ޕާކިސްތާންގެ ޤައުމީ އެއާލައިން ޕީއައިއޭ ވިއްކާލަން ނިންމައިފި

ޕާކިސްތާންގެ ޤައުމީ އެއާލައިން ވިއްކާލުމުގެ މަސައްކަތް އޮކްޓޫބަރު 1އަށް ނިންމާލެވޭނެ ކަމަށް އެޤައުމުގެ ޕްރައިވެޓައިޒޭޝަން ކޮމިޓީން ބުނެފިއެވެ. ޕީއައިއޭ އަކީ ފައިދާ ދައްކާ ކުންފުންޏަކަށް ނުވުމުގެ ސަބަބުން، 2011 ވަނަ އަހަރުން ފެށިގެން ސަރުކާރުން ދަނީ ސަބްސިޑީ ދެމުންނެވެ. 2016 ވަނަ އަހަރު ނިމުނުއިރު ޤައުމީ އެއާލައިން ވަނީ 3 ބިލިއަން ޑޮލަރުގެ ދަރަންޏަށް ގެނބިފައެވެ. އަދި 2018 ވަނަ އަހަރު ނިމުނުއިރު އެ އެއާލައިންގެ ދަރަނި، 3.3 ބިލިއަން ޑޮލަރަށް އަރާފައި ވެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ޕާކިސްތާންގެ ސަރުކާރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ޕީއައިއޭއާއެކު ސަރުކާރަށް ގެއްލުން ދައްކާ އެހެން ވިޔަފާރި ކުންފުނިތަކަށް ވެސް ބަދަލު ގެނައުމަށް އެއްބަސްވެފައި ވެއެވެ. އަދި ޕީއައިއޭ ވިއްކާލުމުގެ މަސައްކަތް ލަސްވަމުން ދިޔައީ، ޕާކިސްތާންގެ އިންތިޚާބާއި އަދި އެއަށްފަހު ސަރުކާރު އެކުލަވާލުމާ އަދި އެއާއެކު ދިމާވި ކަންތައްތަކުގެ ސަބަބުންނެވެ.

ޕިއައިއޭ ގަތުމަށް ޝައުޤުވެރިވާކަމަށް 6 ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ވެއެވެ. އަދި ގަންނަ ފަރާތަކުން އެކުންފުނީގެ 200 ބިލިއަން ރުޕިސްގެ ދަރަނި ދައްކަން ޖެހެއެވެ. އޭގެ އިތުރުން، ބޯޓުތައް މަރާމާތު ކުރުމަށް 400 މިލިއަން ރުޕީސް ހޭދަ ކުރަން ޖެހެއެވެ. ޕީއައިއޭއަކީ 830 ރުޕީސްގެ ގެއްލުން ދައްކާ ކުންފުންޏެއް ކަމަށް ސަރުކާރުން ބުނެއެވެ. ޕީއައިއޭގެ އިތުރުން ފުރަތަމަ ފިޔަވަހީގައި ވިއްކާލާ ކުންފުނިތަކުގެ ތެރޭގައި، ސަރުކާރުން ހިންގާ އާންމު ވިޔަފާރި ކުންފުނި ކަމަށްވާ ޑިސްކޯސްއާއި އިސްލާމްއާބާދުގެ ކަރަންޓު ކުންފުނި، އިސްކޯއާއި ފައިސަލްއާބާދުގެ ކަރަންޓު ކުންފުނި ފެސްކޯއާއި ގުންޖަރުވާލާ ކަރަންޓު ކުންފުނި ގެޕްކޯވެސް ވިއްކާލުމަށް ނިންމާފައި ވެއެވެ.

ހިއްސާ ކުރައްވާ!