ޔޫކްރޭންއާއި ރަޝިޔާގެ ހަމަނުޖެހުމާ ގުޅިގެން ރައީސް މައުމޫނު ކުރެއްވި ޓުއީޓަށް ރަޝިޔާގެ ފާޑު ކިޔުން

ޔޫކްރޭންއާއި ރަޝިޔާގެ ދެމެދު ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްކުރެއްވި ޓުއިޓަށް ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ރަޝިޔާގެ ސަފީރު ލެވާން ޖަގަރެޔާން ފާޑު ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް އަދި މީސްމީޑިއާގައި ޢާންމު ކުރެއްވި ކޮމެންޓްރިގައި ޖަގަރެޔާން ވިދާޅުވީ، ރަޝިޔާއިން ޔުކްރެއިންގައި ފަށާފައިވާ ޚާއްޞަ ޢަސްކަރީ އޮޕަރޭޝަންގެ ސަބަބު، ރައީސް މައުމޫނު ދެނެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި ޑޮމްބަސްގެ މަދަނީ އާބާދީގައި ޒެލެންސްކީގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ އެތައް ބަޔަކު ހިމެނޭ ކަމަށާއި، އެމީހުންގެ ޙާލަތަށް ރައީސް މައުމޫނު ސަމާލުކަމެއް ނުދެއްވަނީ ކީއްވެގެންތޯ ސަފީރު ވަނީ ސުއާލު ކުރައްވާފައެވެ.

ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި ރަޝިޔާގެ އޮފިޝަލުންނާ ދެމެދު ޢާންމުކޮށް މިފަދަ ކުރިމަތިލުންތަކެއް ނުހިނގައެވެ.

ރަޝިޔާއިން ޔުކްރެއިންގައި އަޅާފައިވާ ޢަސްކަރީ ފިޔަވަޅުތަކުގެ ފަހަތުގައިވާ ސަބަބުތަކާ ބެހޭ ގޮތުންވެސް ރައީސް މައުމޫނު ވިސްނައި ވަޑައިގަތުމަށް ޖަގަރެޔާން  ވަނީ އިލްތިމާސް ކުރައްވާފައެވެ.

“ނޭޓޯއިން ރަޝިޔާގެ އިމުގެ ސަރަޙައްދާ ގާތަށް އައުމާއި ކިއެވްގައި ވެރިކަން ކުރާ ނިޒާމުގެ ނިއޯ ނާޒީ ޠަބީޢަތާ ހެދި” ރަޝިޔާއިން ޢަސްކަރީ ފިޔަވަޅުތައް އެޅީކަމަށް، ޖަގަރިޔާއިން ލިޔުއްވާފައި ވެއެވެ.

މި ހަމަނުޖެހުމުގައި، ރަޝިޔާއިން ޞުލްޙައަށް ކުރި މަސައްކަތްތައްވެސް ސަފީރު ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން، 2022 ވަނަ އަހަރުގެ މާޗް މަހު އިސްތަންބޫލްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ޔޫކްރޭނާއެކު ޞުލްޙަވެރި ޙައްލެއް ހޯދުމަކާ ހަމައަށް ރަޝިޔާއަށް ދެވުނު ކަމަށާއި ނަމަވެސް އެވާހަކަތައް މެދުކަނޑާލައި، ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއަށް ހަނގުރާމައިގެން ކުރިއަށް ދިއުމަށް، އެމެރިކާއާއި އިނގިރޭސިން ބާރު އެޅިކަން އޭނާ ފާހަގަ ކުރައްވައެވެ. އަދި 4 ފަހަރެއްގެ މަތިން ރަޝިޔާއިން ސުލްޙައަށް އެދުނުކަމަށާއި އެންމެ ފަހު ފަހަރުވެސް އެކަމަށް ގޮވައިލެއްވީ ރަޝިޔާގެ ރައީސްކަން ސަފީރު ފާހަގަ ކުރެއްވިއެވެ.

ސަފީރުގެ ބަޔާނުގައި ރައީސް މައުމޫނަށް އިތުރަށް ގޮވައިލެއްވީ، ހުޅަނގުން ގެންގުޅޭފަދަ ދެފުށް ދެގޮތް ސިޔާސަތު ނުގެންގުޅުއްވުމަށެވެ. އަދި ފަލަސްޠީނު މީހުންގެ ކެކުޅުމަށް އދގެ ސަމާލަތީ މަޖިލީހަށް ފިޔަވަޅެއް ނޭޅޭކަން ފާހަގަ ކުރައްވަމުން، އެމައްސަލައަށް ރައީސް މައުމޫނު ސަމާލުކަން ދެއްވުމަށް އެދިވަޑައިގަތެވެ. އަދި ސަލާމަތީ މަޖިލީހަށް ފިޔަވަޅު ނޭޅިގެން އުޅެނީ، އެންމެ ޤައުމެއްގެ ނޭއްގާނި ޢަމަލުތަކާ ހެދި ކަންވެސް ސަފިރު ފާހަގަ ކުރެއްވިއެވެ.

ފަލަސްޠީނު މައްސަލާގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ، ހަރުދަނާ ސިޔާސަތެއް ކަމަށް ވިދާޅުވެ، ސަފީރު ދިވެހި ސަރުކާރަށް ތަޢުރީފު ކުރައްވާފައި ވެއެވެ.

ރައީސް މައުމޫނުގެ ފަރާތްޕުޅުން ޖަގަރެޔާންގެ ބަޔާނަށް އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!