ޝެއިޚު ހަސީނާގެ ވެރިކަމުގައި ބަންގްލަދޭޝްގެ އެކްސްޕޯޓު އިތުރު ވެގެން ދިޔަ ގޮތް

މީގެ 10 އަހަރު ކުރިން އިންޑިއާ އަކީ ބަނގްލަދޭޝްގެ އުފެއްދުންތައް އެކްސްޕޯޓު ކުރުމުގައި ލިސްޓުގައި 15 ވަނާގައި އޮތް ޤައުމެކެވެ. ނަމަވެސް ބަނގްލަދޭޝްގެ އުފެއްދުންތައް އެކްސްޕޯޓު ކުރުމުގައި ލިސްޓުގައި މިހާރު އިންޑިއާއަކީ 7 ވަނައެވެ. އިންޑިއާގެ ކޮމާސް މިނިސްޓްރީން ބުނާ ގޮތުގައި 2023ގެ ފުރަތަމަ 6 މަސް ދުވަހު 8 ޕަސެންޓް މަތީގައި އުޅުމަށްފަހު، 2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ބަނގްލަދޭޝްއިން އިންޑިއާއަށް އެކްސްޕޯޓު ކުރާ މުދަލުގެ ޢަދަދު 11 ޕަސެންޓަށް ދަށަށް ގޮސްފައި ވެއެވެ.

ބަނގްލަދޭޝްގެ ސިޔާސީ ހަލަބޮލިކަމާއެކު، އެޤައުމުން މުދާ އެކްސްޕޯޓު ކުރާ މިންވަރު ދަށަށް ދިޔައީއެވެ. އޭގެ ސަބަބެއް ކަމަށް ސިނާޢީ ފަރާތްތަކުން ބުނަނީ ހަލަބޮލިކަމާހެދި މުއްދަތަށް މަސައްކަތް ނުނިމިދާނެ ކަމުގެ ބިރު އޯޑަރުދޭ ކުންފުނިތަކަށް އޮތުމުން ނިއު އިޔަރ އާއި ކްރިސްމަސްއާ ދިމާކޮށް، ހުޅަނގުގެ ރެޑީމެއިޑް ގަމީސް ވިއްކާ ފަރާތްތަކުން ވަނީ ބަނގްލަދޭޝަށް އޯޑަރު ދިނުމުގެ ބަދަލުގައި، ޗައިނާ އާއި އިންޑިއާއާއި ވިއެޓްނާމަށް އޯޑަރުތައް ބަދަލުކުރަން ފަށާފައެވެ.

ޝެއިޚު ޙަސީނާ ބޮޑު ވަޒީރުކަމާ ޙަވާލުވެ ވަޑައިގަތުމުން ބަނގްލަދޭޝްގެ ސިނާޢަތާއި ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް އައިސްފައި ވެއެވެ. 2008 ވަނަ އަހަރު ބަނގްލަދޭޝްއިން އިންޑިއާއަށް އެކްސްޕޯޓްކޮށްފައިވަނީ 330 މިލިއަން ޑޮލަރުގެ މުދަލެވެ.

ޝެއިޚް ހަސީނާ ވެރިކަމަށް ވަޑައިގަތީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެކަމަނާގެ ވެރިކަމުގައި، 2010 އާއި 2012 އާ ދެމެދު އިންޑިއާއާއި ބަނގްލަދޭޝްގެ ވިޔަފާރީގެ ގުޅުން އާދަޔާ ޚިލާފަށް ބާރަށް ކުރިއަށް ދިޔައެވެ. އިންޑިއާއިން އެޅި ފިޔަވަޅުތަކާއެކު، ނިއުދިއްލީން ބަންގްލަދޭޝްގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ ސުމަކަށް ކުޑަކުރިއެވެ. އިންޑިއާއިން އެގައުމުގެ ބޯޑަރ ޓްރޭޑް އިންފްރާސްޓްރަކްޗަގައި ބޮޑެތި އިންވެސްޓްމެންޓްތައް ކޮށް ބަނގްލަދޭޝްއާއި އިންޑިއާ އާ ދެމެދު ވިޔަފާރިއަށް ފަހިކޮށްދިނެވެ.

އެއަށްފަހު ޖެހިގެން އައި 10 އަހަރު ތެރޭގައި އިންޑިއާ އާއި ބަންގްލަދޭޝް ދެމެދު ދަތުރުފަތުރު އާންމު ވެގެން ދިޔައެވެ. އަދި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދިއެވެ.

2008ގެ 330 މިލިއަން ޑޮލަރުގެ މުދާ ބަނގްލަދޭޝްއިން އިންޑިއާއަށް އެކްސްޕޯޓު ކުރިއިރު، 2013 ވަނަ އަހަރު އިންޑިއާއަށް 530 މިލިއަން ޑޮލަރު ގެ މުދާ އެކްސްޕޯޓުކޮށް، ބަނގްލަދޭޝްގެ 15 ވަނަ އެކްސްޕޯޓު މަންޒިލަކަށް އިންޑިއާ ހިމެނިގެން ދިޔައެވެ. އޭގެ ދިހަ އަހަރު ފަހުން، 2023 ވަނަ އަހަރު ބަންގްލަދޭޝް އިން މުދާ އެންމެން ގިނައިން އެކްސްޕޯޓު ކުރާ ލިސްޓުގެ 7 ވަނަ ޤައުމަކަށް އިންޑިއާ ވެގެން ދިޔައެވެ.

މުދާ އެކްސްޕޯޓް ކޮށްގެން ބަންގްލަދޭޝްއަށް އާމްދަނީގެ 85 ޕަސެންޓް ލިބެނީ ތައްޔާރީ ފޭރާމުންނެވެ. އަދި ބަނގްލަދޭޝަކީ ތައްޔާރީ ފޭރާން އުފެއްދުމަށް ރޯ މެޓީރިއަލް އެތެރެ ކުރުމަށް ބަރޯސާވާ ޤައުމެކެވެ. ބަނގްލަދޭޝަށް އަގު ހެޔޮކޮށް އެތަކެތި ލިބެނީ އިންޑިއާ އިންނެވެ. އެއީ ދަތުރުފަތުރު އަގުހެޔޮ ވެފައި ދެ ޤައުމުގެ ދެމެދު މުދާ ސަޕްލައި ކުރުން އަވަސް ވުމުންނެވެ. އެހެންވެ، ހަސީނާގެ ވެރިކަމުގައި އިންޑިއާއިން ބަނގްލަދޭޝްގެ އެކްސްޕޯޓަށް ދޮރުތައް ހުޅުވާލުމާއެކު އިންޑިއާގައި ހިންގާ އިންޑިއާއާއި ބޭރުގެ ބޮޑެތި ބްރޭންޑްތަކަށް ސަޕްލައި ކުރާ ފަރާތެއްގެ ގޮތުގައި ބަނގްލަދޭޝް ވެގެން ދިޔައެވެ. އަދި އިންޑިއާގެ ވެލިއު ޗޭންގެ މުހިންމު ބައެއްގެ ގޮތުގައި ބަނގްލަދޭޝް ހިމެނުނެވެ.

ބަންގްލަދޭޝްގެ ޖުމްލަ އެކްސްޕޯޓް 2020 އާއި 2022 އާ ދެމެދު 43 ބިލިއަން ޑޮލަރުން 68 ބިލިއަން ޑޮލަރަށް އިތުރު ވެގެން ދިޔައެވެ.

ހިއްސާ ކުރައްވާ!