ރާއްޖޭގެ މާލީ ޤާބިލުކަމުގެ ދަރަޖަ ދަށް ކުރުމުގެ މާނައަކީ ކޮބާ؟

ޤައުމެއްގެ ކިބައިގައި ދަރަނި ދެއްކުމުގެ ޤާބިލުކަން ހުންނަ މިންވަރު ވަޒަކޮށް ދަރަޖަ ކުރާ އިދާރާއެއް ކަމަށްވާ، ފިޗް އިން ރާއްޖޭގެ ދަރަޖަ ދަށްކޮށްފިއެވެ. ފިޗް ރޭޓިންސް އިން ރާއްޖޭގެ ދަރަނި ދެއްކުމުގެ ޤާބިލުކަން ހުރިކަމަށް ކުރިން ދަރަޖަ ކޮށްފައި ވަނީ، “ސީސީސީ+”ގައެވެ. ސީސީސީ ޕްލަސްގެ މާނައަކީ، ނުރައްކަލަށް ހުށަހެޅިފައި އޮތްނަމަވެސް، ދަރަނިތައް ދެއްކޭނެ ކަމުގެ ޤާބިލުކަން ޤައުމުގައި ހުރުމެވެ.

މިހާރު ރާއްޖޭގެ ދަރަޖަ ވަނީ، “ސީސީ” އަށް ދަށްކޮށްފައެވެ. މާނައަކީ، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށާއި، މާލީ ގޮތުން ނާޒުކު ޙާލަތަކަށް ވެއްޓިފައިވާ ކަމަށެވެ.

މިކަމުގެ ބިރަކީ، އިންވެސްޓަރުން ބޮނދައި، އެމީހުންގެ ޝައުޤުވެރިކަން ރާއްޖެއަށް ކުޑަވެ، ސަރުކާރަށް ފައިސާ ހޯދުމަށް ޓެކްސްތައް ބޮޑު ކުރަން ޖެހި، އަދި ހަމައެއާއެކީގައި، އިޤްތިޞާދީ ކުރިއެރުމާއި، ޤައުމީ އުފެއްދުންތެރިކަން މަޑުޖެހުމެވެ.

އެހެނެވެ ފިޗް ރޭޓިންގ ފަދަ، ދަރަޖަ ކުރާ އިދާރާތަކުގެ ދަރަޖަ ކުރުމަކީ، ދަރަނި ދެއްކުމުގެ ޤާބިލުކަން އޮތްކަން ބަޔާންކޮށްދޭ ރިޕޯޓް ކާޑެއްފަދަ އެއްޗެކެވެ.

އިޤްތިޞާދާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާއި، ދަރަނި ނުދެއްކި އިޤްތިޞާދު ވަޅު ޖެހިދާނެ ކަމުގެ ބިރަކީ ރައްޔިތުން ނުތަނަވަސްކަން އިޙުސާސް ކުރެވޭނެ ކަމެކެވެ.

މާބޮޑު އުންމީދީ ވާހަކައެއް ނޫނެވެ!

ނަމަވެސް މާލީ ދާއިރާގައި ރާއްޖެ ދަރަޖަ ކުރުމަށް އެންމެ ފުރަތަމައަށް ހުށަހެޅީ މިހާރުގެ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު މާލީ ވަޒީރަކަށް އުޅުއްވި ދުވަސްވަރުއެވެ. އެހެންވެ، މަރުކަޒީ ބެންކުގެ ވަނަރުނަރުގެ މަޤާމުގައި މުނައްވަރު ހުންނެވުމާއެކު، ދިމާވެގެން އުޅޭ މައްސަލަ މުނައްވަރަށް ސާފުވެ ވަޑައިގަންނަވާނެ ކަމަށް ބަލަމާ ހެއްޔެވެ؟ އަދި ފަރުވާއެއް ދެއްވަން އެނގިވަޑައިގަންނަވާނެ ކަމަށްވެސް ޔަޤީން ކުރަމާ ހެއްޔެވެ؟

ފިޗް އިން ރާއްޖޭގެ ދަރަޖަ ދަށް ކުރުމާއެކު މަރުކަޒީ ބެންކު، އެމްއެމްއޭއިން ވެސް އެކަން ތަފްޞީލުކޮށް ދިނުމަށް ބަޔާނެއް ނެރެފައިވެއެވެ. އެބަޔާނުގައި އިޤްތިޞާދު ދުޅަހެޔޮކޮށް، އަދި އިޤްތިޞާދުގައި ހަކަތަ ޖެއްސުމަށް ކުރަމުންދާ މަސައްކަތް ކިޔައިދީފައި ވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއާ ބެހޭ ގޮތުން ބުނެފައި ވަނީ، އެ ދާއިރާ ކުރިއަރަމުންދާ ތަން ފެންނަމުންދާ ކަމަށެވެ. އޮގަސްޓް މަހު ފަތުރުވެރިން އައި ޢަދަދު އަހަރުން އަހަރަށް ބަލާއިރު %11 އިތުރުވެފައި ވާކަމަށެވެ. 

އަހަރު ދެބައި ވެގެން ދިޔައިރު ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭތަކުގެ ޢަދަދު 7 ޕަސެންޓަށް އިތުރު ވެފައި ވެއެވެ.

މިޢަދަދުތަކަށް ބަލާއިރު، ހިނގަމުން މިދާ އަހަރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 5 ޕަސެންޓާ ކައިރި ކުރާ ޢަދަދަކަށް ކުރިއަރާނެ އެވެ.

އަދި އަންނަ އަހަރު، 2025ގައި، 6.5 ޕަސެންޓްގައި ޤައުމީ އުފެއްދުންތެރިކަން އުޅޭނެއެވެ. އެއީ ވަރަށްވެސް ދުޅަހެޔޮ ޢަދަދެކެވެ.

ވެލާނާ އެއާޕޯޓު، މިއަހަރުގެ ފަހުކޮޅު ހުޅުވުމުން ފަތުރުވެރިކަން އިތުރަށް ތަރައްޤީވާނެ ކަމަށް އެމްއެމްއޭއިން އަންދާސާ ކުރެއެވެ.

ދަރަންޏާއި އަރަނި އަދި ރިޒާވްގައި ހުންނަ ފައިސާއާ ބެހޭ ގޮތުން އެމްއެމްއޭއިން ބުނެފައި ވަނީ އެއްވާނެއްގައި ބަޖެޓްގެ ދަރަނި ކުޑަ ކުރެވެމުންދާތަން ފެންނަ ކަމަށެވެ.

އެގޮތުން، 2023ގައި ދައުލަތުގެ ބަޖެޓުގެ ދަރަނި އުޅުނީ، 21 ޕަސެންޓަށް ވުރެން މަތީގައެވެ. ނަމަވެސް މިހިނގާ އަހަރު އެ ޢަދަދު، 19 ޕަސެންޓަށް ވުރެން ބޮޑުކޮށް ދަށް ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.

ރަސްމީ ރިޒާވާއި ބެހޭ ގޮތުން ބުނެފައި ވަނީ، ރިޒާވް ދަށްވިނަމަވެސް، ޖުލައިމަސް ނިމުނުއިރު، ރަސްމީ ރިޒާވް، 395 މިލިއަން ޑޮލަރަށް އަރައި، ބޭނުން ކުރެވޭ ރިޒާވް 45 މިލިއަން ޑޮލަރުގައި ހުރިކަމަށެވެ.

ފަހަށް ރައްކާ ކުރާ ސޮވްރިން ފަންޑާ ބެހޭ ގޮތުން ބުނެފައި ވަނީ، ނޮވެމްބަރު 2023 ގައި 5 މިލިއަން ޑޮލަރުން މިއަހަރުގެ ޖުލައި މަހު 65 މިލިއަން ޑޮލަރަށް އެފަންޑްގެ ފައިސާ އިތުރުވެފައިވާ ކަމަށެވެ. އަދި މިއަހަރު ނިމޭއިރު، ސޮވްރިން ފަންޑްގައި ރައްކާކޮށްފައިވާ ފައިސާގެ ޖުމުލަ ޢަދަދު 606 މިލިއަން ޑޮލަރަށް މަތިވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

އިޤްތިޞާދު ހަމައަކަށް އެޅުވުމަށް، ސަރުކާރާ އެކު އެމްއެމްއޭ އިން މަސައްކަތް ކުރަމުންދާކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ. އެގޮތުން، ބޮންޑް ވިއްކުމާއެކު، އިންޑިއާގެ ރިޒާވް ބޭންކާ ވާހަކ ދައްކައިގެން 400 މިލިއަން ޑޮލަރުގެ ބޭރު ފައިސާގެ ކަރަންސީ ސްވޮޕް އެގްރީމަންޓެއްގެ މަސައްކަތް ހިނގަމުންދާކަމަށްވެސް ބުނެފައި ވެއެވެ.

ފައިސާ މާރު ކުރުމަށް ދިމާވާ މައްސަލައިގައި ބުނެފައި ވަނީ، ކޮވިޑް-19އާ ގުޅިގެން ޗާޕުކުރި ފައިސާގެ 6.7 ބިލިއަން ރުފިޔާ މާލީ ނިޒާމުގެ ތެރޭގައި އިތުރަށް ދައުރު ވުމުން ބޭރު ފައިސާ މާރުކުރުމުގެ އަގުތައް ހިފެހެއްޓުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މިމައްސަލަ ޙައްލު ކުރުމަށްޓަކައި، މާލީ ނިޒާމުގައި އިތުރަށް ދައުރުވާ ފައިސާ “އަތުލައިގަނެ” ނިޒާމު ސާފު ކުރުމަށް އެމްއެމްއޭއިން މަސައްކަތް ކުރާ ކަމަށްވެސް ބުނެފައި ވެއެވެ.

މާލީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކިޔައިދެމުން ބުނެފައި ވަނީ ޚަރަދު ކުޑަކުރުމާއެކު އާމްދަނީ އިތުރު ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާޞިލުވާނެ ކަމުގެ ޔަޤީންކަން ވެސް ދީފައި ވެއެވެ.  އަދި މިފިޔަވަޅުތަކުގެ އަމާޒަކީ ދިގު ރާސްތާގެ އިޤްތިޞާދީ ބިންގަލަކަށް މަސައްކަތް ކުރުން ކަންވެސް އެމްއެމްއޭއިން ފާހަގަ ކުރެއެވެ.

ރާއްޖޭގެ ދަރަޖަ ދަށް ކުރީ ކީއްވެގެން ހެއްޔެވެ؟

ދަރަޖަ ދަށްކުރަން ޖެހުނީ، ރާއްޖޭން ރައްކާ ކޮށްފައިވާ ބޭރު ފައިސާ މަދުވުމާއި، ދަރަނި އިތުރު ވުމާއި، އިޤްތިޞާދީ ނިޒާމުގައި ހަމަހަމަކަން ގެއްލިފައި އޮތުމެވެ.

ރާއްޖެއަށް ޑޮލަރު ބޭނުންވާ މިންވަރު މިޢަދަދުތަކުން އަންދާސާކޮށްލާށެވެ!

10 ސެންޓު: އެއީ ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރަކުން ރާއްޖޭގެ އެތެރޭގައި ހަރުލާ ފައިސާގެ ޢަދަދެވެ. ދެން ހުރި ހުރިހައި ފައިސާއަކީ ޤައުމުން ބޭރުވާ ފައިސާއެވެ.

14 މިލިއަނެއް ހައި ޑޮލަރަކީ، ރާއްޖެއަށް ދުވާލެއްގެ އާމްދަނީއެވެ. އެކަމަކު ޚަރަދުތައް ފޫބައްދަން އެއަށް ވުރެން މާގިނައިން ފައިސާ ބޭނުން ވެއެވެ.

7 ބިލިއަން ޑޮލަރަކީ ރާއްޖޭގެ އިޤްތިޞާދުގެ އަހަރެއްގެ މައްޗަށް އުފައްދާ މިންވަރެވެ.

500 މިލިއަން ޑޮލަރަކީ، ރާއްޖޭގައި އުޅޭ ބިދޭސީން އެމީހުންގެ ޤައުމުތަކަށް އަހަރަކު ފޮނުވާ ޑޮލަރުގެ ޢަދަދެވެ.

600 މިލިއަން ޑޮލަރަކީ، ރާއްޖެއިން ތެޔޮ ގަތުމަށް ބޭރަށް ހޭދަ ކުރާ މިންވަރެވެ.

600 މިލިއަން ޑޮލަރަކީ އަލަށް އިޤްތިޞާދަށް ވެއްދުމަށާއި އާމްދަނީ އިތުރުކޮށް އިޤްތިސާދު ފުޅާކުރުމަށް ބަންކަރިން ގެ ދާއިރާއިން ލިބޭނެކަމަށް ސަރުކާރުން އަންދާސާ ކުރާ ޢަދަދެވެ.

40އާއި 80 މިލިއަން ޑޮލަރަކީ، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޓެކްސް ފައިސާ ޑޮލަރުން ނަގަން ފެށުމުން މާލީ ނިޒާމަށް އަލަށް ވަންނާނެ ޑޮލަރުގެ ޢަދަދެވެ.

އިޤްތިޞާދުގައި ހަކަތަ ޖައްސައި އައު ދާއިރާތަކުން އާމްދަނީ ހޯދައި މިހާރު ހުރި ދާއިރާތަކުން އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ އިތުރުން، ބޭރަށް ޑޮލަރު ދިއުން ހުއްޓުވުމަށް މުހިންމު ފިވަޅެއް އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ އައު ފިޔަވަޅެކެވެ!

މުދާ ގަތުމަށް ޑޮލަރަށް ބަރޯސާ ވުމުގެ ބަދަލުގައި އިންޑިއާއާއި ޗައިނާއާއެކު، އެޤައުމުތަކުގެ ފައިސާއިން މުދަލަށް ފައިސާ ދެއްކުމުގެ ނިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!