އިންޑިއާގެ ދިފާޢީ ވިޔަފާރި 14 އިންސައްތައަށް އިތުރުވެއްޖެ

އިންޑިއާއިން އަމިއްލަ އުފެއްދުންތެރިކަމަށް ބާރުއަޅައި އިމްޕޯޓަށް ބަރޯދާވުން ކުޑަ ކުރުމުގެ ސަބަބުން ނަތީޖާ ފެންނާން ފަށައިފިއެވެ. އިންޑިއާގެ ދިފާޢީ ޞިނާޢަތުގެ އުފެއްދުންތައް އެކްސްޕޯޓު ކުރާ މިންވަރު 14 އިންސައްތައަށް އިތުރު ވެފައި ވެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި މަސްރަޙު ހޫނުވަމުން ދިއުމާއި، ހަތިޔާރަށް ބޭނުންވާ މިންވަރު އިތުރު ވުމުގެ ނަތީޖާއަކީ، އިންޑިއާގެ އަމިއްލަ ދިފާޢީ ކުންފުނިތަކުގެ އުފެއްދުންތައް ގަތުމަށް ބޭނުންވާ ފަރާތްތައް އިތުރު ވެގެން ދިއުމެވެ. އިންޑިއާއިން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް 6 އަހަރުގެ ތެރޭގައި އިންޑިއާގެ ދިފާޢީ ދާއިރާ އަދިވެސް ދެގުނައަށް އިތުރު ވެގެންދާނެ އެވެ. އަދި ދިފާޢީ ކުންފުނިތަކުގެ ޙިއްޞާތަކުގެ އަގުތައްވެސް މަތިވެގެންދާނެ އެވެ. އެ މުއްދަތުގައި އިންޑިއާއަށް 100 ބިލިއަން ޑޮލަރުގެ ޑިފެންސް ވިޔަފާރި ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ.

އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ދިފާޢީ ސާމާނު އެތެރެ ކުރާ ޤައުމުވެސްމެވެ. އެގޮތުން ދުނިޔޭގެ ދިފާޢީ ސާމާނުގެ 9 ޕަސެންޓް އެތެރެ ކުރާނީ އިންޑިއާއިންނެވެ.

އިންޑިއާގެ ދިފާޢީ ސާމާނު އެކްސްޕޯޓު ކުރާ ޤައުމުތަކަކީ، އިޓަލީ، މިސްރު، ޔޫއޭއީ، ބޫޓާން، އިތިއޮޕިއާ، އަދި ސައުދީ އަރަބިއްޔާ އެވެ. މެދުއިރުމައްޗަކީ ދުނިޔޭގެ ހަތިޔާރުގެ 33 ޕަސެންޓް އިމްޕޯޓު ކުރާ ސަރަހައްދެވެ. އެއީ އަހަރަކު 11 ބިލިއަން ޑޮލަރުގެ ސާމާނެވެ. އަދި މެދުއިރުމަތީގައި އެންމެ ގިނައިން ދިފާޢީ ސާމާނު ގަންނަނީ 52 ޕަސެންޓް ގަންނަ ސަޢޫދީ އާއި ޤަތަރުންނެވެ.

ހިއްސާ ކުރައްވާ!