އިމިގްރޭޝަނާއި ހޯމް މިނިސްޓްރީ ކުރަމުންދާ މަސައްކަތުގައި މި ސުއާލާ މެދު ވިސްނާލިންތޯ؟

އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި މިއަދު އިމިގްރޭޝަންގެ 211 އޮފިސަރުން މާލެތެރެއަށް ނެރެފިއެވެ. އަދި މީގެ ކުރިން އިމިގްރޭޝަނުން ވަނީ 257 ތަނަކަށް ރެއިޑްކޮށްފައެވެ.

އިމިގްރޭޝަން އިދާރާއަކީ، މިއީ ހަމަ މީގެ ކުރިންވެސް އޮތް، ހަމަ އެ ޔުނިފޯމް ތުރުކުރައްވާ، އޮފިސަރުން އުޅުއްވާ އިދާރާއެވެ. ބަދަލުވެފައި ވަނީ އެ އިދާރާގެ ލީޑަރޝިޕެވެ!

އަދިވެސް އެހެން ވާހަކައެކެވެ!

މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް، 3،322 ބިދޭސީން އިމިގްރޭޝަނުން ޑިޕޯޓުކޮށްފައި ވެއެވެ. މިއީ ބިދޭސިންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި މިހާތަނަށް ހިންގާފައިވާ އެންމެ ކާމިޔާބު އެއް މަސައްކަތެވެ.

މިނުކުތާގައި ނިކަން ވިސްނަވާށެވެ!

ނޫސްތަކުގެ ހުރިހައި ސުރުޚީއެއްގައި ވެސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ އިޤްތިޞާދުގެ ތާށިކަމުގެ ވާހަކައާއި ޑޮލަރު ލިބުމުގައި އުޅޭ ދަތިކަމުގެ ވާހަކައެވެ. ހަމަ މިދަތިކަމުގެ ތެރޭގައި، މިޤައުމުން، މި ވަނީ 3،322 ބިދޭސިން ޑިޕޯޓުކޮށްފައެވެ. ބަޖެޓު ނެތިގެން ޝަކުވާކޮށް، ރައީސް އޮފީހަށް ސިޓީ ފޮނުވައި، ނޫނީ މަޖިލީހާ ބައްދަލުކުރަން އުޅުނު އަޑެއް ނީވެއެވެ.

ވިސްނަވާށެވެ! ޑިޕޯޓުކޮށްފައިވާ ކޮންމެ މީހެއްގެ މަތިންދާބޯޓު ޓިކެޓަށް ޑޮލަރުތަކެއް ވެސް އަރާނެ ނޫންތޯއެވެ؟ މާޒީގައި މިފަދަ ފިޔަވަޅު އެޅުމުގައި ފަހަތު ފަޔަށް ބުރަވެފައި ވަނީ ޓިކެޓް ގަންނާނެ ފައިސާ ނެތިގެންނެވެ!

އެކަމު މިއަދުގެ މި އިޤްތިޞާދީ މާޙައުލުގައި، ފައިސާ ނެތިގެން އިމިގްރޭޝަނުން، ނޫނީ ހޯމް މިނިސްޓްރީން ޝަކުވާކޮށް، އެއްވެސް އިދާރާއަކުން އަނެއް އިދާރާގެ ބޮލަށް ކަނޑައިގެން އުޅުނު ވާހަކައެއް، ތިޔައިން ބޭފުޅަކަށް އިވިވަޑައިގަތް ތޯއެވެ؟

މިއިން އެނގި ފާހަގަ ވަނީ އެންމެ ކަމެކެވެ. ކުރާނެ ހިތްވަރެއް ހުރެފައި އިޚުލާޞްތެރިކަމެއް އޮތްނަމަ، އަދި ލީޑަރޝިޕުން އެކަމަކަށް ބާރުއަޅާނަމަ، ނަތީޖާ ފެންނާނެކަން ޔަޤީންވާ ކަމެވެ! މިއީ އެހެން މުއައްސަސާތަކުންވެސް ވިސްނާލަން ރަނގަޅު ނުކުތާއެކެވެ.

އިމިގްރޭޝަނުން މިއަދުވެސް ނިކުތީ، 26 ޒޯނެއްގައި 52 ޓީމެއްގެ ގޮތުގައެވެ. އިމިގްރޭޝަނުން ކުރަމުން މިގެންދާ މަސައްކަތަކީ ރާއްޖޭގެ އާބާދީގެ 26 ޕަސެންޓު ކަމަށްވާ ބިދޭސީންގެ މައްސަލަ ޙައްލުކޮށް ޤަވާއިދަށް އެމީހުން ފެއްތުމުގެ މަސައްކަތެވެ.

ނަތީޖާ ޙާޞިލުވެފައިވާ މިންވަރަށް ބަލައި، ޝަކުވާއަކާ ނުލައި ނަތީޖާ ޙާޞިލުކޮށް ދެއްކި ގޮތާމެދު ވިސްނާލުންވެސް މުހިންމެވެ!

ހިއްސާ ކުރައްވާ!