ޖަމާޢަތޭ އިސްލާމީއަކީ ހުއްދަ ޖަމާޢަތެއްކަމަށް ނިންމައިފި

ޢިލްމާނީ އުޞޫލަށް ތަބާވާ ބަނގްލަދޭޝްގައި މަނާ ކޮށްފައި ބެއްވުމަށްފަހު  އެޤައުމުގެ އެންމެ ބޮޑު އިސްލާމީ ޖަމާޢަތް ހުއްދަ ކޮށްފިއެވެ. ޖަމާޢަތޭ އިސްލާމީ އަކީ ޓެރަރިޒަމަށް ވާގިވެރިވާ ޖަމާޢަތެއްކަމަށް ކަނޑައެޅީ އޮގަސްޓް މަހު 1 ވަނަ ދުވަހު، މަގާމުން ބާލާފައިވާ ބޮޑު ވަޒީރު ޝެއިޚު ހަސީނާ އެވެ. ވަގުތީ ސަރުކާރުން ބުނީ އެފަރާތުން ހޯދި ހޯދުމުގައި ޖަމާޢަތުން، ހަމަނުޖެހުން އުފެއްދުމުގައި ޙަރަކާތްތެރިވެފައިވާ ސާބިތެއް ނުކުރެވެއެވެ.

ޖަމާޢަތޭ އިސްލާމީއަކީ، ބަނގްލަދޭޝްގެ ޑިމޮކްރެސީގައި 7 ޕަސެންޓު ވޯޓު ކޮންޓްރޯލު ކުރާ ޕާޓީއެކެވެ. ނަމަވެސް ޖަމާޢަތޭ އިސްލާމީ އަކީ، ބަނގްލަދޭޝްގެ ބާނީ ޙަސީނާގެ ބައްޕަ، ޝެއިޚު ބުޖީބާއި ޙަސީނާގެ ޢިލްމާނީ ސިޔާސަތާ ހަތުރުވެރި ޕާޓީއެކެވެ. މާޒީގައި ޖަމާޢަތާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ގުޅުމުން އިންޑިއާއިން ވެސް ދެކެނީ ޖަމާޢަތަކީ ހަތުރުވެރި، ނިރުބަވެރިކަމަށް ވާގިވެރިވާ ޖަމާޢަތެއްގެ ގޮތުގައެވެ. ޖަމާޢަތުން ޕާކިސްތާނާ ދެކޮޅަށް މިނިވަންކަމުގެ ހަނގުރާމައިގައި މަސައްކަތް ކޮށްފައެއް ނުވެއެވެ.

ޖަމާޢަތުގެ ދުސްތޫރު ބުނާ ގޮތުން އެ ޖަމާޢަތުގެ އަމާޒަކީ ބަންގްލަދޭޝްގައި އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމެވެ.

ބަންގްލަދޭޝް އުފެދުނު ފަހުން ޖަމާޢަތާ ދެކޮޅަށް ސަރުކާރުން ވަނީ އެތައް ހާސް ޖިނާއީ މައްސަލަތަކެއް ގައި ދަޢުވާކޮށްފައެވެ. އަދި ޖަމާޢަތުގެ ލީޑަރުން ދަން ޖެއްސުމުގެ އިތުރުން، 90،000 އަށް ވުރެ ގިނަ މީހުން ޖަލަށް ލާފައިވެއެވެ.

ޖަމާޢަތޭ އިސްލާމީގެ ދާއިމީ މެމްބަރުންގެ ޢަދަދު، މިހާރު އުޅެނީ 73،046 ގައެވެ. އަދި މާޒީގައި ޢަވާމީ ލީގާއި އެ ޕާޓީގެ އިދިކޮޅު ބީއެންޕީއިންވެސް ޖަމާޢަތާ ގުޅިފައި ވެއެވެ. އެހެންވެ، ޖަމާޢަތަކީ ވެރިކަމުގައިވެސް އުޅެފައިވާ ޕާޓީއެކެވެ.

ޖަމާއަތާ ދެކޮޅު ޝަރީއަތްތައް ހިންގާފައި ވަނީ 2008 ވަނަ އަހަރު ބޮޑުވަޒީރު ހަސީނާ އުފެއްދި ހަނގުރާމައިގެ ޓްރައިބިއުނަލް އިންނެވެ. މިޓްރައިބިއުނަލްއިން ޖަމާޢަތުގެ މެމްބަރުންނަށް އަމާޒުކޮށް ޝަރީޢަތް ކުރުމުން ޕާކިސްތާނާއި ސަޢޫދީއާއި ތުރުކީން އެކަމާ ދެކޮޅު ހެއްޖެވެ. އަދި ޑާކާގައި ހުރި ތުރުކީގެ ސަފީރުވެސް އަނބުރައި ގެންދިޔައެވެ.

ހިއްސާ ކުރައްވާ!