ރާއްޖޭގެ ޑިޖިޓަލް މުސްތަޤްބަލަށް ފުރިހަމަ ތަޞައްވުރެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ. “ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އެ ވިޝަން ފޯރ އަ އިންޓެލިޖެންސް ޑްރިވަން ފިއުޗަރ ފޯ މޯލްޑިވްސް” ގައި ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، މާސިންގާ އިންޑިއާ ކަނޑުގައި ފެތުރިފައިވާ މި ޖަޒީރާ ޤައުމުގެ ތަރައްޤީއަށް ޓަކައި ސުމޭކު ބަދަލެއް ގެނައުމަކީ، ދުނިޔޭގައި އެނބުރޭ ޓްރެންޑަކަށް ތަބާވުމެއް ނޫން ކަމަށާއި އެއީ، ރާއްޖޭގެ ކުރިމަގާއި ތަރައްޤީއަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ވިދާޅުވެފައެވެ.
ރާއްޖޭގެ ހުރިހައި ދާއިރާއެއްގައި ޑިޖިޓަލް ވަސީލަތްތައް ލާމެހުމުގެ މުހިންމުކަން ފާހަގަ ކުރައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، “ޑިޖިޓަލައިޒޭޝަން އަކީ އަޅުގަނޑުމެންގެ ޤައުމީ ތަޞައްވުރުގެ ބިންގާ،” ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޒަޢާމަތުގައި ޑިޖިޓަލައިޒޭޝަނަކީ، ސަރުކާރުން އިސްކަންދޭނެ ކަމެއް ކަމަށެވެ. އަދި ޑިޖިޓަލައިޒޭޝަން އަކީ މުއްސަނދި ޤައުމުތަކަށް ޚާއްޞަ ވެފައިވާ ކަމެއް ނޫންކަމަށާއި އެއީ ރާއްޖެފަދަ ކުދި، ނާޒުކު ޤައުމުތައް ދެމިއޮތުމަށް ކޮންމެހެންވެސް ބޭނުންތެރި ވަސީލަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުވާލައްވަމުން، ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާ ކަމަށާއި، އެކަމުގެ ނަތީޖާއެއްގެ ގޮތުން، ހައިސްޕީޑް އިންޓަނެޓް ރާއްޖޭގެ އާބާދީގެ ސައްތައިންސައްތަ މީހުންނާ ހަމައަށް ފޯރާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި އިންފްރާސްޓްރަކްޗަރަކީ އަދި ހަމައެކަނި ބިންގާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުންނަށް ޑިޖިޓަލް ލިޓެރެސީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައި ލައްވާފައެވެ. އަދި ރައީސް ވިދާޅުވީ، ޑިޖިޓަލް މޯލްޑިވްސް ޕްރޮގްރާމް ފަދަ އިސްނެންގެވުންތަކާއެކު، ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ރައްޔިތުންނަކީ ހަމައެކަނި ޑިޖިޓަލް ވެށްޓެއްގައި ކޮންސިއުމަރުންނަށް ވުމުގެ ބަދަލުގައި ޑިޖިޓަލް އިޤްތިޞާދުގައި ބިނާކުރަނިވި ޙިއްޞާއެއް އަދާކުރާ ބަޔެއްކަމުގައި ހަދާށެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ނާޒުކު ކަންކަމާ ކުރިމަތިލުމަށް ޑިޖިޓަލައިޒޭޝަންގެ މުހިންމުކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ޤުދުރަތީ ކާރިސާތަކަށް އަވަސް އިންޒާރުދޭ ނިޒާމުތަކާއި ރިސޯސް މެނޭޖްމަންޓަށް ބޭނުންވާ ސްމާޓް ޓެކްނޮލޮޖީތައް މިހާރުވެސް ތަފާތު ޑިޖިޓަލް ޓޫލްސް މެދުވެރިކޮށް ޤައުމުގެ އެކި ދާއިރާތަކަށް އެހީތެރިވަމުންދާ ގޮތުގެ މިސާލުތައްވެސް ދެއްކެވިއެވެ. އެގޮތުން، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ތެރެއިން ޞިއްޙީ ޚިދުމަތާއި ތަޢުލީމާއި ސަރުކާރުގެ ޚިދުމަތްތައް ފަދަ ޒަރޫރީ ޚިދުމަތްތައް ދުރުން ފޯރުކޮށްދިނުމުގެ ޤާބިލްކަމަކީ ރާއްޖެފަދަ ޤައުމަކަށް މުހިންމު ކަމެއް ކަމަށާއި ޖިއޮގްރަފިކަލް ހުރަސްތަކުން ސަލާމަތް ވުމަށް އޮތް ޙައްލެއް ކަމުގައި ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަކީ ރައީސްގެ ޑިޖިޓަލް އެޖެންޑާގެ މުހިންމު ފޯކަސްއެކެވެ. ޑިޖިޓަލައިޒޭޝަންގެ ސަބަބުން އީ-ކޮމާސް، ޑިޖިޓަލް ޕޭމަންޓްސް، އަދި ވިޔަފާރިވެރިކަމުގެ ތެރެއިން އާ ފުރުސަތުތައް ދިވެހިންނަށް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ކުރިމަގުގެ އަމާޒަކީ އަލަށް ފަށާ ސްޓާޓްއަޕްތަކަށާއި ކުދި ވިޔަފާރިތަކަށް ކުރިއަރަމުން އަންނަ އިކޯސިސްޓަމެއް އުފެއްދުމާއި، އެކަމުގެ ސަބަބުން ޤައުމީ އިޤްތިޞާދަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ވެރިކަން ހިންގުމުގެ ދާއިރާގައި ޑިޖިޓައިޒޭޝަންއިން ކޮރަޕްޝަން މަދުކޮށް ހާމަކަން އިތުރުކުރުމަށް އެހީތެރިވެދިނުމުގެ މައްޗަށް އަލިއަޅުވާލައްވަމުން އާންމު ޚިދުމަތްތައް ދިނުން ރަނގަޅުކުރުމުގައި ޑިޖިޓަލް ސިސްޓަމްތަކުން އަދާކުރާ ދައުރަށް ވެސް ރައީސް އިޝާރާތް ކުރެއްވިއެވެ. އަދި މި ބަދަލުގެ ސަބަބުން ރައްޔިތުންނާއި އިންވެސްޓަރުންނަށް ފަހި މާޙައުލެއް އުފެއްދި، ޖަވާބުދާރީ ކުރުވަނިވި، ވަރުގަދަ ޕަބްލިކް ސާވިސް ފްރޭމްވޯކެއް ބިނާ ކުރުމަށް އެހީވެދޭނެ ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޑިޖިޓަލައިޒޭޝަންގެ ފައިދާއާ މެދު އުންމީދީ ތަޞައްވުރެއް އޮތްނަމަވެސް އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވައި ލެއްވިއެވެ. އެގޮތުން، ސައިބަރ ސެކިއުރިޓީ، ޑޭޓާ ޕްރައިވެސީ، އޮޅުވާލުމުގެ ޔޯލަވާހަކަތަކާއި ޑިޖިޓަލް ޑިވައިޑް ފަދަ މައްސަލަތަކަކީ ބައިނަލްއަގްވާމީ އެއްބާރުލުން ބޭނުންވާ ދާއިރާތަކެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވިއެވެ. ޑިޖިޓަލައިޒޭޝަންގައި އެންމެންގެ ބައިވެރިވުމާއެކު ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބައިނަލްއަޤްވާމީ ޙިއްސާދާރުންނާއެކު ގުޅިގެން މަސައްކަތް ކުރުމަށް ޜާއްޖެއިން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
ކުރިމަގުގައި ރާއްޖޭން ޑިޖިޓައިޒޭޝަންގެ ދާއިރާއިން ގެންގުޅޭނެ ޕްލޭންތަކަށް އަލިއަޅުވައި ލައްވަމުން، ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި އިނޮވޭޝަން ހަބްތަކާއި ޓެކްނޮލޮޖީ ޕާކްތައް ޤާއިމްކުރުމަށް ނޭޝަނަލް ޑިވެލޮޕްމަންޓް މާސްޓާ ޕްލޭނެއް އެކުލަވާލުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި، ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްއަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ، އެއީ، ޑިޖިޓަލް އިނޮވޭޝަން، ސަސްޓެއިނަބިލިޓީ، އަދި އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް އުފައްދަވާފައިވާ މުއައްސަސާއެއް ކަމަށެވެ.
އޭގެ އިތުރުން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދައުރު ފުޅާކުރުމާއި ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ރައްކާތެރިކުރުމަށް ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއެއް އުފައްދަވާނެކަންވެސް ރައީސްގެ ވާހަކަފުޅުގައި ޢިޢުލާން ކުރެއްވިއެވެ.
ކުރިއަރާފައިވާ ޒަމާނީ ޓެކްނޮލޮޖީގެ މައުޟޫޢަށް އަލިއަޅުވައި ލައްވަމުން ރައީސް ވަނީ 5ޖީ ޓެކްނޮލޮޖީ ފުޅާކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން، ސްމާޓް ރޯޑް ސިސްޓަމްތައް ތަންފީޒުކޮށް ޑްރޯން ބޭނުންކޮށްގެން މެޑިކަލް ސަޕްލައި ޑެލިވަރީ ކުރުމުގެ ޕްލޭންތަކަށް އިޝާރާތް ކުރެއްވިއެވެ. އަދި އެއީ، އެކަޑަމިކް ދާއިރާއާއި ތަފާތު ޞިނާޢަތްތަކަށް ދޮރު ހުޅުވިގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ ވާހަފުޅު ނިންމަވައި ލެއްވީ، ރާއްޖެއަކީ ކަންކަމާ ކެރިގެން ކުރިމަތިލުމުގެ އަލިގަދަ ތާރީޚެއް އޮތް ޤައުމެއް ކަމަށާއި، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މި ޒަމާނުގައި ޤައުމުގެ ތަނަވަސްކަން ކަށަވަރުކުރުމަށް އެންމެ މުހިންމު އެއް ދާއިރާއަކީ ޑިޖިޓަލައިޒޭޝަން ކަން އެމަނިކުފާނު ބައިވެރިންނަށް ހުށަހެޅުއްވިއެވެ. އަދި އދގެ ނިޒާމުން ރާއްޖޭގެ ޑިޖިޓަލް ޑިވެލޮޕްމަންޓަށް ވެދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަ ކުރައްވައި އެފަރާތްތަކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. “ޑިޖިޓަލައިޒޭޝަން އަކީ ހަމައެކަނި ވަސީލަތެއް ނޫން؛ އެއީ އުޖާލާ، ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް އޮތް ތަޅުދަނޑިއެއް” ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ ޑިޖިޓަލައިޒޭޝަންގެ ތަޞައްވުރުގެ ކާމިޔާބީ މިންކުރެވޭނީ ހަމައެކަނި ޓެކްނޮލޮޖީއަކުން ނޫން ކަމަށާއި، އެކާމިޔާބީ ވަޒަން ކުރެވޭނީ، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ފަހިކޮށްދޭ ހެޔޮ ބަދަލާއި ކުރިމަގާ ކުރިމަތިލުމުގެ ކުޅަދާނަކަން ލިބިފައިވާ އީޖާދީ ތަރިކައެއް ބިނާ ކޮށްދިނުމުން ޓެކްނޮލޮޖީން އެހީތެރިވެދިނުމުން ކަމަށް ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައި ލެއްވިއެވެ.