ސިޔާސީ މަސްރަހުގައި ކުލުނާއި އިޙުތިރާމާއި ނިއަނެތިކަން ގެއްލިފައިވޭ: ގާނދީ

އިންޑިއާގެ ސިޔާސީ މަސްރަހުގައި ކުލުނާއި އިޙުތިރާމާއި ނިއަނެތިކަން ގެއްލިފައިވާ ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީ ވިދާޅުވެއެވެ. އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި، ޓެކްސަސްގެ ޑަލަސްގައި ދިރިއުޅޭ އިންޑިއާ މީހުންނާ ވާހަކަ ދައްކަވަމުން އޭނާ ވަނީ އިންޑިއާގެ ހަރުކަށި ފިކުރުގެ އާރްއެސްއެސްއަށް ފާޑު ވިދާޅުވެފައެވެ. އާރްއެސްއެސްއަކީ ވެރިކަން ކުރާ ބީޖޭޕީގެ ފިކުރީ މުއައްސަސާއެވެ.

“އާރުއެސްއެސް އިން ގަބޫލުކުރާ ގޮތުގައި އިންޑިއާ އަކީ އެއް ފިކުރެއް އޮންނަން ޖެހޭނެ ތަނެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިންޑިއާ އަކީ ތަފާތު ގިނަ ފިކުރަށް ޖާގަ ދީފައި އޮންނަން ވާނެ، ގިނަ ޚިޔާލުތަކެއް ހިމެނޭ ތަނެއް،” ގާނދީ ވިދާޅުވިއެވެ.

އެމެރިކާގެ މަސްރަޙުން މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ، ސިޔާސީ މަސައްކަތުގައި ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ދޭން ޖެހޭނެއެވެ. އަދި ވެރިކަމަށް އާދެވޭނެ ކަމަށް، ކޮންމެ މީހަކަށްވެސް ހުވަފެން ބެލުން ހުއްދަވާން ޖެހޭނެ އެވެ. އަދި އެ ފުރުޞަތު ހަމަ ކޮންމެ މީހަކަށްވެސް އޮންނަން ޖެހޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އިންޑިއާއަކީ އެތައް ސްޓޭޓެއްގެ މައްޗަށް ބިނާވެފައިވާ ޤައުމެއް ކަމުން، ތަފާތު ބަސްބަހަށާއި، ދީންތަކަށާއި، އަނެކާއަށް އިޙުތިރާމު ކުރުމުގެ އުޞޫލަކީ އިންޑިއާގެ ދުސްތޫރުގައި ބިންވަޅު ނެގިފައިވާ އުޞޫލެއް ކަމަށް ގާނދީ ވިދާޅުވިއެވެ. އެހެންވެ، އޭނާ މަސައްކަތް ކުރައްވަނީ އިންޑިއާގެ ސިޔާސީ މައިދާނުގައި ކުލުނާއި އިޙުތިރާމާއި ނިޔަނެތިކަން އަށަގެންނެވުމަށް ކަމަށް ވިދާޅުވިއެވެ. އަދި އެކަންކަމަކީ އިންޑިއާގެ ސިޔާސީ މައިދާނުން މިހާރު ބީވެފައިވާ ކަންކަން ކަމުގައި އޭނާ ވިދާޅުވިއެވެ.

އިންޑިއާ މީހުންނަށް އޭނާ ގޮވާލެއްވީ އެމީހުންގެ ވެށީގެ ފިކުރު އިންޑިއާއަށް ގެނަސްދީ އިންޑިއާގެ ފިކުރު އެމީހުންގެ ވެށްޓަށް ތަޢާރަފް ކޮށްދިނުމަށެވެ.

ހިއްސާ ކުރައްވާ!