށް ޑޮލަރު ދޫކުރުމުގައި އިސްކަން ދޭނެ ކަމެވެ.

އަދި މިނުކުތާގައި އެމްއެމްއޭއިން ފާހަގަ ކޮށްފައި ވަނީ، ރުފިޔާ ޑެބިޓްކާޑުން ބީއެމްއެލްއިން ރައްޔިތުންނަށް މުޢާމަލާތު ކުރަން ފަސޭހަކޮށްދޭ ގޮތަށް އެހެން ބައެއް ބެންކުތަކުންވެސް އެކަން ކުރާ ކަމަށެވެ. އަދި “ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމަށް ރިއާޔަތްކުރާ ބޭންކުތަކަށް އިސްކަންދެވޭނެ” ކަމުގައި ސާފުކޮށް ބުނެފައި ވެއެވެ.

ރާއްޖޭގެ މާލީ ނިޒާމުގައި ހުރި މައްސަލަތައް ޙައްލުކޮށް، ޒަމާނީ ކުރުމަށް، އެމްއެމްއޭއިން ކުރަމުންދާ މަސައްކަތާ މެދު ޔަޤީންކަން ދެމުން އެ އިދާރާއިން ބުނެފައި ވަނީ އެ މަސައްކަތާއެކު، ރާއްޖޭގެ މާލީ ނިޒާމަށް އިތުބާރު ބޮޑުވެ، ބޭރުގެ އިންވެސްޓްމެންޓްތަކަށް ފަހި މާޙައުލެއް އުފެދިގެންދާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!