ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މުހިންމު ފިޔަވަޅެއް އަޅައިފިއެވެ. އެމްއެފްޑީއޭއިން ވަނީ، “އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި ޢަމަލު ކުރަންވީ ގޮތުގެ މިންގަނޑު” އަދި “އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުޞޫލު” މިހާރު އާންމު ކޮށްފައެވެ.
މި އުޞޫލުތައް ބުނާ ގޮތުން، ގޭގައި އުފައްދާ ކާބޯތަކެތި ވިޔަފާރީގެ އުސޫލުން ވިއްކާ ނަމަ، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ “ބޭސިކް ފުޑް ސޭފްޓީ ކޯސް” ތަމްރީނު ފުރިހަމަ ކުރަން ޖެހެއެވެ. އަދި، އެފަދަ ފަރާތްތައް ރަޖިސްޓްރީ ކުރަން ވެސް ޖެހެއެވެ. އެކަމަށް އެދި ހުއްދަ ހޯދާ ފަރާތްތަކަށް ހުއްދަ ލިބޭނީ، އެމްއެފްޑީއޭއިން އެކުލަވާލާފައިވާ މިންގަނޑަށް ފެތޭނަމައެވެ.
ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން އެކަންކަން ކުރެވޭނީ، އީފާސް މެދުވެރިކޮށް، ދިރިތި ޕޯޓަލް މެދުވެރިކޮށެވެ.
އެމްއެފްޑީއޭއިން އުޞޫލު މިހާރު ހަރުދަނާ ކޮށް، ބުނެފައި ވަނީ، އެ އިދާރާގެ މިންގަނޑާ އެއްގޮތަށް ތަން ހުރިތޯބެލުމަށާއި ކާނާ ތައްޔާރު ކުރޭތޯ ބެލުމަށް އިންސްޕެކްޝަނެއް ހިންގާނެ ކަމަށެވެ. އަދި ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ޗެކްލިސްޓާއި އިޤްރާރުތައްވެސް އުޞޫލުގައި ހިމަނާފައި ވެއެވެ. އަދި އެކަންކަން އަމިއްލައަށް ފުރިހަމަކޮށް އަހަރަކު އެއްފަހަރު އިޤްރާރާއި ޗެކްލިސްޓްތައް ފޮނުވަން ޖެހެއެވެ.
މިންގަނޑުގެ އުސްއަލިތައް:
- ކާބޯތަކެތި އުފެއްދުމުން އުފެދޭ ވަހާއި ދުމާއި ކުނި އަދި ގަދަ އަޑުން އާންމުންގެ ސިއްހަތަށް ނުރައްކާ ވެގެން ނުވާނެ
- ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު ބަޔަކު ކާނާ އުފެއްދުމުގައި ބޭނުން ކޮށްގެން ނުވާނެ
- ކާބޯތަކެތި ތައްޔާރު ކުރެވޭނީ ތަމްރީން ޕްރޮގްރާމު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް
- ކަމާ ނުގުޅޭ މީހުން ކާނާ ތައްޔާރުކުރާ ތަނަށް ވައްދައިގެން ނުވާނެ
- ގޭގައި ކާނާ އުފެއްދުމުގައި އިންޑަސްޓްރިއަލް އަވަން ފަދަ އާލާތްތައް ބޭނުން ކޮށްގެން ނުވާނެ
- ޤައުމީ މިންގަނޑާ އެއްގޮތަށް ލޭބަލް ކުރަން ޖެހޭނެ
- ސާފުތާހިރު ކަމުގެ މިންގަނޑަށް ބަދިގެ އަދި އެތާނގައި ހިފާ ގެންގުޅޭ ސާމާނުތައް ފެތެން ޖެހޭނެ
- ކާނާ ތައްޔާރު ކުރާ ސަރަހައްދުގައި ޖަނަވާރާއި ދޫނި ފަދަ ތަކެތި ގެންގުޅެގެން ނުވާނެ
- ކަނޑައަޅާފައިވާ މިންގަނޑަށް ކުނި ނައްތާލަން ވާނެ
އެމްއެފްޑީއޭއިން މި އުޞޫލު ނެރެފައިވީނަމަވެސް، ރެސްޓޯރެންޓާއި ހޮޓާތަކުގައި ކާނާ އުފެއްދުމާއި ކާނާގެ ޚިދުމަތް ދިނުމަށް ތިބޭ ފަރާތްތަކަކީ ތަމްރީނު ފުރިހަމަ ކޮށްފައިވާ ފަރާތްތަކެއް ނޫނެވެ. އަދި އެއިން ބައެއް ފަރާތްތަކަކީ، އަމިއްލަ ތާހިރުކަމާއި، އާންމު ސާފުތާހިރުކަމުގެ މިންގަނޑާ ބެހޭ މަޢުލޫމާތަށްވެސް އަހުލުވެރި ވެފައި ނުވާ ފަރާތްތައް ކަން ފާހަގަ ކުރެވެއެވެ.