އަންހެނަކާ ބެހިގެން ވަޒީރު މަޤާމުން ވަކިކޮށްފި

ބްރަޒިލްގެ އިންސާނީ ޙައްޤުތަކާ ބެހޭ މިނިސްޓަރު ސިލްވިއޯ އަލްމެއިޑާ މަގާމުން ވަކިކޮށްފި އެވެ. ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑެ ސިލްވާ ގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ އިންސާނީ ޙައްޤުތަކާ ބެހޭ ވަޒީރު މަގާމުން ވަކިކުރަން ނިންމީ އޭނާ އަންހެނަކަށް ޖިންސީ ގޯނާ ކުރެއްވުމުގެ ތުހުމަތުގައެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ބްރަޒިލް މީޑިއާއިން ވަނީ ވަޒީރުގެ ޖިންސީ ގޯނާގެ ވާހަކަ ބޭޒާރުކޮށްލާފައެވެ. މެޓްރޮޕޮލިސް ނޫހުން އެކަން އާންމު ކުރީ ވަޒީރު ޝިކާރަކުރެއްވި އަންހެންމީހާ އެކަން ކިޔައިދިނުމުންނެވެ.

ފުލުހުންވެސް ވަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ފަށާފައެވެ.

48 އަހަރުގެ އަލްމެއިޑާ މީސްމީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި މި ތުހުމަތުތައް ވަރަށް ހަރުކަށިކޮށް ދޮގުކުރައްވައެވެ. އަދި މި ކަމަކީ އޭނާގެ ހަމުގެ ކުލައަށް ބަލައި އޭނާގެ އަބުރު ކަތިލުމަށް ކޮށްފައިވާ ތުހުމަތެއް ކަމަށް ވިދާޅުވެއެވެ.

މިއީ 2003 އިން 2010 އަށް ދެ ދައުރެއް ހޭދަކުރެއްވުމަށް ފަހު 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ލޫލާ އެނބުރި ވެރިކަމަށް ވަޑައިގެންނެވި ފަހުން ކުރިމަތިވެ ވަޑައިގަތް ފުރަތަމަ އަޚުލާޤީ މައްސަލައެވެ.

ހިއްސާ ކުރައްވާ!