ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތަމުން ދިޔަ ދެމީހުންނަށް ދަޢުވާ ކޮށްފި

ކީރިތި ޤުރުއާނަށް، 2023ގައި އިހާނެތިކޮށް ހިތިކަމުގެ ކުށުގައި ސުވިޑެންގައި ދެމީހެއްގެ މައްޗަށް ދަޢުވާ ކޮށްފިއެވެ. މި ދެމީހުންނަކީ މުޒާހަރާތަކުގައި ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތަމުން ދިޔަ ދެމީހުންނެވެ.

ނަން މަޝްހޫރު ދެ މަލްޢޫނުން ކަމަށްވާ، ސަލްވާން މުމިކާ އާއި ސަލްވާން ނަޖުމް އަށް ކޮށްފައިވާ ދަޢުވާގައި ވަނީ މި ދެމީހުން ހަތަރު ފަހަރެއްގެ މަތިން، ނަސްލީ ދެކޮޅުވެރިކަން އުފެއްދުމަށާއި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރިކަމަށެވެ. އަދި މުސްލިމުންނަށް ފުރައްސާރަ ކުރިކަމަށާއި ކީރިތި ޤުރުއާންގެ ގަނޑުތައް އަންދާލުމާ އެކު ޤުރުއާނަށް އިހާނެތިކޮށް ހިތިކަމަށްވެސް ބުނެފައި ވެއެވެ.

ސީނިއާ ޕްރޮސެކިއުޓަރު އަނާ ހަންކިއޯ ވަނީ މިމީހުންގެ ޖަރީމާތައް ދައްކުވައިދޭ ވީޑިއޯ ރެކޯޑިން ވެސް ހުށަހަޅާފައި ވެއެވެ.

މީގެ އިތުރުން ސްވިޑެންއާއި ޑެންމާކުގައި ކަނާތުފިޔައިގެ މުޒާހަރާތަކުގައި، މުސްލިމުންނަށް ފުރައްސާރަ ކުރާ ރަސްމުސް ޕަލޫޑަންގެ މައްޗަށްވެސް މިމަހުގެ ކުރީކޮޅު ދަޢުވާކޮށްފަ އެވެ.

މި ތިން މީހުންނަކީ، ޚިޔާލު ފާޅުކުރުމުގެ ނަމުގައި ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތަމުން ދިޔަ ތިން މީހުންނެވެ.

މިމީހުންގެ މައްސަލަތަކާ ހެދި، ޑެންމާކުން މިދިޔަ ޑިސެމްބަރު މަހު ވަނީ އާންމު ތަންތަނުގައި ކީރިތި ޤުރުއާނުގެ ކޮޕީތައް އަންދާލުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅައި ޤާނޫނެއް ފާސްކޮށްފަ އެވެ. ނަމަވެސް ސްވިޑެން އިން އެފަދަ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!